ޓީސީ ބަލިކޮށް ވިކްޓަރީ ފިޔަވަޅެއް ކުރިޔަށް

އެސްޓީއޯ މާލޭ ލީގުގައި މިރޭ ޓީސީ ސްޕޯޓްސް ކްލަބް އަތުން 2-1 އިން މޮޅުވެ ވިކްޓަރީ ސްޕޯޓްސް ކްލަބް ފިޔަވަޅެއް ކުރިއަށް ޖެހިލައިފި އެވެ.


މި މެޗުގެ ކުރިން ވިކްޓަރީ ކުޅުނު ދެ މެޗުން ވަނީ އީގަލްސް އާއި ޔުނައިޓެޑް ވިކްޓަރީ އަތުން ބަލިވެފަ އެވެ.

މެޗާ ބެހޭގޮތުން ވިކްޓަރީގެ ކޯޗު ލާޒްލޯ ކިސް ބުނީ މިއީ ވަރަށް ރަނގަޅު ރޭވުމަކާ އެކު ކުޅެގެން ހޯދުނު މޮޅެއް ކަމަށެވެ.

"މިއީ ޓެކްޓިކަލީ އަހަރެމެން ވަރަށް ރަނގަޅަށް ކުޅެގެން ހޯދި މޮޅެއް. ފުރަތަމަ ހާފު އަހަރެމެން ފެށީ ވަރަށް ރަނގަޅަށް. ރެފްރީގެ ނަސީބު ވެސް އަހަރެމެން ކޮޅުގައެއް ނޫން އޮތީ. އެކަމަކު ވެސް މޮޅެއް ހޯދިއްޖެ،" ކިސް ބުންޏެވެ.

މި މެޗަށް ޓީސީ އިން ނުކުތީ އެންމެ ފަހުން ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އަރައި މޮޅު ކުޅުމެއް ދެއްކި ލައިބީރިއާ ގައުމީ ޓީމަށް ކުރިން ކުޅުނު ފޯވާޑް ޑިއޯ ވިލިއަމްސް ފުރަތަމަ އެގާރައިގައި ހިމަނައިގެންނެވެ. އަދި ޒުވާން ގައުމީ ޓީމުގެ ޑިފެންޑަރު އައްޒާމް އަބްދުﷲ ވެސް ފުރަތަމަ އެގާރައިގައި ކުޅުނެވެ.

ވިކްޓަރީން މި މެޗަށް ވަނީ ދާދި ފަހުން އެ ޓީމާ ގުޅުނު ބްރެޒިލްގެ ކުޅުންތެރިޔާ ޕެޑްރޯ އޮލިވޭރާ ވެސް ވަނީ ފުރަތަމަ އެގާރައިގައި ހިމެނިފަ އެވެ.

މެޗު ފަށައިގެން 50 ސިކުންތު ތެރޭގައި ވިކްޓަރީ އަށް ލީޑުނަގައިދިނީ ސްޕެއިނުގެ މިޑްފީލްޑަރު އެންޖެލް މުނޯޒް އެވެ. އޭރިއާ ބޭރުން ކުޅުންތެރިއަކު ކައިރިން ނައްޓާފައި މުނޯޒް ތިރިތިރިން ފޮނުވާލި ބޯޅަ ވަނީ ގޯލުގެ ކަނަށެވެ.

މެޗުގެ 12 ވަނަ މިނިޓްގައި ވިކްޓަރީން ލީޑުނެގުމާ ގާތަށް ޖެހިލި އެވެ. އަރިމަތިން އާދަމް އިޝާމް ނަަގައިދިން ހުރަހަކުން ޕެޑްރޯ ބޮލުން ޖެހި ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ. އެހެން ނަމަވެސް އޭގެ ފަސް މިނިޓް ފަހުން ލިބުނު ބޯޅަ ޕެޑްރޯ ވަނީ ގޯލުގެ ތެރެއަށް ވައްދާލައިފަ އެވެ. އޭރިއާ ތެރެއިން ޓީސީ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު ޕެޑްރޯ ވަނީ ގޯލުގެ ކަނުގައި ބޯޅަ ތަތްކޮށްލައިފަ އެވެ.

ޓީސީން ވަނީ މެޗުގެ 20 ވަނަ މިނިޓްގައި މުރުތަލާ އަދުނާންގެ ބަދަލުގައި މުހައްމަދު މާޒިން ކުޅެން އަރުވައިފަ އެވެ. ވިކްޓަރީން ދެ ލަނޑު ޖެހީ ވެސް މުރުތަލާގެ ފަޅިންނެވެ.

ބަދަލާ އެކު ޓީސީން ކުރިއަށް ޖެހިގެން ކުޅެން ފެށި އެވެ. މެޗުގެ 22 ވަނަ މިނިޓްގައި ޓީސީގެ އައްޒާމް އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.

ޓީސީން ކުރިއަށް ޖެހިގެން ކުޅެމުން ދަނިކޮށް ކައުންޓަ އެޓޭކުގައި މެޗުގެ 30 ވަނަ މިނިޓްގައި ލިބުނު ބޯޅައަކުން މުނޯޒް ވިކްޓަރީ އަށް ތިން ވަނަ ލަނޑެއް ޖަހައިދިނުމާ ގާތަށް ޖެހިލި އެވެ. އޭރިއާ ބޭރުން މުނޯޒް ފޮނުވާލި ބޯޅަ ޓީސީގެ ކީޕަރު އިފްރާހް އަރީފް ވަނީ މަތަކޮށްފަ އެވެ.

މި ހާފުގައި ޓީސީގެ މެދުތެރެއިން އެންމެ ރަނގަޅު ކުޅުމެއް ނުދެއްކޭތީ ޓީމުގެ އެޓޭކުގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަސްނުކުރެވެ އެވެ. ނަތީޖާއެއްގެ ގޮތުން ޓީސީން ވަނީ މެޗުގެ 44 ވަނަ މިނިޓްގައި އައްޒާމްގެ ބަދަލުގައި ކިރްގިސްތާންގެ މިޑްފީލްޑަރު އަނަޓޯލީ ވްލަޝިޗޭވް ކުޅެން އަރުވައިފަ އެވެ.

ދެ ވަނަ ހާފް ފަށައިގެން ދެ ޓީމުގެ ފަރާތުން ފެނުނީ ހަމަހަމަ ކުޅުމެކެވެ. ޓީސީން މެޗުގެ 54 ވަނަ މިނިޓްގައި ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލައިފަ އެވެ. އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން އަނަޓޯލީ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.

ޓީސީގެ ފުރަތަމަ ލަނޑު ޖެހީ މެޗުގެ 67 ވަނަ މިނިޓްގައި ވިލިއަމްސް އެވެ. ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި އިޝާން އިބްރާހިމް (ސައްޓު) ހުރަސްކޮށްލި ބޯޅަ އެ ޓީމުގެ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ފޮނުވާލުމުން ވިކްޓަރީގެ ކީޕަރު މުހައްމަދު އިމްރާން އަތުގައި ޖެހިފައި ލިބުނީ ގޯލު ކުރިމަތީގައި ހުސްކޮށްހުރި ވިލިއަމްސް އަށެވެ. އޭނާ ވަނީ އެ ބޯޅަ ފަސޭހަކަމާ އެކު ގޯލަށް ވައްދާލައިފަ އެވެ.

ލަނޑާ އެކު ޓީސީގެ ކުޅުން ވަރަށް ބޮޑަށް ރަނގަޅުވި އެވެ. އޭގެ ފަހުން އޭރިއާ ތެރެއިން ފޭދޫ އިއްބެ އަށް ލިބުނު ތިން ފުރުސަތުގެ ވެސް ބޭނުމެއް ނުކުރެވުނެވެ. ފުރަތަމަ ހަމަލާ ކީޕަރު އިމްރާން މަތަކުރިއިރު، އަނެއް ދެ ބޯޅަ ދިޔައީ ގޯލާ ސީދާނުވެ ބޭރުންނެވެ.

މެޗުގެ 75 ވަނަ މިނިޓްގައި ޓީސީގެ އަބްދުﷲ ހަނީފް (ބެންޖޯ) ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިމަތިންނެވެ.

މެޗުގެ 89 ވަނަ މިނިޓްގައި ވިކްޓަރީގެ ޕެޑްރޯ އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކައިފަ އެވެ. އޭނާ އަށް ރަތް ކާޑު ދެއްކީ ޓީސީ އަށް ލިބުނު ޖެހުމެއްގައި ބޯޅަ ލަސްކުރަން އުޅުމުގެ ތެރޭގައި ޓީސީގެ އަލާ ނާސިރުއާ ދެމެދު ހިނގި ހަމަނުޖެހުމަކަށް ފަހު އެވެ.

މި މެޗުން ބަލިވުމާ އެކު ޓީސީ އަށް ފުރަތަމަ ތިން މެޗު ނިންމާލަން ޖެހުނީ މޮޅެއް ނުލިބި އެވެ. ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ މާޔޫސްވާން ޖެހޭ ވަރުގެ ހާލަތެއް ކުރިމަތިނުވާ ކަމަށެވެ.

"މިދިޔަ ދެ މެޗު ވެސް މިދިޔައީ މި ކަހަލަ ގޮތަކަށް ރަނގަޅަށް ސެޓްލް ނުވެގެން އުޅެނިކޮށް މިސްޓޭކްތަކެއް ހެދިގެން ގޯލުތަކެއް މި ވަންނަނީ. ދެން މި ޖެހެނީ ދެ ފަހަރު ވެސް އެއްބަދަލެއް ގެންނަން. އެންމެ ބޮޑު ކަމަކަށް ފެންނަނީ މެޗު ފަސޭހަކޮށް ނަގައިގެން ޖޫނިއާ ޕްލޭޔާސް ތައްޔާރުނުވެ މެޗަށް ނުކުންނަނީ. މިއީ ދުވަހަކު ވެސް ޓީސީ އަށް ދިމާވި ގޮތެއް ނޫން. ކޯޗިން ކެރިއަރުގައި ވެސް ދިމާވި ކަމެއް ނޫން،" ނިޒާމްބެ ބުންޏެވެ.

މިއީ ޓީސީ ފުރަތަމަ ޑިވިޝަންގައި ވާދަކުރަން ފެށި ފަހުން އެ ޓީމު އަތުން ވިކްޓަރީ އަށް ހޯދުނު ފުރަތަމަ މޮޅެވެ.