ފަހު ވަގުތު ޓީސީން މާޒިޔާއާ އެއްވަރުކޮށްފި

ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް އަހުމަދު އާރިފް (އާރީ) ފަހު ސިކުންތު ކޮޅުގެ ތެރޭގައި ޖެހި ގޯލުން ޓީސީ ސްޕޯޓްސް ކްލަބުން އެސްޓީއޯ މާލޭ ލީގުގައި މިރ 2-2 އިން މާޒިޔާއާ އެއްވަރުކޮށްފި އެވެ.


މިރޭގެ މެޗުގެ ކުރިން މާޒިޔާއާ ދެކޮޅަށް އެންމެ ފަހުން ކުޅުނު ފަސް މެޗުން ޓީސީ ވަނީ މޮޅުވެފަ އެވެ. މި މެޗު އެއްވަރުވިއިރު، މާޒިޔާ އަށް ވަނީ ލީގުގެ އެއް ވަނައިގައި އޮތް ނިއު ރޭޑިއަންޓާ ދެމެދު އޮތް ޕޮއިންޓުގެ ފަރަގު ކުޑަކުރަން ލިބުނު ފުރުސަތު ގެއްލިފަ އެވެ.

ނިއު އެއް ވަނައިގައި ނުވަ މެޗުން 22 ޕޮއިންޓާ އެކު އޮތްއިރު، ދެ ވަނައިގައި އޮތް މާޒިޔާ އަށް ނުވަ މެޗުން ލިބިފައިވަނީ 17 ޕޮއިންޓެވެ. މިރޭގެ މެޗުން ހޯދި ޕޮއިންޓާ އެކު ޓީސީ ވަނީ ހަތަރު ވަނައަށް ޖެހިލައިފަ އެވެ. އެއީ ނުވަ މެޗުން 15 ޕޮއިންޓް ހަމަކޮށްގެންނެވެ. ވިކްޓަރީ އަށް ވެސް 15 ޕޮއިންޓް ލިބިފައި އޮތްއިރު ޓީސީ އަށް ކުރި ލިބެނީ ފައިދާ ލަނޑުންނެވެ.

މެޗާ ބެހޭގޮތުން މާޒިޔާގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނީ މިއީ އެ ޓީމަށް ތިން ޕޮއިންޓް ލިބެންޖެހޭ މެޗެއް ކަމަށާއި އެކަން ހާސިލްނުވީ ފަހު ވަގުތު ހެދުނު ގޯހަކުން ކަމަށެވެ. އޭނާ ވަނީ މެޗުގެ ރެފްރީ އާދަމް ފަޒީލްގެ ނިންމުންތަކުގެ ސަބަބުން މެޗަށް އަސަރުތަކެއް ކުރި ކަމަށް ބުނެފަ އެވެ.

"މި ކަހަލަ ޕްރެޝަރު މެޗެއްގައި ޓީމަކަށް ޕެނަލްޓީއެއް ލިބިފައި. ގޯލްކީޕަރު އެ ޕެނަލްޓީ މަތަކޮށްފައި. އަދި ދެ ވަނަ ފަހަރަށް އެ ޕެނަލްޓީ ޖައްސުވާފައި މި ކަހަލަ ކަންތައް ވާނަމަ ކުޅުންތެރިންގެ ވިސްނުމަށް ބަދަލު އަންނާނެ. ދެން ނިމުންއިރު ހަތަރު މިނިޓް ދެއްކީ އެކަމު ތިން މިނިޓް ފަނަރަ ސިކުންތުން ނިންމާލީ. ދެން މި މެޗުގައި ހިނގާދިޔަ ކަންތައްތައް ފެންނާނެ ހުރިހާ ބޭފުޅުންނަށް ވެސް." އިންމަ ބުންޏެވެ.

މިރޭގެ މެޗު އެއްވަރުވެގެން ނިމުނުއިރު، އެންމެ ފަހުން ޓީސީއާ ދެކޮޅަށް ކުޅުނު ހަތް މެޗުގައި ވެސް މާޒިޔާ އަށް މޮޅެއް ނުލިބެ އެވެ. އިންމަ ބުނީ އެ ކަމާ މާ ބޮޑަށް ނުވިސްނާ ކަމަށެވެ.

"ޓީސީ އަކީ ރަނގަޅަށް ޕާފޯމް ކުރާ ޓީމެއް. އަޅުގަނޑުމެން ކޮންމެ މެޗެއް ވެސް މި ކުޅެނީ އެންމެ ވަރުގަދަ އަށް މޮޅުވާން. އެހެން ނަމަވެސް ތިބުނާ ކަހަލަ ރެެކޯޑްތަކެއް އެއީ އަޅުގަނޑުމެން އެހާ ގަބޫލުކުރާ އެއްޗެއް ނޫން. އެ މީހުން އަތުން މޮޅުނުވެވިގެން އެ ޕްރެޝަރެއްގައި މަސައްކަތް ނުކުރަން." އިންމަ ބުންޏެވެ.

ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ މެޗު ދިޔަގޮތަށް ބަލާއިރު ނަތީޖާއާ މެދު ހިތްހަަމަ ޖެހޭ ކަމަށެވެ.

"ފޯރިގަދަ ފުޓްބޯޅަ މެޗަކުން ފެންނަން ޖެހޭ ހުރިހާ ކަމެއް ފެނި މި ކަަހަލަ ގޮތަކަށް ނަތީޖާ ދިޔައީމަ ވަރަށް ހިތްހަމަ ޖެހޭ. ގާތްގަނޑަަކަށް އަތުން ގޮސްފައި އިން މެޗެއް މިއީ އަނބުރާ ގެނެސްފައި." ނިޒާމްބެ ބުންޏެވެ.

ޓީސީގެ ކޯޗު ނިޒާމްބެ މެޗުން މޮޅުވުމުން އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މި މެޗަށް ނުކުތްއިރު ކާޑު ހަމަވުމުގެ ސަބަބުން ޓީސީގެ ޔާމީން އިބްރާހިމް (ޔާމްބެ) އާއި މިސްރުގެ ޑިފެންޑަރު އަލާ ނާސިރު ހުރީ ސަސްޕެންޝަނުގަ އެވެ. އަލާގެ މަގާމުގައި ފަހަތަށް ކުޅުނީ މުހައްމަދު އައްޒާމް އެވެ. އަނިޔާގެ ސަބަބުން މާޒިޔާގެ އިސްމާއިލް އީސާ އަށް ނުކުޅެވޭތީ އޭނާގެ ބަދަލުގައި ފުރަތަމަ އެގާރައިގައި ހިމެނުނީ އަހުމަދު ހަސަން (އައްމަޑޭ) އެވެ.

މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން އަވަސް ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހަމަލާ ފޮނުވާލަން ފުރުސަތު ލިބުނީ ޓީސީގެ ކިރްގިސްތާން މިޑްފީލްޑަރު އަނަޓޯލީ ވްލަޝީޗޭވް އަށެވެ. މެޗުގެ 11 ވަނަ މިނިޓްގައި މުހައްމަދު ސާމިރު ކޯނަރަކުން ނަގައިދިން ބޯޅަ އޭރިއާ ތެރެއިން އަނަޓޯލީ އަށް ރަނގަޅަށް ފޮނުވާލެވޭ ގޮތް ނުވި އެވެ.

އޭގެ ދެ މިނިޓް ފަހުން މާޒިޔާގެ ފުރަތަމަ ހަމަލާ ފޮނުވާލީ އައްމަޑޭ އެވެ. އޭރިއާ ބޭރުން އައްމަޑޭ ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ. އޭގެ ފަހުން އައްމަޑޭ ފޮނުވާލި ބޯޅަ އަމާޒުވީ ހުރަސް ދަނޑިއަށެވެ.

މި މެޗުގައި ޓީސީ އަށް އެންމެ ބޮޑު އުނދަގޫތަކެއް ކުރިމަތިކުރުވީ މާޒިޔާގެ ނާއިޒު ހަސަން (ދާދު) އެވެ. ކުރިން ޓީސީ އަށް ކުޅުނު ދާދު ހުއްޓުވަން އެ ޓީމު ކުޅުންތެރިން ވަނީ މިރޭ ގިނަ ފައުލުތަކެއް ކޮށްފަ އެވެ.

މާޒިޔާ އަށް މެޗުގެ 29 ވަނަ މިނިޓްގައި ލީޑުނަގައިިދިނީ އަހުމަދު އިމާޒް (އާއްކޮ) އެވެ. އަރިމަތިން ސެއިން ވިންސެންޓުގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް ނަަގައިދިން ހުރަސް ޓީސީގެ ގޯލްކީޕަރު އިބްރާހިމް ނަދީމް (ރިކޫ) އަތްމަތިން ގޮސް ލިބުނީ އާއްކޮ އަށެވެ. އޭނާ ވަނީ ފަސޭހަކަމާ އެކު ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

މާޒިޔާގެ ލަނޑާ އެކު ޓީސީން ކުރިއަށް ޖެހިގެން ކުޅެން ފެށި އެވެ. މެޗުގެ 35 ވަނަ މިނިޓްގައި ޓީސީގެ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ފޮނުވާލި ބޯޅައިގައި ބާރެއް ނެތުމުން މާޒިޔާގެ އިޓަލީ ކީޕަރު މައުރޯ ބޮއެޗިއޯ ވަނީ އެ ބޯޅަ އަތަށް ނަގައިފަ އެވެ.

ދެ ވަނަ ހާފް ފަށައިގެން މާޒިޔާ އިން ދިޔައީ ލިބޭ ފުރުސަތުތަކުގައި ޓީސީ އަށް ނުރައްކާ ކުރަމުންނެވެ. މެޗުގެ 63 ވަނަ މިނިޓްގައި އޭރިއާ ބޭރުން މާޒިޔާގެ ކޮނޭލިއަސް ފޮނުވާލި ބޯޅަ އަމާޒުވީ އަރިމަތީ ދަނޑިއަށެވެ.

އޭގެ ދެ މިނިޓް ފަހުން ލިބުނު ފުރުސަތުގެ ބޭނުން ހިފައި ކޮނޭލިއަސް ވަނީ މާޒިޔާގެ ދެ ވަނަ ލަނޑު ޖަހައިފަ އެވެ. އާއްކޮ ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅަ ޓީސީ ކުޅުންތެރިއަކު ގައިގައި ޖެހިފައި ލިބުނީ އޭރިއާ ތެރެއިން ކޮނޭލިއަސް އަށެވެ. އޭނާ ވަނީ ވަނީ ފަސޭހަކަމާ އެކު ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. ލަނޑު ޖެހުމަށް ފަހު ކޮނޭލިއަސް އުފާފާޅެއް ނުކުރެ އެވެ. އެއީ އޭނާ މިދިޔަ ސީޒަނުގައި ކުޅުނީ ޓީސީ އަށް ކަމަށްވާތީ އެވެ.

މާޒިޔާގެ ކޮނޭލިއަސް (ކ) ޓީސީގެ އަނަޓޯލީ ކައިރިން ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މާޒިޔާ އިން ލީޑުފުޅާކުރިތާ ދެ މިނިޓް ފަހުން ޓީސީ އަށް ލިބުނު ޕެނަލްޓީ އަކުން އެ ޓީމުގެ ލަނޑު ޖެހީ އަނަޓޯލީ އެވެ. މާޒިޔާގެ މިލޮސް ކޮވަސެވިޗް އޭރިއާ ތެރެއިން އަނަޓޯލީ އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީން އަނަޓޯލީ ފޮނުވާލި ބޯޅަ ކީޕަރު މައުރޯ ވަނީ މަތަކޮށްފަ އެވެ. އެހެން ނަމަވެސް މައުރޯ އެ ޕެނަލްޓިީ މަތަކުރީ ކުރިއަށް ޖެހިގެން ކަމަށްވުމުން ރެފްރީ ވަނީ އަލުން އެ ޕެނަލްޓީ ޖަހަން ފުރުސަތު ދީފަ އެވެ. އެކަމާ ކީޕަރު މައުރޯ ހިތްހަމަ ނުޖެހުން ފާޅުކުރުމުން އޭނާ އަށް ވަނީ ރީނދޫ ކާޑު ދައްކައިފަ އެވެ. ދެ ވަނަ ފަހަރަށް ލިބުނު ފުރުސަތުން އަނަޓޯލީ ފޮނުވާލި ޕެނަލްޓީ މައުރޯ އަތުގައި ޖެހިފައި ނުކުތް ވަގުތު އަނަޓޯލީ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

މާޒިޔާ އިން ވަނީ މެޗުގެ ފަހު ދިހަ މިނިޓަށް އައްމަޑޭ އާއި އާއްކޮގެ ބަދަލުގައި ހަސްފާދު ހަބީބު (މުލަކޭ) އާއި ގާސިމް ސައްމާމު (ސައްމެ) ވަނީ ކުޅެން އަރުވައިފަ އެވެ. އަދި ޓީސީން ވަނީ އައްޒާމްގެ ބަދަލުގައި ޒުވާން މިޑްފީލްޑަރު ނިޝާމް މުހައްމަދު ރަޝީދު ކުޅެން އަރުވައިފަ އެވެ.

ބަދަލުތަކާ އެކު މާޒިޔާ އިން ޑިފެންސަށް ވިސްނައިގެން ކުޅެން ފެށުމުން ޓީސީން މެޗުގެ ފަހު ވަގުތު ކުރިއަށް ޖެހިގެން ކުޅެން ފުރުސަތުތަކެއް ލިބުނެވެ. މެޗުގެ 88 ވަނަ މިނިޓްގައި ޓީސީގެ ނިޝާމް އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.

ޓީސީން އާރީ ކުޅެން އެރުވީ މެޗުގެ 89 ވަނަ މިނިޓްގަ އެވެ. އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަތަރު މިނިޓްގެ ފަހު މިނިޓްގައި އޭރިއާ ތެެރެއިން މާޒިޔާ ދެ ޑިފެންޑަރުން ކައިރިން ފޭދޫ އިއްބެ ބޯޅަ ހިފައިގެން ދެމިގަތް ވަގުތު ލިބުނީ އާރީ އަށެވެ. އޭނާ ފޮނުވާލި ބޯޅަ ވަނީ ގޯލުގެ ދުރު ކަނަށެވެ.

މެޗު ނިމުމުން ޓީސީގެ ބެންޗުން ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފަ އެވެ.