ބެންގަލޫރާ ކުރިމަތިލާއިރު ޓީސީ އާދަޔާހިލާފު ހިތްވަރެއްގައި

އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ ޖާގަ އަކަށް މިރޭ އިންޑިއާގައި ބެންގަލޫރާ ދެކޮޅަށް ކުޅޭ މެޗަށް ޓީސީ ސްޕޯޓްސް ކްލަބް ނުކުންނާނީ އެ ޓީމުގެ ވަރުގަދަކަން އެނގި ހުރެ ވެސް މޮޅެއް ހޯދުމުގެ އުއްމީދުގައި ކަމަށް ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.


މިިދިޔަ ހަފްތާގައި މާލޭގައި ކުޅުނު މެޗުން ޓީސީ ބަލިވީ 3-2 އިންނެވެ. ގްރޫޕް ސްޓޭޖަށް ދާން ބޭނުންނަމަ ބެންގަލޫރުގެ މައްޗަށް ދެ ލަނޑުގެ ތަފާތުން ޓީސީ ކުރި ހޯދާން ޖެހެ އެވެ. އެހެން ނޫނީ ޓީސީ އަށް ފުރުސަތު ލިބޭނީ 3-2 އަށް ވުރެން ބޮޑު ސްކޯ އަކުން އެއް ލަނޑުގެ ތަފާތުން މޮޅުވެގެންނެވެ.

މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނިޒާމްބެ ބުނީ ބޭނުންވަނީ ވޭތުވެދިޔަ ތަނުގެ ވާހަކަތަށް ދޫކޮށްލުމަށް ކަމަށެވެ.

"ކުރީގެ މެޗަކީ ވެ ނިމިފައި އޮތް ކަމެއް. މިހާރު ކުރިމަތިލާން މި ޖެހެނީ މުޅިން އާ މެޗަކާ. އެ މެޗުން ނަގާނެ ހަމަ އެކަނި އެއްޗަކީ ލިބުނު ފިލާވަޅު. އެ އަށް ބަލައިގެން މި މެޗަށް މި ތައްޔާރުވަނީ. މޮޅުވާން މި މެޗަށް މި ނުކުންނަން ޖެހެނީ. އެ ނޫން ގޮތެއް ނެތް ކުރިއަށް ދެވެން،" އޭނާ ބުންޏެވެ.

ބެންގަލޫރަކީ ސަރަހައްދީ ލެވެލަށް ބަލާއިރު އެންމެ ރަނގަޅު ނަތީޖާތަށް ނެރެފައިވާ ޓީމެވެ. ނިޒާމްބެ ބުނީ އެ ހުރިހާ ކަމަކަށް ބަލާފައި ވެސް ޓީސީން ނުކުންނާނީ މި މެޗު ކާމިޔާބު ކުރުމަށް ކަމަށެވެ.

"އަހަރެމެން ކުޅެން މި ޖެހެނީ ވަރަށް ވަރުގަދަ ޓީމަކާ އެ ޓީމުގެ ދަނޑުގައި. އެކަން އަހަރެމެން ގަބޫލުކުރަން އަދި ދޭން ޖެހޭ އިހުތިރާމް ވެސް ދެން. ބޭނުމެއް ނެތް ކޮންދިފެންޓޭ ވެސް ނޫނީ އޯވަ ކޮންފިޑެންޓޭ ވެސް ބުނަން. ޔަގީނުން ވެސް އެނގޭ އެއްޗަކީ ދެވެން ހުރި ހުރިހާ އެއްޗެއް ދޭނަން،" އޭނާ ބުންޏެވެ.

މާލޭގައި ކުޅުނު މެޗުގައި ބެންގަލޫރުން ދެ ގޯލު ޖަހާފައިވަނިކޮށް ޓީސީން ވަނީ ފަހަތުން އަރައި އެއްވަރުކޮށްފަ އެވެ. އެހެން ނަމަވެސް އަނެއްކާ ވެސް ލަނޑެއް ޖަހައި ބެންގަލޫރު ފުރަތަމަ ލެގުގައި އެޑްވާންޓޭޖް ހޯދި އެވެ. ނިޒާމްބެ ބުނީ އެ މެޗުގައި ދެ ޓީމުން ވެސް މޮޅަށް ކުޅުނު ކަމަށާއި ޓީސީ އަށް ގޯސްކޮށް ދިޔައީ ހަމައެކަނި ނަތީޖާ ކަމަށެވެ. އެހެން ކަމުން މި ފަހަރު ނުކުންނާނީ އެކަން ރަނގަޅު ކުރުމަށް ކަމަށް ބުންޏެވެ.

"ލަސް ކުޅުމެއް ނޫން މިދިޔަ މެޗު ފެށުނު އިރު ވެސް ފެނިގެންދިޔައީ. އެއީ ވެސް ވަރަށް އަވަސް މެޗެއް. ދެ ޓީމު ވެސް ކުޅުނީ ވަރަށް މޮޅަށް. މި ކަހަލަ މެޗަކަށް ނުކުންނައިރު ލަސް ކޮށްލެވެން ނެތް. ވަރަށް އަވަސް ގޭމެއް ކުޅެން ޖެހެނީ. މިދިޔަ މެޗުގެ ދެ ވަނަ ހާފްގައި ޕްލޭން ވޯކްކުރި ހަމައެކަނި ސްކޯ ގޯހީ. މި ފަހަރު އެކަން ރަނގަޅު ކުރެވޭތޯ ބަލާނަން،" އޭނާ ބުންޏެވެ.

ބެންގަލޫރުގެ ނިޝޫ (ކ) ކައިރިން ޓީސީގެ ފޭދޫ އިއްބެ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ބެންގަލޫރަށް މާލޭގައި އެންމެ ޕްރެޝަރު ބޮޑު ކުރި ކުޅުންތެރިޔަކީ ޓީސީގެ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އެވެ. އޭނާ ވަނީ އެ މެޗުގައި ބެންގަލޫރު ކޮޅަށް ލަނޑު ޖަަހައި އަނެއް ލަނޑު ޖަހަން ފުރުސަތު ވެސް ތަނަވަސްކޮށްދީފަ އެވެ. އެހެން ނަމަވެސް އޭނާ އަތުން ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވެސް އެ މެޗުގައި ބޭކާރުވި އެވެ. އެކަމު އޭނާ ހުރީ މިރޭގެ މެޗުގައި އެކަން ބަދަލުކުރަން ތައްޔާރަށެވެ.

"މާލޭގައި ކުޅެފައި އޮތް މެޗުން ބަލިވެފައި އޮތަސް މި ކޮޅުގައި ކުޅޭ މެޗުން މޮޅަކަށް މި ބަލަނީ. އިރާދަކުރެއްވިއްޔާ މޮޅަކާ އެކު ގައުމަށް ދާން ބޭނުންވަނީ. ކުރިން މެޗުގައި ދިޔަ ޗާްންސްތަކުގެ ބޭނުން ނުހިފި ދިޔައީމަ ގޯސްވީ. މި ފަހަރު ބޭނުންވަނީ ލަނޑު ޖަހަން ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފަން. ލިބޭ ހަމަ އެންމެ ބޯޅައެއް ވެސް ގޯލުގެ ތެރެއަށް ލެވޭތޯ މަސައްކަތް ކުރާނީ. ޖެހިލުންވެގެން މި ކަމެއް ނުވާނެ. ހަމަ މޮޅަކަށް ބަލަން ޖެހޭނީ،" ފޭދޫ އިއްބެ ބުންޏެވެ.

ފުރަތަމަ ލެގުގެ މެޗަށް ފަހު ބެންގަލޫރުގެ ކޯޗު އަލްބާޓް ރޮކާ ވަނީ އެ މެޗުން މޮޅުވިޔަސް އެ ޓީމަށް މާ ބޮޑު އެޑްވާންޓޭޖެއް ނެތް ކަމަށް ބުނެފަ އެވެ.

މާލޭގައި ބެންގަލޫރުން ކުޅުނީ ސީނިއާ ބައެއް ކުޅުންތެރިން ނުލަ އެވެ. އޭގެ ތެރޭގައި ސިނުލް ޗެތުރީ، ގުރްޕްރީތު ސިންގް، ލެނީ ރޮޑްރިގޭޒް އަދި ހުއަނަން ހިމެނެ އެވެ. މިރޭގެ މެޗުގައި ވެސް އެ ކުޅުންތެރިން ބޭނުން ކުރުމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށް ރޮކާ ވަނީ ބުނެފަ އެވެ.

"ޒުވާން ކުޅުންތެރިންނާ ހަވާލުކުރާ ޒިންމާ ވަރަށް ފުރިހަމަ އަށް އެ ކުޅުންތެރިން އެބަ އަދާކުރޭ. އަހަރެން ސީނިއާ ކުޅުންތެރިން ބޭނުންކުރުމާ މެދު އަދި ގޮތެއް ނުނިންމަން. އެކަން ދޫކޮށްލާނީ ވަރަށް ފަހަށް،" ކުރިން ބާސެލޯނާގައި މަސައްކަތްކުރި ރޮކާ ބުންޏެވެ.

މެޗު އެއްވަރުކޮށްލައިގެން ވެސް ބެންގަލޫރަށް ގްރޫޕް ސްޓޭޖުގެ ޖާގައެއް ކަށަވަރުކޮށްލެވެން އެބައޮތެވެ. އެހެން ނަމަވެސް ރޮކާ ހުރީ އެ އަށް ވުރެ ސަމާލުވެގެންނެވެ. އޭނާ ބުނީ ޓީސީ އަތުން މެޗަކުން މޮޅުވެފައި އޮތުމަކީ މިރޭގެ މެޗު ފަސޭހަކޮށްލެވޭނެ ސަބަބެއް ނޫން ކަމަށެވެ.

"ވަރަށް ރަނގަޅު ކުޅުންތެރިން އެބަތިބި އެ ޓީމުގައި. ލޯކަލް މޮޅު ކުޅުންތެރިން ހަލުވި ކުޅުންތެރިން. ދެން އަދި ސަމާލުވާން ޖެހޭ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ (އަނަޓޯލީ) އަށް. އޭނާ އަކީ މޮޅު ކުޅުންތެރިޔެއް. އޭޝިއާގެ ކޮންމެ ލީގެއްގައި ވެސް ކުޅެވޭނެ އޭނަ އަށް،" ރޮކާ ބުންޏެވެ.

ބެންގަލޫރު މިހާރު އަންނަނީ އިންޑިއަން ސުޕަ ލީގުގައި ވެސް ވާދަކުރަމުންނެވެ. އެ ލީގުގެ އެއް ވަނައިގައި އެ ޓީމު އޮތްއިރު، ތިން ދުވަހުން ކަހަލަ ގޮތަކަށް މެޗު ކުޅެން ޖެހެ އެވެ. ރޮކާ ބުނީ މިއީ ކަލަންޑަރަށް ބަލާއިރު ބެންގަލޫރަށް ރަނގަޅު ވަގުތެއް ނޫން ނަމަވެސް އަދި ހާލަތު އޮތީ އެ ޓީމަށް ރަނގަޅަށް ކަމަށެވެ.

ޓީސީ އާއި ބެންގަލޫރުގެ ތެެރެއިން ގްރޫޕް ސްޓޭޖަށް ހޮވޭ ޓީމެއް ވާދަކުރަން ޖެހޭނީ ރާއްޖޭގެ ނިއު ރޭޑިއަންޓާއި އިންޑިއާގެ އައިޒޯލް އެފްސީ އަދި ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ އެވެ.

ބެންގަލޫރު ދަނޑުގައި ޓީސީއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 19:30 ގަ އެވެ.