ކުރީގެ ތަރިންގެ ލެގަސީ ދެމެހެއްޓުން މުހިއްމު: ނިޒާމް

ކޯޗިން ކެރިއަރުގައި ކުރިއަށްދާއިރު އެންމެ މުހިއްމު އެއް ކަމަކީ ރާއްޖޭގެ ކުރީގެ މަޝްހޫރު ތަރިންގެ ލެގަސީ ދެމެހެއްޓުން ކަމަށް ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.


ރާއްޖޭގެ ފުޓްބޯޅައިގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ނަން މަޝްހޫރު ދިވެހި ކޯޗުން މަދެވެ. އެ ކޯޗުންގެ ކާމިޔާބީ އަދިވެސް ރަން އަކުރުން ފާހަގަކުރަނީ އެ ސަބަބަށްޓަކަ އެވެ. މީގެ ތިން އަހަރު ކުރިން ޓީސީ ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފެށިފަހުން އެ ޓީމަށް ރާއްޖޭގެ މުބާރާތެއްގެ ތަށި ހޯދިފައިނުވި ނަމަވެސް ދެއްކި ހިތްވަރާ އެކު އެ ޓީމުގެ ނަން ހިނގައިފި އެވެ.

ޓީސީގެ ކޯޗު ނިޒާމް ބޭނުންވަނީ ޗެލެންޖް ކުރުމަށް ވުރެން ބޮޑަށް ލީޑަރެއްގެ ގޮތުގައި އެ ޓީމު ބައްޓަން ކުރާށެވެ. އޭނާ ދާދި ފަހުން ބުނީ އެ ކްލަބް މިހާރު އޮތް ލެވެލްގައި ހިފަހައްޓައިފިނަމަ ހަތް އަހަރު ތެރޭގައި ދިވެހި ފުޓްބޯޅަ ލީޑުކުރާ ހިސާބަށް ދެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.

އޭނާ އެ މަސައްކަތުގައި ކުރިއަށްދާއިރު، އެންމެ ބޮޑު އިސްކަމެއްދޭނެ ކަމެއްގެ ގޮތުގައި ފާހަގަކުރީ ކުރީގެ ތަރިން ނޫނީ ކޯޗުންނަށް ޗެލެންޖް ކުރުމަށް ވުރެ އެ މީހުން ކިބައިން ހޯދާ ހިތްވަރެވެ.

"ދިވެހި ކޯޗެއްގެ ހައިސިއްޔަތުން ދުވަހަކު ވެސް ނުވިސްނާނަން ރާއްޖޭގައި ތިބި މަޝްހޫރު ކުރީގެ ތަރިންނާ ޗެލެންޖް ކުރާކަށް ނޫނީ ވާދަކުރާކަށް. އަބަދުވެސް އެމީހުންގެ ލެގަސީ ދިވެހި ފުޓްބޯޅައިގައި ހިފެހެއްޓޭތޯ މަސައްކަތްކުރާނީ،" ނިޒާމްބެ ބުންޏެވެ.

"އޭގެ ތެރެއިން އެކަކީ ސުޒޭން އަކީ. ސުޒޭން މާއްޓޭ، މޫސަ. މުހައްމަދު ކަލީމް. ބޮޑު ހީނާ މިހެން ގޮސް ނަންތައް ކިޔާލާއިރުގައި އެބަތިބި އަބަދުވެސް އެ ބަޔަކަށް ސެލިއުޓް ކުރާނެ ބަޔެއް. އެ ބައެއްގެ ފުޓްސްޓެޕް އަޅުގަނޑު ފޮލޯކުރާނީ. އެއް ގޮތަކަށް ވެސް ބޭނުމެއް ނޫން އެ މީހުންނަށް ވުރެން ބޮޑު މީހަަކަށްވާން."

އޭއެފްސީ ކަޕްގެ ކޮލިފައިންގައި މި އަހަރު ޓީސީން ވާދަކުރިއިރު އެ ޓީމަށް މުބާރާތުގެ ގްރޫޕް ސްޓޭޖުން ޖާގަ ނުލިބުނީ ޕްލޭއޮފް ބުރުގައި އިންޑިއާގެ ގަދަބާރު ބެންގަލޫރު އަތުން ބަލިވުމުންނެވެ. އޭއެފްސީ ކަޕްގައި ކުޅެލަން ލިބުނު ހަތަރު މެޗުގައި ވެސް ޓީސީ އަށް ވަނީ ގިނަ ކަންތައްތަކެއް ދަސްވެފައި ކަމަށް ނިޒާމްބެ ވަނީ ބުނެފަ އެވެ.

"މިހާތަނަށް މިދިޔަ ތިން އަހަރު ތެރޭ ކުރެވުނު މަސައްކަތަކީ ހިތްހަމަ ޖެހުމެއް. ވަރަށް ގިނަ ކަންތައްތަކެއް ދަސްކުރަމުން އަންނަނީ ޓީސީގެ މެނޭޖްމަންޓުން ވެސް. މިހާތަނަށް މި ކުރެވުނު މަސައްކަތުން ވެސް ގިނަ ކަންތައްތަކެއް ރަނގަޅަށް ކުރެވިއްޖެކަން އެބަފެނޭ. އުއްމީދަކީ މި ގޮތަށް ކުރިއަށް ދިއުން،" ނިޒާމްބެ ބުންޏެވެ.

މި ފަހަރު އެސްޓީއޯ މާލޭ ލީގުގެ ފުރަތަމަ މެޗުން ނިއު ރޭޑިއަންޓް އަތުން ބަލިވިއިރު، ދެ ވަނަ މެޗުގައި ގްރީން ސްޓްރީޓްސްއާ ވަނީ އެއްވަރުވެފަ އެވެ. ދެން އެ ޓީމު ކުޅޭ މެޗުގައި އަންނަ އާދިއްތަ ދުވަހުގެރޭ ވިކްޓަރީއާ ދެކޮޅަށެވެ.