އީލޮން މަސްކްގެ ވާހަކަ ކިޔައިދޭ ސީރީޒެއް އެޗްބީއޯ އިން ހަދަނީ

ނުފޫޒުގަދަ ވިޔަފާރިވެރިއެއްގެ ގޮތުގައި މަޝްހޫރު މަހުޖަނު އީލޮން މަސްކްގެ ވާހަކަ ކިޔައިދޭ ސީރީޒެއް ގެނެސްދޭން އެޗްބީއޯ އިން ނިންމައިފި އެވެ.


މިކަމާ ބެހޭ ގޮތުން ވެރައިޓީން ބުނީ ޓެސްލާ އާއި ސްޕޭސް އެކްސް ފަދަ ކުންފުނިތަކުގެ ވެރިޔާ އަށް ބިނާކޮށް "ސްޕޭސް އެކްސް" ގެ ނަމުގައި ހަ އެޕިސޯޑްގެ މިނީ ސީރީޒް ހަދާނީ ލިޔުންތެރިޔާ އޭޝްލީ ވޭންސް ލިޔުނު ފޮތް "އީލޮން މަސްކް: ޓެސްލާ ސްޕޭސް އެކްސް، އެންޑް ދި ކްއެސްޓް ފޯ އާ ފެންޓާސްޓިކް ފިއުޗާ" އަސްލަކަށް ބަލައިގެންނެވެ.

ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޗޭނިން ޓޭޓަމް އެކްޒެކެޓިވް ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވާވާ "ސްޕޭސް އެކްސް" ގެ ސްކްރީންޕްލޭ ލިޔަނީ "ކޮންފިޑެންސް" އާއި "ސްޓާ ޓްރެކް: ބިޔޯންޑް" ފަދަ ފިލްމުތައް ލިޔުނު ޑާގް ޖަންގެވެ. އޭނާ ވެސް ސީރީޒްގައި އެކްޒެކްޓިވް ޕްރޮޑިއުސަރެއްގެ ޒިންމާ ނަގާނެ އެވެ.

"ސްޕޭސް އެކްސް" ޑައިރެކްޓްކުރާނެ މީހަކާއި އޭގައި އީލޮންގެ ރޯލް ކުޅޭނެ އެކްޓަރަކު އަދި އިއުލާނެއްނުކުރެ އެވެ. އަދި ބެލުންތެރިންނަށް ސީރީޒް ގެނެސްދޭނެ އިރެއް ވެސް އިއުލާނެއް ނުކުރެ އެވެ.

އީލޮން އަކީ ޓެކްނޮލޮޖީގެ ދާއިރާ އިން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން އަންނަ ވިޔަފާވެރިއެކެވެ. އެގޮތުން ޒަމާނީ އިލެކްޓްރިކް ކާރު ފަދަ ވެހިކަލްތައް އުފެއްދުމާއި ޖައްވީ މިޝަންތަކަށް ވެސް އޭނާ ފަހަކަށް އައިސް އަންނަނީ ބޮޑެތި އިންވެސްޓްމަންތައް ކުރަމުންނެވެ. އެގޮތުން ނާސާއާ ގުޅިގެން މާސް އާއި ހަނދަށް ދިއުން ފަދަ މިޝަންތައް އެބަހުއްޓެވެ. އީލޮންގެ އެއް އަމާޒަކީ ޓޫރިސްޓުންގެ ގޮތުގައި ހަނދަށް މީހުން އުފުލުމެވެ. އަދި 2024 އާ ހަމައަށް އަންނަ އިރު މިކަން ކާމިޔާބުކުރަން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މިހާތަނަށް ކުރި ތިން ކައިވެނި ރޫޅިފައިވާ 49 އަހަރުގެ އީލޮންގެ މިހާރު ހަތް ކުދިން އެބަ ތިއްބެވެ. އެއީ މިހާރު އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކެނެޑާގެ ޒުވާން ލަވަކިޔުންތެރިޔާ ގްރައިމްސް އަށް މެއި މަހު ލިބުނު ދަރިފުޅާ އެކީގަ އެވެ.

ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނޭ އީލޮންގެ މިލްކިއްޔާތު މިހާރު 93.3 ބިލިއަން ޑޮލަރަށް އަރަ އެވެ.