ޝީލްޑް މެޗު ކެންސަލްކުރީ ގައުމީ ޓީމާއި ކްލަބްތަކަށް ވިސްނާފައި: އެފްއޭއެމް

ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ފަސްކުރި މައިލޯ ޗެރިޓީ ޝީލްޑް މެޗު ކެންސަލްކޮށްފައިވާ ކަމަށާއި އެކަން ކުރީ ކަލަންޑަރަށް ބަދަލެއް ގެނެވިއްޖެ ނަމަ ގައުމީ ޓީމްތަކަށާއި ކްލަބްތަކަށް ގެއްލުންވެދާނެތީ ކަމަށް އެފްއޭއެމުން ބުނެފި އެވެ.


ނިއު ރޭޑިއަންޓާއި ޓީސީ ސްޕޯޓްސް ކްލަބް ކުޅެން ހަމަޖެހިފައި އޮތް އެ މެޗު އެފްއޭއެމުން ކެންސަލްކުރީ އެ މެޗު އަލުން ކުޅޭނެ ދުވަހެއް އާދީއްތަ ދުވަހު ނިންމާނެ ކަމަށް ބުނެފައިވަނިކޮށެވެ. މެޗު ކެންސަލްވިކަން ދެ ޓީމަށް ވަނީ އާދީއްތަ ދުވަހު ސިޓީއަކުން އަންގައިފަ އެވެ.

އެފްއޭއެމުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ "މައިލޯ ޗެރިޓީ ޝީލްޑް މެޗު ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކުރެވިފައިވާއިރު އަލުން މި މެޗު ކުޅޭ ނަމަ އެފްއޭއެމްގެ ފުޓްބޯޅަ ކަލަންޑަރަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ" ކަމަށެވެ.

"އަދި އޭއެފްސީ ކަޕުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބުން ކުޅެމުންދާ ދަނޑިވަޅެއްގައި އެ މުބާރާތަށް ތައްޔާރުވުމަށް ދެ ކްލަބަށް އިތުރު ތަކުލީފަކަށް ވެދާނެ ކަމަށް ފެންނާތީއާ އެކު، 2018 ވަނަ އަހަރަކީ ގައުމީ ޓީމުގެ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އަހަރެއް ކަމުން ކަލަންޑަރަށް ބަދަލު ގެނެވިއްޖެ ނަމަ ގައުމީ ޓީމްތަކަށާއި ކްލަބްތަކަށް ގެއްލުން ވެދާނީތީވެ، 2018 ވަނަ އަހަރުގެ ޗެރިޓީ ޝީލްޑް މެޗު ނުބޭއްވުމަށް މި އެސޯސިއޭޝަނުން ވަނީ ނިންމައިފަ އެވެ." ބަޔާނުގައިވެ އެވެ.

މި މެޗުން މޮޅުވާ ޓީމަކަށް 100،000ރ. ގެ ފައިސާގެ އިނާމެއް ލިބޭނެ އެވެ. އަދި އޭގެ ތެރެއިން ބަޔެއް ހިލޭ ސާބަހަށް މަސައްކަތްކުރާ ފަރާތަކަށް ހަދިޔާކުރަން ޖެހެ އެވެ.

ނިއު ރޭޑިއަންޓުން ވަނީ މެޗު ކެންސަލްވުމަކީ އެ ކްލަބަށް ލިބުނު ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ކަމަށް ބުނެފަ އެވެ. އެ ކްލަބުން ބުނީ ތައިލެންޑް ކޭމްޕް ފަސްކުރަން ޖެހުނީ މެޗު ފަސްވުމުން ކަމަށާއި، އެހެން އެކަން އޮއްވާ މެޗު ކެންސަލްވުމަކީ ލިބުނު ގެއްލުމެއް ކަމަށެވެ.

މި މެޗު ކެންސަލްވުމާ އެކު އާ ސީޒަނުގެ ފުރަތަމަ މެޗަށް ވެގެންދާނީ މި މަހުގެ 25 ވަނަ ދުވަހު ފަށާ މާލޭ ލީގުގެ ފުރަތަމަ މެޗެވެ.