ބެންގަލޫރު އަތުން ބަލިވެ ޓީސީ ކަޓައިފި

އޭއެފްސީ ކަޕުގެ ޕްލޭއޮފުގެ ދެ ވަނަ ލެގުގައި މިރޭ އިންޑިއާގެ ގަދަބާރު ބެންގަލޫރު އެފްސީ އަތުން އަތުން 5-0 އިން ބަލިވެ ގްރޫޕް ސްޓޭޖުން ފުރުސަތު ނުލިބި ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބް ކަޓައިފި އެވެ.


މިދިޔަ ހަފްތާގައި މާލޭގައި ކުޅުނު މެޗުން ބެންގަލޫރު އަތުން ޓީސީ ބަލިވީ 3-2 އިންނެވެ. އެހެން ކަމުން މިރޭގެ މެޗަށް ނުކުތްއިރު ވެސް ޓީސީ އަށް ގްރޫޕް ސްޓޭޖުގެ ޖާގައެއް ލިބެން އޮތީ ދެ ލަނޑުގެ ތަފާތުން ކުރިހޯދައިގެންނެވެ. އެހެން ނޫނީ ޓީސީ އަށް ފުރުސަތު ލިބެން އޮތީ 3-2 އަށް ވުރެން ބޮޑު ސްކޯ އަކުން އެއް ލަނޑުގެ ތަފާތުން މޮޅުވެގެންނެވެ.

މިރޭގެ ނަތީޖާ އަށް ފަހު ބެންގަލޫރަށް ގްރޫޕް ސްޓޭޖުގެ ޖާގައެއް ލިބުނީ 8-2 ގެ އެގްރިގޭޓްގެ ނަތީޖާއަކުން ޓީސީގެ މައްޗަށް ކުރި ހޯދައިގެންނެވެ. އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕުގައި ބެންގަލޫރު ވާދަކުރަން ޖެހޭނީ ރާއްޖޭގެ ނިއު ރޭޑިއަންޓާއި އިންޑިއާގެ އައިޒޯލް އެފްސީ އަދި ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ އެވެ.

މި މެޗަށް ބެންގަލޫރުން ނުކުތީ މާލޭގައި ނެރުނު ފުރަތަަމަ އެގާރަ އަށް މާ ބޮޑު ބަދަލެއް ނުގެނެސް އެވެ. އެހެން ނަމަވެސް އެ ޓީމުގެ ސީނިއާ ކުޅުންތެރިން ކަމަށްވާ ސުނިލް ޗެތުރީ އާއި ޑިމަސް ޑެލްގާޑޯ އަށް ވަނީ ބެންޗުން ފުރުސަތު ދީފަ އެވެ.

މެޗު ފަށައިގެން ޓީސީން ކުރި އަށް ޖެހިގެން ރަނގަޅަށް ކުޅެމުން ދަނިކޮށް މައްސަަލަ ދިމާވީ ބެންގަލޫރަށް ލިބުނު ރަނގަޅު ފުރަތަމަ އެޓޭކުގައި ވެސް އެ ޓީމުން ލަނޑު ޖެހުމުންނެވެ. އެ ޓީމަށް ލީޑުނަަގައިދިނީ މެޗުގެ 12 ވަނަ މިނިޓްގައި ސްޕެއިނުގެ މިޑްފީލްޑަރު ޓޯނީ އެވެ. އޭރިއާ ބޭރުން ޓޯނީ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

ބެންގަލޫރުން ލީޑުނެގުމާ އެކު ޓީސީން ކުރިއަށް ޖެހިގެން ކުޅެން ފެށި އެވެ. އަދި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ހޯދި އެވެ. އެގޮތުން އެންމެ ރަނގަޅު ދެ ފުރުސަތެއް ލިބުނީ އިޝާން އިބްރާހިމް (ސައްޓު) އާއި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އަށެވެ. އޭރިއާ ތެރެއިން މުޅިން ހުސްކޮށް ހުރެ ސައްޓު ފޮނުވާލި ބޯޅަ ބެންގަލޫރުގެ ކީޕަރު ލަލްތުއަމާވިއާ ރަލްޓޭ ވަނީ މަތަކޮށްފަ އެވެ. އަދި ފޭދޫ އިއްބެ އަތުން ފުރުސަތު ގެއްލުނީ ބޯޅަ ފޮނުވާލުން ލަސްކޮށްލުމުންނެވެ.

ބެންގަލޫރާއި ޓީސީ ކުޅުނު މެޗުގެ ތެެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޓީސީ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ނަތީޖާ އަކަށްވީ ފުރަތަމަ ހާފް ނިމުމުގެ ކުރިން ބެންގަލޫރުން އިތުުރު ދެ ގޯލު ކާމިޔާބު ކުރުމެވެ. އެގޮތުން މެޗުގެ 35 ވަނަ މިނިޓްގައި އޭރުއާ ތެރެއިން ލިބުނު ބޯޅަ އަކުން އެ ޓީމުގެ ދެ ވަނަ ލަނޑު ޖެހީ ވެސް ޓޯނީ އެވެ. އޭގެ މިނިޓެއް ފަހުން ހާފްގެ މެދުތެރެއިން ފޮނުވާލި ބޯޅަ އަކުން ބެންގަލޫރުގެ ތިން ވަނަ ގޯލު ޖެހީ އޮސްޓްރޭލިއާގެ މިޑްފީލްޑަރު އެރިކް ޕާޓަލޫ އެވެ. އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ޓީސީގެ ކީޕަރު އިބްރާހިމް ނަދީމް ބޯމަތިން އޮއްސިގެން ގޮހެވެ.

ދެ ވަނަ ހާފް ފަށައިގެން ޓީސީން ކުރިއަށް ޖެހިގެން ކުޅެން ފެށި ވަގުތު އުފެއްދި އެޓޭކެއްގައި ޓޯނީ ވަނީ އޭނާގެ ހެޓްރިކް ފުރިހަަމަކޮށް ބެންގަލޫރަށް ހަތަރު ވަނަ ލަނޑެއް ކާމިޔާބު ކޮށްދީފަ އެވެ.

ޓީސީ އަށް މެޗުގައި ކުރިއަށްދާން ދިމާވި އެންމެ ބޮޑު ހުރަހަކީ މެޗުގެ 61 ވަނަ މިނިޓްގައި އެ ޓީމަށް ކުޅޭ މިސްރުގެ ޑިފެންޑަރު އަލާ ނާސިރު އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދެއްކުމުންނެވެ.

އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެ ވެސް ޓީސީން ވަނީ ގިނަ އެޓޭކްތަކެއް އުފައްދައިފަ އެވެ. އެގޮތުން ކިރްގިސްތާންގެ ޑިފެންޑަރު އަނަޓޯލީ ވްލަޝިޗޭވް އާއި ފޭދޫ އިއްބެ ފޮނުވާލި ހަމަލާތަށް ބެންގަލޫރުގެ ޑިފެންޑަރުން ވަނީ ސަލާމަތްކޮށްފަ އެވެ.

މެޗު ނިމެން އެއް މިނިޓެއް ވެފައި ވަނިކޮށް ބެންގަލޫރުގެ ފަހު ގޯލު ޖަހައިދިނީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން ރާހޫލް ބޭކޭ އެެވެ.

މިދިޔަ އަހަރު އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ވާދަކުރީ މާޒިޔާ އެވެ. އެއީ ޕްލޭއޮފް ބުރުގައި ވާދަކުރި ރާއްޖޭގެ ވެލެންސިއާ ކެޓުމުންނެވެ. ވެލެންސިއާ ކެޓީ އިންޑިއާގެ މޯހަން ބަގާން އަތުންނެވެ.