ރޮބަޓް ޕެޓިންސަންގެ "ބެޓްމޭން" 2022 އަށް ފަސްކޮށްފި

އަންނަ އަހަރު ރިލީޒްކުރަން އޮތް "ބެޓްމޭން" ގެ ޝޫޓިން އަށް ކޮވިޑް-19 އާ ހެދި ބުރޫއެރުމުގެ އިތުރަށް، ލީޑް އެކްޓަރު ރޮބަޓް ޕެޓިންސަނަށް ކޮވިޑް ޖެހިގެން ޝޫޓިން މެދުކަނޑާލަން ޖެހި މަސައްކަތްތައް ދިގުލައިގެން ގޮސްފައިވާތީ އެ ފިލްމު 2022 އަށް ފަސްކޮށްފި އެވެ.


ކޮވިޑާ ހެދި މި ފިލްމުގެ ޝޫޓިން އެންމެ ފުރަތަމަ މެދުކަނޑާލީ މާޗް މަހުގެ ތެރޭގަ އެވެ. އޭގެ މަސްތަކެއް ފަހުން އަލުން ފިލްމުގެ ޝޫޓިން އޮގަސްޓް މަހުގެ ފަހުކޮޅު ފެށިތަނާ ޕެޓިންސަނަށް ކޮވިޑް ޖެހިގެން ޝޫޓިން ހުއްޓުމަކަށް ގެނެސް، އަލުން ފެށީ ޕެޓިންސަން ބަލިން ފަސޭހަވުމުން މިދިޔަ މަހުގެ ފަހުކޮޅު އެވެ.

ކުރިން ރޭވި ގޮތަށް މަސައްކަތްތައް ކުރިއަށް ނުގެންދެވޭތީ "ބެޓްމޭން" މިހާރު ތާވަލުކޮށްފައި ވަނީ މާޗް 4، 2022 އަށެވެ. ކުރިން ފިލްމު ގެނެސްދޭ ގޮތަށް އޮތީ އަންނަ އަހަރުގެ އޮކްޓޯބަރު 1 ގަ އެވެ.

މީޑިއާތަކުން ބުނި ގޮތުގައި "ބެޓްމޭން" އާ އެކު ވޯނާ ބްރަދާޒްގެ އިތުރު ފިލްމުތަކެއްގެ ތާރީހަށް ބޮޑު ބަދަލެއް ގެންނަން ޖެހުނީ ސިނަމާތަކުގެ ވިޔަފާރި ހުއްޓި، ވަރަށް ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިފައިވާތީ އިނގިރޭސިވިލާތުގެ އެންމެ ބޮޑު ތިއޭޓަރު ޗެއިން ސިނެވޯލްޑުން އެ ގައުމުގައި ހިންގާ ހުރިހާ ސިނަމާތަކާއި އެމެރިކާގައި ހިންގާ ރީގަލް ސިނަމާތައް ވަގުތީ ގޮތުން ބަންދުކުރަން ނިންމުމާ ގުޅިގެންނެވެ.

ސިނެވޯލްޑުން ވަނީ އެތަނުން އޮޕަރޭޓްކުރާ 7،000 އަށް ވުރެ ގިނަ ސިނަމާ ވަގުތީ ގޮތުން ބަންދުކުރަން ނިންމައިފަ އެވެ. އަދި މިކަމާ ގުޅޭ ގޮތުން ފަހުގެ ނިންމުން ނިންމާނީ މުވައްޒަފުންނާ އެކު މަޝްވަރާތަކެއް ކުރުމަށް ފަހު ކަމަށް ބުނެފައިވެ އެވެ.

ސިނެވޯލްޑުން އޮޕަރޭޓްކުރާ ސިނަމާތައް ވަގުތީ ގޮތުން ބަންދުކުރަން ނިންމިކަން އިއުލާންކުރީ ކުރިން އަންނަ މަހުގެ 12 ގައި ރިލީޒްކުރަން އޮތް ޖޭމްސް ބޮންޑް ސީރީޒްގެ 25 ވަނަ ފިލްމު "ނޯ ޓައިމް ޓު ޑައި" އަންނަ އަހަރުގެ އެޕްރީލް 2 އަށް ފަސްކުރިކަން އިއުލާންކޮށްފައި ވަނިކޮށެވެ.