ބެންޖޯގެ ތަޖުރިބާއިން ޓީސީ ކުޅުންތެރިންނަށް ހިތްވަރު

އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ ޖާގައަކަށް ދެކުނު އޭޝިއާގެ ގަދަބާރު ބެންގަލޫރާ ދެކޮޅަށް އިންޑިއާގައި ކުޅޭ މެޗަށް މާދަމާރޭ ޓީސީ ސްޕޯޓްސް ކްލަބް ނުކުންނައިރު، އެ ޓީމުގައި މި ފަދަ މެޗެއްގެ ތަޖުރިބާހުރި ކުޅުންތެރިން މަދެވެ. ސްކޮޑަށް ބަލާއިރު އެންމެ ތަޖުރިބާކާރު ކުޅުންތެރިޔަކީ އަބްދުﷲ ހަނީފް (ބެންޖޯ) އެވެ.


ވީބީ އައްޑޫ އެފްސީ އާއި ނިއު ރޭޑިއަންޓާ އެކު ބައިނަލްއަގްވާމީ މެޗުތައް ކުޅެފައިވާ ބެންޖޯގެ ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން މިދިޔަ އަހަރުތަކުގައި ބެންޖޯގެ ފޯމު ގެއްލުނެވެ. ބެންޖޯ ކުރިން ދެއްކުނު ކުޅުން ފެނުނީ މިދިޔަ އަހަރު ޓީސީންނެވެ. އޭއެފްސީ ކަޕްގައި ކޮލިފައިންގައި ޓީސީން ކުޅޭއިރު، އެ ޓީމަކީ މި ލެވެލްގެ ތަޖުރިބާ މަދު ކުޅުންތެރިން ގިނަ ޓީމެއް ނަމަވެސް ބެންޖޯ ދެކޭ ގޮތުގައި މާ ބޮޑު މައްސަލައެއް ނެތެވެ.

"އޭއެފްސީ ގްރޫޕް ސްޓޭޖް ކުޅުނު މަދު ކުޅުންތެރިން ތިބީ ފައްރަ (ފައްރާހު) އާއި ސާމިރު ހެން ހީވަނީ. އެ ގޮތަށް ބަލާއިރު އިންޓަނޭޝަނަލް ތަޖުރިބާ މަދަސް އެތަނެއް ނުދައްކާ ކުޅުންތެރިން ތެރެއިންނެއް. އެ ހުރިހާ ކަމަކަށް ވެސް ވަރަށް ކެރިގެން ކުޅުންތެރިން ތިބީ. އެކަން މިދިޔަ އަހަރު ޝެއިހް ކަމާލް ކުޅުނީމަ ވެސް ފެނިއްޖެ. ޕާފޯމަންސަށް ބަލާއިރު ހީވަނީ ކުރިން ވެސް އޭއެފްސީ ކަޕްގައި ކުޅެފައިތިބި ކުޅުންތެރިން ހެން،" ބެންޖޯ ބުންޏެވެ.

ޓީސީން މިދިޔަ އަހަރު ބަންގްލަދޭޝްގައި އޮތް ޝެއިހް ކަމާލް ކަޕް ކާމިޔާބުކުރިއިރު، ބެންޖޯގެ ދައުރު ބޮޑެވެ. މިދިޔަ ސީޒަނުގައި ޓީސީން ރާއްޖޭގެ ހުރިހާ މުބާރާތެއްގެ ދެ ވަނަ ހޯދިއިރު، އެ ޓީމުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ވަނީ ބެންޖޯ އަށް ޓީމުގެ ކެޕްޓަން ބޭންޑް ދީ ޓީމު ލީޑު ކުރުމުގެ ޒިންމާ ހަވާލުކޮށްފަ އެވެ.

"ކެރިއަރުގައި އެންމެ ރަނގަޅަށް ކުޅެވުނު އަހަރު މިދިޔަ އަހަރަކީ. ޓީސީގައި ވަރަށް ޒުވާން ކުޅުންތެރިން ގިނަ ޓީމެއް. މިއީ ވަރަށް ބޮޑު ޗެލެންޖެއް. އެކަމު މީގެ ފަސޭހަ އަކީ ޓީމް ވޯކް ރަނގަޅު ވަރަށް މަސައްކަތް ކުރާ ޓީމެއް މިއީ. ޓީމު ލޯބީގައި ގިނަ ކުޅުންތެރިން ކުޅެނީ. ޓީސީ މެނޭޖްމަންޓް ވެސް މިކަން ކުރަން ވަރަށް ރަނގަޅު ކުޅުންތެރިންނަށް ޕްރެޝަރެއް ނުދޭ،" ބެންޖޯ ބުންޏެވެ.

އަމިއްލަ ދަނޑުގައި މިދިޔަ އަންގާރަ ދުވަހު ޓީސީ ވަނީ 3-2 އިން ބެންގަލޫރު އަތުން ބަލިވެފަ އެވެ. އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ ޖާގައެއް ޓީސީ އަށް ލިބެން އޮތީ ބެންގަލޫރުގެ މައްޗަށް ދެ ގޯލުގެ ތަފާތުން ކުރި ހޯދައިގެންނެވެ. ބެންޖޯ ދެކޭގޮތުގައި މަސައްކަތް ކޮށްފިނަމަ މިއީ ހާސިލްކުރެވިދާނެ ކަމެކެވެ.

"އެންމެން ވެސް ގަބޫލުކޮށްފި އަހަރެމެންނަށް (ޓީސީ) އަށް ރަނގަޅަށް ޕާފޯމް ކުރެވިއްޖެކަން. ރާއްޖޭގައި ކުޅުނު މެޗުގައި. އަނެއްހެން ބުނާއިރު ހުރިހާ އެންމެންގެ ކޮމެންޓްސް ވެސް ލިބުނީ ވަރަށް ރަނގަޅަށް. ލިބުނު އެއްޗެހިތަށް ބޭނުން ނުހިފެނުނިއްޔޭ. ކޯޗު ވެސް ބުނި ނަސީބު ދެރައީއޭ. އަސްލު ޕާފޯމަންސަކަށް ނޫން ބަލާނީ ރިޒަލްޓަށް ބަލާނީ. އެންމެންނަށް އިތުބާރު އެބައޮތް މި ކޮޅުގައި ވެސް އޭތި އަނބުރާލެވިދާނެ ކަމުގެ. އެ ކަމަށް ޓީސީ ނުކުންނާނީ،" ބެންޖޯ ބުންޏެވެ.

ޓީސީގެ ކެޕްޓަން އަހުމަދު ފައްރާހު (ފައްރަ) ބުނީ ބެންޖޯ ހުރުމަކީ ޓީމަށް ލިބޭ ހިތްވަރެއް ކަމަށެވެ.

"ހަގީގަތަށް ބުނަންޏާ ބެންޖޯ އަކީ މި ވަގުތު ހުރި އެންމެ އެކްސްޕީރިއަންސް އެއް ޑިފެންޑަރު. ޓީސީ ކަހަލަ ޒުވާން ކުޅުންތެރިން ގިނަ ޓީމަކަށް ބެންޖޯގެ މުހިއްމުކަން ވަރަށް ބޮޑު. ވަރަށް އިތުބާރު އަސްލު ލިބޭ ބެންޖޯ ފަހަތުގައި ހުންނާތީ. ރާއްޖޭގެ ވަރަށް ގިނަ ކުޅުންތެރިންނާ އެކު ކުޅެވިއްޖެ. ބެންޖޯ އަކީ އޭގެ ތެރެއިން ބަލާއިރު ދަނޑު ތެރެއިންނާއި ދަނޑު ބޭރުން އެންމެ ޕްރޮފެޝަނަލް ކުޅުންތެރިޔާ،" އޭނާ ބުންޏެވެ.

ޓީސީގެ ޒުވާން ޑިފެންޑަރު މުހައްމަދު އަޖުފާން ބުނީ ބެންޖޯ ތަޖުރިބާގެ އެހީގައި ވަރަށް ގިނަ އެއްޗެހި ބުނެދޭ ކަމަށެވެ. އަދި ކޯޗު ބުނެދޭ ގޮތަށް ދަނޑުމަތީގައި އެ ކުޅުން ދައްކަން ބެންޖޯގެ ފަރާތުން އެހީތެރިކަން ލިބޭ ކަމަށް ވަނީ ބުނެފަ އެވެ.

ޓީސީ އާއި ބެންގަލޫރު ކުޅޭ މެޗު ފަށާނީ މާދަމާރޭ ރާއްޖެ ގަޑިން 19:30 ގަ އެވެ.