މާޒިޔާ ދޫކޮށް ބެންޖޯ އަލުން ޓީސީ އަށް

މި ސީޒަނުގައި މާޒިޔާގައި ރަނގަޅު ކުޅުމެއް ދެއްކި ތަޖުރިބާކާރު ޑިފެންޑަރު އަބްދުﷲ ހަނީފް (ބެންޖޯ) އޭނާ ކުރިން ކުޅުނު ޓީސީ ސްޕޯޓްސް ކްލަބަށް ބަދަލުވެއްޖެ އެވެ.


ދެ އަހަރު ޓީސީ އަށް ކުޅުމަށް ފަހު ބެންޖޯ، މާޒިޔާއާ ގުޅުނީ މިދިޔަ އަހަރު ކުރީކޮޅުގަ އެވެ. ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނައިގައި މާޒިޔާ 11 ޕޮއިންޓުގެ ލީޑަކާ އެކު އޮތްއިރު، ބެންޖޯ ވަނީ ގިނަ މެޗުތަކެއްގައި ކުޅެފަ އެވެ.

ބެންޖޯ މާޒިޔާއިން ރިލީސް ހޯދައި ޓީސީއާ ގުޅުނީ ކުޅުމުގެ ފުރުސަތު ހޯދުމުގެ ގޮތުންނެވެ. އޭއެފްސީ ކަޕް ކޮލިފައިން އަށް މާޒިޔާ ވަރުގަދަ ކުރުމުގެ ގޮތުން ވަނީ އަފްގާނިސްތާން ގައުމީ ޓީމުގެ ޑިފެންޑަރު މުހައްމަދު ޝަރީފް އާއި ސާބިއާ އެއް ވަނަ ޑިވިޝަނުގައި ކުރިން ކުޅެފައިވާ ޕީޓާ ޕްލެނިޗް ގެނެސްފަ އެވެ.

ޓީސީން 2018 ވަނަ އަހަރުގެ ދިވެހި ލީގު ކާމިޔާބުކުރި ޓީމުގައި ހިމެނުނު ބެންޖޯ އަލުން އެ ޓީމާ ގުޅުނީ އޭއެފްސީ ކަޕްގައި ވާދަކުރަން އެ ޓީމުން ވެސް ޓީމު ވަރުގަދަކުރި ދަނޑިވަޅެއްގަ އެވެ. ޓީސީގެ ތާރީހުގައި ފުރަތަމަ ފަހަރަށް އެ ޓީމުން މި އަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ވާދަކުރާނެ އެވެ.

މުހައްމަދު ޝާޒްލީ (ޝާޒް) ގެ ކޯޗުކަމުގައި ކުޅޭ ޓީސީން ވަނީ ރޭ ނިމުނު ރާއްޖޭގެ ޓްރާންސްފާ މާކެޓްގައި ގިނަ ކުޅުންތެރިންތަކެއް ގެނެސްފަ އެވެ. ބެންޖޯގެ އިތުރުން އޭގެ ތެރޭގައި ގްރީން ސްޓްރީޓްސް އިން ގެނައި އަލީ އަޝްފާގު (ދަގަނޑޭ) އާއި ށ. ފޯކައިދު ޓީމުން ގެނައި އަލީ ޝާމިސް (ތޮއްޕޭ) އެ ޓީމަށް ކުޅުނު ޕާކިސްތާންގެ ކީޕަރު ހަނީފް ސާގިބް އަދި މިސްރުގެ ދެ ކުޅުންތެރިން ކަމަށްވާ ހަލީލް ޖަމާލް އަދި މަހުމޫދު ސައީދު ހިމެނެ އެވެ.

މި ސީޒަނުގައި މާޒިޔާގެ މެޗެއްގެ ތެރެއިން ބެންޖޯ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިހާރު އުމުރުން 35 އަހަރުގެ ބެންޖޯ އެންމެ ފުރަތަމަ ޓީސީ އަށް ބަދަލުވީ 2017 ވަނަ އަހަރު އެވެ. ޓީސީން އެ އަހަރު ބަންގްލަދޭޝްގައި އޮތް ޝެއިހް ކަމާލް ކަޕް ކާމިޔާބުކުރި ޓީމުގައި ބެންޖޯ ވަނީ މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. މިދިޔަ ސީޒަނުގައި ޓީސީން ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދިއިރު ބެންޖޯ ވަނީ ލީގުގެ ކުރީކޮޅުގައި ކުޅުނު ގިނަ މެޗުތަކުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެކަމަކު ޖުލައި މަހު އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗެއްގެ ތެރެއިން ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ބެންޖޯ ފަހުން ހުރީ ކުޅުމާ ދުރުގަ އެވެ.

މި ވަގުތު ފުރަތަމަ ޑިވިޝަނުގައި ކުޅޭ އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ ބެންޖޯ ވަނީ އައިއެފްސީ އާއި ވީބީ އައްޑޫ އެފްސީ އާއި ނިއު ރޭޑިއަންޓް އަދި ކްލަބް ވެލެންސިއާ އަދި ކްލަބް އީގަލްސް އަށް ވެސް ކުޅެފަ އެވެ. ވީބީ އައްޑޫ އެފްސީގެ ކެޕްޓަނެއްގެ ގޮތުގައި ހުރެ އެ ޓީމާ އެކު އޭނާ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ތިން ވަނަ ބުރުގައި ޓީސީ ކުޅޭ ފުރަތަމަ މެޗުގައި މިރޭ ނުކުންނާނީ އީގަލްސްއާ ދެކޮޅަށެވެ. ދެ ވަނަ ބުރުގެ ފަހު މެޗުގައި އީގަލްސް އަތުން ޓީސީ ވަނީ ބަލިވެފަ އެވެ.