މުވައްޒަފުންގެ ބޯނަސް އަށް 50،000-270،000 ޑޮލަރު ދީފި

އެމެރިކާގެ މޭރިލޭންޑްގެ ރިއަލް އެސްޓޭޓް ކުންފުންޏަކުން މުވައްޒަފުންގެ އަހަރީ ބޯނަސްގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް ފައިސާގެ ބޮޑު އިނާމެއް ދީފި އެވެ.


އެސްޓީ ޖޯން ޕްރޮޕަޓީޒްގައި މަސައްކަތްކުރާ މުވައްޒަފުން ވަޒީފާ އަދާކުރަމުންދާ މުއްދަތަށް ބަލައިފައި ދިން ބޯނަސްގެ ދަށުން 50،000-270،000 ޑޮލަރާ ދެމެދުގެ އަދަދެއް ދީފައިވެ އެވެ. މުވައްޒަފުންނަށް ލިބުނު ވަރަށް ބޮޑު ސަޕްރައިޒަކަށްވި މި ހަދިޔާ ދީފައިވަނީ ކުންފުނީގެ ފަރާތުން އަންގާރަ ދުވަހުގެ ރޭ ބޭއްވި އަހަރީ ހޮލިޑޭ ޕާޓީގެ ތެރޭގަ އެވެ.

މީޑިއާތަކުން ބުނީ ގޮތުގައި 198 މުވައްޒަފަކަށް ބޮޑު އަދަދަކުން ބޯނަސް ދިން އިރު، އެކަމަށް 10 މިލިއަން ޑޮލަރު ހޭދަކޮށްފައިވެ އެވެ. ބޯނަސް ދިން މުވައްޒަފުންގެ ތެރޭގައި އެސްޓީ ޖޯން ޕްރޮޕަޓީޒްއާ ގުޅި އަދި ރަސްމީކޮށް ވަޒީފާ އަށް ނުނިކުންނަ މުވައްޒަފުން ވެސް ހިމެނެ އެވެ. އެގޮތުން އެންމެ ދަށްކޮށް ދިން ބޯނަހަކީ 100 ޑޮލަރެވެ.

"މިއީ ހަމަ ހަގީގަތުގައި ވެސް ވަރަށް ބޮޑު ސަޕްރައިޒެއް. އަދިވެސް ގަބޫލުކުރަން ދަތިވެފައި މި ހުންނަނީ،" އެސްޓީ ޖޯން ޕްރޮޕަޓީޒްގެ އެސިސްޓަންޓް ޕްރޮޖެކްޓް މެނޭޖަރެއްގެ މަގާމު އެ ކުންފުނި އުފެއްދުނީއްސުރެ ވަޒީފާ އަދާކުރަމުން އަންނަ ސްޓެފެނީ ރިޖްވޭ، 37، ސީއެންއެން އަށް ބުންޏެވެ.

އޭނާ ބުނިގޮތުގައި ބޮޑު އަދަދުތަކުން ބޯސް ދިނުމަކީ މުވައްޒަފުންގެ ދިރިއުޅުން ބަދަލުކޮށްލާނެ ކަމެކެވެ.

މި ހަދިޔާއާ ބެހޭ ގޮތުން ކުންފުނީގެ ރައީސް ލޯރެންސް މެކްރަންޒް ސީއެންއެން އަށް ވިދާޅުވީ 14 އަހަރުވީ ކުންފުނި ފާއިތުވި މުއްދަތުގެ ތެރޭގައި ވިޔފާރީގެ ދާއިރާ އިން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. އަދި އޭގެ ހުރިހާ ޝަފަރެއް ހައްގު ވަނީ އެސްޓީ ޖޯން ޕްރޮޕަޓީޒްގެ މުވައްޒަފުންނަށް ކަމަށް ވިދާޅުވި އެވެ.

"އެހެންވެ އަހަރެމެން ބޭނުންވީ ކުންފުނި ހޯދާފައިވާ ކާމިޔާބީ އާއި ކުރިއެރުން ފާހަގަކުރުމުގެ ގޮތުން މުވައްޒަފުންގެ އަގު ވެސް ވަރަށް ވެސް ރަނގަޅަށް ފާހަގަކުރަން،" ލޯރެންސް ވިދާޅުވި އެވެ. "އަހަރެމެން ކުންފުނި އުފެއްދި އިރު ހާސިލުކުރަން ބޭނުންވި ލަނޑުދަނޑިއާ ހަމައަށް އާދެވުނީ މުވައްޒަފުންގެ މިންނެތް ބުރަ މަސައްކަތުން."

އެމެރިކާގެ އަށް ސަރަހައްދެއްގައި ގޮފިތައް ހިންގާ އެސްޓީ ޖޯން ޕްރޮޕަޓީޒްގެ އަހަރީ ޕާޓީ ބޭއްވީ ހުރިހާ މުވައްޒަފުން ކުންފުނީގެ ހަރަދުގައި އެއް ތަނަކަށް ޖަމާކޮށްގެންނެވެ. އެގޮތުން ދަތުރުފަތުރުގެ ޓިކެޓާއި އެކޮމޮޑޭޝަން ވެސް ހަމަޖައްސައި ދިނީ ސީދާ ކުންފުނިންނެވެ.