ރޮކްގެ ފަރާތުން އެތުލީޓުންނަށް ހާއްސަ މާސްކެއް ނެރެފި

ހޮލީވުޑްގެ މަޝްހޫރު އެކްޓަރު އަދި ކުރީގެ ރެސްލިން ތަރި ޑްވޭން ޖޯންސަން (ރޮކް) އެތުލީޓުންނަށް ހާއްސަ ފޭސް މާސްކެއް ނެރެފި އެވެ.


ކުޅިވަރު ކުޅޭ މީހުންނާއި ކަސްތަރުކުރާ މީހުންނަށް ހާއްސަކޮށްގެން، އަލުން ބޭނުންކުރެވޭ މި މާސްކް ނެރެފައި ވަނީ ރޮކްގެ އެޕޭރަލް ލައިން "ޕްރޮޖެކްޓް ރޮކް" އާއި އެމެރިކާގެ މަޝްހޫރު ކުންފުނި އަންޑަ އާމާ ގުޅިގެންނެވެ. ހުކުރު ދުވަހު ރަސްމީކޮށް ވިއްކަން ފެށި މި މާސްކްގެ އަގަކީ 35 ޑޮލަރު (539ރ.) އެވެ. އަންޑަ އާމާގެ ވެބްސައިޓުން މި ގަނެވޭނެ އެވެ.

އެތުލީތުންނަށް ހާއްސަ މާސްކް ވިއްކަން ފެށިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މި މާސްކް މިހާރު އޮތީ "ޕްރޮޖެކްޓް ރޮކް އެކްސް އަންޑަ އާމާ" ލައިންގެ އެއް ވަނައިގަ އެވެ.

ހޮލީވުޑްގައި މިހާރު އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެކްޓަރުންގެ ލިސްޓްގެ ކުރީގައި ހިމެނޭ ރޮކް، 48، ބުނީ މިއީ ރައްކާތެރިކަމުގެ ގޮތުން ރަނގަޅު އަދި އަޅައިގެން ހުންނަން ވަރަށް ފަސޭހަވާނެ ގޮތަށް ފަރުމާކޮށްފައިވާ އެއްޗެއް ކަމަށެވެ. ތިން ފަށަލައަކަށް ފޮތި ހުންނަ މާސްކްގައި ބޭރު ފަށަލަގައި ހުންނަނީ ފަސޭހަ އިން ނޭވާލެވޭ ގޮތަށް ހުންނަ ވޯޓަ ރެސިސްޓަންޓް ފެބްރިކެވެ. މެދު ފަށަލަ އިންނަނީ ޕޮލިރެތީން ފެބްރިކުންނެވެ. އަދި އެތެރޭގެ ފަށަލަ އާއި ދެ ކަންފަތުގައި އަޅުވާ ވާފަށް އިންނަނީ ފިނިކޮށްދޭ ގޮތަށް އައިއެސްއޯ ޗިލް ފެބްރިކުންނެވެ.

ޕްރޮޖެކްޓް ރޮކްސް މާސްކް ހަތަރު ސައިޒަކުން ލިބޭނެ އެވެ. އެއީ XS/S އަދި XL/XXL އެވެ.

ކޮވިޑް-19 އިން ރައްކާތެރިކަން ހޯދަން ރޮކްގެ ބްރޭންޑްގެ ދަށުން މާސްކް ނެރުނު އިރު އޭނާ އާއި އާއިލާ ވެސް އެ ބަލި ޖެހިގެން މިދިޔަ މަހު ފަރުވާ ހޯދާފައިވެ އެވެ.