ޓީސީ އަށް ވަރަށް ގިނަ ކަންކަން ދަސްކުރެވޭނެ: ނިޒާމްބެ

މީގެ ތިން އަހަރު ކުރިން ރާއްޖޭގެ މަތީ ފަންތީ ފުޓްބޯޅަ އަށް ނުކުތް ޓީސީ ސްޕޯޓްސް ކްލަބް އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުމަށް ފެށި ދަތުުރު ރޭ ނިމުމަކަށް އައީ ރަށުން ބޭރުގައި، މި ސަރަހައްދުގައި އޮތް އެންމެ ވަރުގަދަ ޓީމު ބެންގަލޫރު އެފްސީ އަތުން ޕްލޭއޮފް ދެ ވަނަ ލެގުގައި 5-0 އިން ބަލިވުމުންނެވެ. ދެ ލެގަށް ބަލާއިރު ޓީސީގެ މައްޗަށް ބެންގަލޫރު ކުރިހޯދީ 8-2 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ. އެ ޓީމުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ މި ތަޖުރިބާއިން ކުޅުންތެރިންނަށް ކަންތައްތަކެއް ދަސްކުރެވޭނެ ކަމަށެވެ.


"ކުޅުންތެރިން ތިބީ މާ ބޮޑަށް އާވެފައި. އެއީ މި ލެވެލަށް ޓީސީ ވެސް އާ ވީމަ،" ރޭގެ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނިޒާމްބެ ބުންޏެވެ.

ގްރޫޕް ސްޓޭޖުގެ ޖާގައެއް ހޯދުމަށް ބެންގަލޫރާ ދެކޮޅަށް ކުޅުމުގެ ކުރިން ވެސް ޓީސީ އަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ އެ ޓީމަށް ގެނައި ބެލަރޫސް ގޯލްކީޕަރު ޑިމިޓްރީ އަސްނިން އަތަށް އަނިޔާވެ ކުޅުމާ ދުރަށްދާން ޖެހުމެވެ. އެއާ އެކު ޓީސީން ބޭނުންކުރީ ފުރަތަމަ ޑިވިޝަނުގައި ވެސް މާ ބޮޑު ތަޖުރިބާއެއް ނެތް ކީޕަރު އިބްރާހިމް ނަދީމް އެވެ.

ނަދީމްގެ ފަރާތުން ޕްރިލިމިނަރީ ބުރުގައި ބަންގްލަދޭޝްގެ ސައިފް ސްޕޯޓިން ކްލަބާ ދެކޮޅަށް ކުޅުނު ދެ މެޗުގައި ރަނގަޅު ކުޅުމެއް ފެނުނެވެ. އެހެން ނަމަވެސް ބެންގަލޫރާ ދެކޮޅަށް ކުޅުނު ދެ މެޗުގައި ނަދީމްގެ ފަރާތުން ތަޖުރިބާ މަދުވުމުގެ މައްސަލަތަކެއް ފެނިގެންދިޔަ އެވެ.

"ދެ ވަނަ ކީޕަރު (ނަދީމް) ބޭނުންކުރަން ޖެހުމަކީ ވެސް ކުރިމަތިވި ގޮންޖެހުމެއް،" ނިޒާމްބެ ބުންޏެވެ.

"ޓީސީގެ މިހާރު އަމާޒަކީ ލޯކަލް ލީގުގައި ނަތީޖާތަށް ރަނގަޅުކޮށް އަންނަ އަހަރު އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ ޖާގައެއް ހޯދުމަށް މަސައްކަތް ކުރުން."

ރޭގެ މެޗުގެ ކުރިން ނިޒާމްބެ ބުނީ މާލޭގައި ކުޅުނު މެޗުގެ ފަހު 20 މިނިޓްގައި ޓީސީގެ ފަރާތުން ވަރަށް މޮޅު ކުޅުމެއް ފެނުނު ކަމަށެވެ. އަދި ރޭގެ މެޗުގައި ވެސް އެ ފަދަ ކުޅުމެއް ތަކުރާރު ކުރުން މުހިއްމު ކަމަށެވެ. ރޭގެ މެޗުގައި ޓީސީން ފެށީ ވަރަށް އެޓޭކް ވަރުގަދަކޮށެވެ. ނިޒާމްބެ ބުނީ އެއީ ކުޅުންތެރިންގެ ވިސްނުމަށް ގޯސް އަސަރެއް ކުރި ކަމެއް ކަމަށެވެ.

ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ). -- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ހަގީގަތުގައި މި ލެވެލްގައި މެޗު ފަށައިގެން އިދިކޮޅު ހާފުގައި މާގިނައިން ބޯޅަ ލިބުނަސް ޖެހޭ ވިސްނައިގެން ކުޅެން. އެ ގޮތަށް ފެށުމުން ކުޅުންތެރިންގެ ޑިސިޕްލިން ދިޔައީ ފަސޭހަ ކޮށްލެވުމުން ކޮންމެވެސް ގޮތަކަށް. ކުޅުންތެރިން ތިބީ މާ ބޮޑަށް އެޓޭކިން ކޮށް ކުޅެން ބޭނުންވެފައި،" ނިޒާމްބެ ބުންޏެވެ.

މިދިޔަ އަހަރު އިންޑިއާ ލީގުގެ ޗެމްޕިއަންކަން ނުލިބުމުން ބެންގަލޫރު ޖެހުނީ މި ފަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ ޖާގައެއް ހޯދަން ކޮލިފައިން ކުޅޭށެވެ. ޕްރިލިމިނަރީ ބުރުގައި ބޫޓާނުގެ ޓްރާންސްޕޯޓް ޔުނައިޓެޑްގެ މައްޗަށް ކުރިހޯދުމަށް ފަހު އެ ޓީމުން ގްރޫޕް ސްޓޭޖުގެ ޖާގަ ކަށަވަރުކުރީ ޓީސީ ފަހަތަށް ޖައްސާލައިފަ އެވެ.

"އަހަރެމެން ބޭނުންވި ކަންތައް ހާސިލްވެއްޖެ. އެއީ ގްރޫޕް ސްޓޭޖުގެ ޖާގައެއް. ހުރިހާ ކަމެއް ފުރިހަމަވީ އަހަރެމެން ގިނަ ގޯލު ތަކެއް ޖަހައިގެން މޮޅުވެފައި. ކުޅުންތެރިންނާއި ސަޕޯޓަރުން އުފާކޮށްދެވުނީމަ،" ކުރިން ބާސެލޯނާގައި މަަސައްކަތްކުރި ބެންގަލޫރުގެ ކޯޗު އަލްބާޓް ރޮކާ ބުންޏެވެ.

މާލޭގައި ކުޅުނު މެޗުގައި ޓީސީން ކުރި ހިތްވަރަށް ބަލާއިރު ރޭގެ މެޗުގެ ނަތީޖާ އަކީ އޭނާ އަށް ވެސް ލިބުނު ހައިރާންކަމެއް ކަމަށް ރޮކާ ބުންޏެވެ.

"ޕްރޮފެޝަނަލް ކޯޗެއް މެޗެއްގެ ކުރިން ފަސް ގޯލަކަށް އުއްމީދެއް ނުކުރާނެ. ހާއްސަކޮށް މި ހާލަތުގައި ޓީސީން އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ ފަހު 20 މިނިޓްގައި ދެއްކި ކުޅުމުން އަހަރެންނަށް ހީވީ މި މެޗު ވަރަށް އުނދަގޫވާނެހެން. މި ނަތީޖާ އަށް އަހަރެން އުއްމީދެއް ނުކުރަން. އެކަމަކު ރަށުންބޭރުގައި އަހަރެމެން ބޭނުންވި ނަތީޖާ ލިބުމުން. މި މެޗުގައި ލިބުނު ފުރުސަތައް ކޮންފިޑެންސާ އެކު ކުޅުންތެރިން ނިންމާލި،" ރޮކާ ބުންޏެވެ.

މިހާރު ކުރިޔަށްދާ އިންޑިއަން ސުޕަ ލީގުގައި ގާތްގާތުގައި މެޗުތައް ކުޅެން ޖެހުމުން ބެންގަލޫރުން އޭއެފްސީ މެޗުތަކުގައި އެ ޓީމުގެ ބައެއް ސީނިއާ ކުޅުންތެރިން ބޭނުމެއް ނުކުރެ އެވެ. އޭގެ ތެރޭގައި ސުނިލް ޗެތުރީ އާއި ޑިމަސް ޑެލްގާޑޯ އަދި ލެނީ ރޮޑްރިގޭސް ހިމެނެ އެވެ. މި ކުޅުންތެރިންނަށް ގްރޫޕް ސްޓޭޖުން ފުރުސަތުދޭނެ ކަމަށް ރޮކާ ވަނީ ބުނެފަ އެވެ.

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕުގައި ބެންގަލޫރު ވާދަކުރަން ޖެހޭނީ ރާއްޖޭގެ ނިއު ރޭޑިއަންޓާއި އިންޑިއާގެ އައިޒޯލް އެފްސީ އަދި ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ އެވެ.