އޭއެފްސީ ކަޕް: ޝާޒްލީ ރޭޓްކުރާ ޓީމަކީ ބަޝުންދުރާ

އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގައި ވާދަކުރަން ޖެހޭ ހަތަރު ޓީމު ވެސް ދާދި އެއްވަރު ކަމަށާއި އެކަމަކު އޭގެ ތެރެއިން ފޭވަރިޓެއް ނަގާ ނަމަ ނަގާނީ ބަންގްލަދޭޝްގެ ބަޝުންދްރާ ކިންގްސް ކަމަށް މާދަމާ އެ ޓީމާ ދެކޮޅަށް ނުކުންނަ ރާއްޖޭގެ ޓީސީ ސްޕޯޓްސްގެ ކޯޗު މުހައްމަދު ޝާޒްލީ ބުނެފި އެވެ.


މި ދެ ޓީމުގެ އިތުރުން، ދެކުނު އޭޝިއާ އަށް ހާއްސަ މި ގްރޫޕުގައި އޮތީ ރާއްޖޭގެ ޗެމްޕިއަން މާޒިޔާ އާއި އިންޑިއާގެ އައި ލީގުގެ ޗެމްޕިއަން ޗެންނާއީ ސިޓީ އެފްސީ އެވެ. މާޒިޔާ އާއި ޗެންނާއީ ސިޓީ، މާދަމާ އިންޑިއާގެ ޗެންނާއީގައި ކުޅޭނެ އެވެ.

ޑާކާގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޝާޒްލީ ބުނީ ގްރޫޕުގައި އޮތް ހަތަރު ޓީމުގެ ކިބައިގައި ވެސް ގްރޫޕުގެ އެއް ވަނަ ހޯދައި އިންޓަ ޒޯނަލް ސެމީ ފައިނަލަށް ދިއުމަށް އޮތީ ހަމަހަމަ ފުރުސަތެއް ކަމަށެވެ.

"އެކަމަކު އެއް ޓީމު ރޭޓްކުރަންޏާ އަހަރެން ރޭޓްކުރާނީ ބަޝުންދުރާ. އެ ޓީމުގައި އެބަތިބި ވަރަށް ފެންވަރު ރަނގަޅު ބިދޭސީ ކުޅުންތެރިން. މިސާލަކަށް އާޖެންޓީނާ ފޯވާޑް (ހެނާން ބާކޯސް) އާއި ކެޕްޓަން (ޑެނިއަލް ކޮލިންޑްރެސް)،" ޝާޒްލީ ބުންޏެވެ.

މީގެ ތެރެއިން ބާކޯސް އަކީ އާޖެންޓީނާ ގައުމީ ޓީމަށް 2012 ވަނަ އަހަރު ލިއޮނަލް މެސީއާ އެކު ކުޅެފައިވާ ކުޅުންތެރިޔެކެވެ. އެ ޓީމުން މަހަކު 20،000 ޑޮލަރުގެ މުސާރައަކަށް 10 މަހުގެ ކޮންޓްރެކްޓެއްގެ ދަށުން ގެނައި ބާކޯސްގެ ފުރަތަމަ މެޗަކަށް ވާނީ މާދަމާގެ މެޗެވެ. ކެޕްޓަން ކޮލިންޑްރެސް އަކީ ކޮސްޓާ ރީކާ ގައުމީ ޓީމުގެ ކުޅުންތެރިޔެކެވެ.

ޓީސީ ވަނީ 2017 ވަނަ އަހަރު ބަންގްލަދޭޝްގެ ޝެއިޚް ކަމާލް ގޯލްޑްކަޕް ކާމިޔާބުކޮށްފަ އެވެ. އަދި 2018 ވަނަ އަހަރުގެ އޭއެފްސީ ކަޕުގެ ޕްރިލިމިނަރީ ބުރުން ބަންގްލަދޭޝްގެ ސައިފް ސްޕޯޓިން ކްލަބް ކަޓުވާލި އެވެ. އެހެންވެ ބަންގްލަދޭޝްގެ ޓީމުތަކާ ދެކޮޅަށް ޓީސީގެ ރެކޯޑް ރަނގަޅެވެ.

ޝާޒްލީ ބުނީ ކުރިއާ ހާލަތު މިހާރު ތަފާތު ކަމަށާއި އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގައި ކުރިން ވާދަކުރި ބަންގްލަދޭޝްގެ ޓީމުތަކަށް ވުރެ ބަޝުންދުރާ ވަރުގަދަ ކަމަށެވެ. އެގޮތުން މި ގްރޫޕުގައި އިންޑިއާގެ ޓީމެއް އޮވެފައި ރާއްޖޭގެ ލީގު ޗެމްޕިއަން މާޒިޔާ އޮތަސް ބަޝުންދުރާ އަކީ ފޭވަރިޓަކަށް ވުމުން ދައްކުވައިދެނީ ހާލަތު ތަފާތުކަން ކަމަށާއި ބަޝުންދުރާ އަށް ފުރުސަތު ބޮޑު ކަމަށް ބުންޏެވެ.

މިދިޔަ ޑިސެމްބަރު މަހު ޓީސީއާ ހަވާލުވި ޝާޒްލީ ބުނީ އޭނާ ހަވާލުވި ހިސާބުން ފެށިގެން މި މުބާރާތަށް ތައްޔާރުވަން ފަށައިފިން ކަމަށެވެ. އަދި ރާއްޖެ އަކީ ފުޓްބޯޅަ އަށް ލޯބިކުރާ ގައުމަކަށް ވުމާ އެކު، ބައިނަލްއަގްވާމީ މެޗުތަކާ ކުރިމަތިލާއިރު އަބަދުވެސް ބޭނުންވާނީ ހޯދެން އޮތް އެންމެ ބޮޑު ކާމިޔާބެއް ހޯދަން ކަމަށް ބުންޏެވެ.

"އަހަރެމެންގެ ނަސީބު ވެސް ރަނގަޅު. ލީގުގައި ވެސް ފަހުން ރަނގަޅު މެޗުތަކެއް ލިބުނު. އަދި މި މުބާރާތަށް ހާއްސަކޮށްގެން ގަތަރުގައި ކޭމްޕެއް ބޭއްވިން. އޭގެ ފަހުން އެފްއޭ ކަޕް މެޗެއް ވެސް ކުޅެފައި މިއައީ މި މެޗަށް. އަހަންނަށް އިހުސާސް ކުރެވެނީ އަހަރެމެން މިއޮތީ އެންމެ ރަނގަޅަށް ތައްޔާރުވެފައޭ،" މާދަމާ މެންދުރުފަހު 2:30 ގައި ފަށާ މެޗާ ބެހޭގޮތުން ޝާޒްލީ ބުންޏެވެ.

ޓީސީގެ ދެ ފޯވާޑުން ކަމަށްވާ ދަގަނޑޭ (ވ) އާއި ސެއިންޓް ވިންސެންޓުގެ މެލްކޮމް: ޓީސީން ވަނީ އެންމެ ފަހުން ކުޅުނު މެޗުގައި، އެފްއޭ ކަޕުގައި ކްލަބް އޭދަފުށި އަތުން 13-0 އިން މޮޅުވެފައި. --ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭނާ ބުނީ ބަޝުންދުރާ ވަރުގަދަ މާދަމާގެ މެޗުން މޮޅުވާން އޮތީ ހަމަހަމަ ފުރުސަތެއް ކަމަށާއި އަމިއްލަ ދަނޑުގައި ކުޅޭތީ އެ ޓީމަށް ޕްރެޝަރު އޮންނާނެތީއާ އެކު މާދަމާ ނުކުންނާނީ ސީދާ މޮޅަކަށް ކަމަށް ބުންޏެވެ.

"ޓީސީގައި ވެސް ތަޖުރިބާކާރު ކުޅުންތެރިންތައް އެބަތިބި. ގައުމީ ޓީމުގެ ފަސް ކުޅުންތެރިން އެބަތިބި. ބޭރުގެ ކުޅުންތެރިން ވެސް އަހަރެން ދެކޭ ގޮތުގައި ވަރަށް ރަނގަޅު،" ޝާޒްލީ ބުންޏެވެ.

އަލީ އަޝްފާގް (ދަގަނޑޭ) ގެ ސޮއި ހޯދީ ވެސް ސީދާ މި މުބާރާތުން ކާމިޔާބު ހޯދަން ކަމަށް އިޝާރާކޮށް ޝާޒްލީ ބުނީ ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާ ހުރުމަކީ ބިދޭސީ މޮޅު ކުޅުންތެރިޔަކު ހުރުން ފަދަ ކަމެއް ކަމަށެވެ.

ގެ ބަޝުންދުރާ އަކީ އެ ގައުމުގައި އެންމެ އަރަމުން އަންނަ ޓީމެވެ. އެ ޓީމުން މި އަހަރުގެ އޭއެފްސީ ކަޕުން ޖާގަ ހޯދީ މިދިޔަ ސީޒަނުގެ ބަންގްލަދޭޝް ޕްރިމިއާ ލީގުގައި ޑާކާ އަބަހާނީ ލިމިޓެޑް ފަހަތަށް ޖައްސާލައި ޗެމްޕިއަންކަން ހޯދައިގެންނެވެ. އެއީ އެ ޓީމު ފުރަތަމަ ޑިވިޝަނުގައި ވާދަކުރި ފުރަތަމަ އަހަރު ވެސް މެ އެވެ. މިހާރު ކުރިއަށްދާ މި ސީޒަނުގެ ލީގުގައި އެ ޓީމު އޮތީ ފުރަތަމަ ފަސް މެޗަށް ފަހު ފަސް ވަނައިގަ އެވެ. އެކަމަކު އެ ޓީމުން ވަނީ ތާވަލުގެ ކުރީގައި އޮތް ހަތަރު ޓީމާ އެއްވަރަށް، 10 ޕޮއިންޓް ހޯދައިފަ އެވެ. އެ ފަސް ޓީމު ފަރަގުކުރަނީ ލަނޑުގެ ތަފާތުންނެވެ.

ބަޝުންދްރާ އެންމެ ފަހުން ކުޅުނު މެޗުން ހޮނިހިރު ދުވަހު ވަނީ ރަށުން ބޭރުގައި މުހައްމަދީން ޑާކާ އަތުން 1-0 އިން ބަލިވެފަ އެވެ. އެކަމަކު އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ނަތީޖާތައް ރަނގަޅެވެ. އެގޮތުން ރަށުން ބޭރުގައި ރަހްމަތްގޮންޖް އަތުން 2-1 އިން، ބްރަދާސް ޔޫނިއަން އަތުން 3-2 އިން އަދި އަމިއްލަ ދަނޑުގައި ބަރިދަރާ އަތުން 1-0 އިން މޮޅުވި އެވެ. އަދި ރަށުން ބޭރުގައި ބަންގްލަދޭޝް ޕޮލިސްއާ 1-1 އިން އެއްވަރުވެ އެވެ.

ބަޝުންދުރާގެ ކޯޗަކީ ރާއްޖޭގެ ފުޓްބޯޅައިން ފަހަކަށް އައިސް ފެނުނު އެންމެ ކާމިޔާބު އެއް ކޯޗު ސްޕެއިނުގެ އޮސްކާ ބްރުޒޯން އެވެ. ނިއު ރޭޑިއަންޓަށް 2017 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގާއި އެފްއޭ ކަޕާއި ގައުމީ މުބާރާތް އަދި 2018 ވަނަ އަހަރުގެ މާލޭ ލީގު ކާމިޔާބުކޮށްދިން ކޯޗު ވަނީ އެ އަހަރުގެ އޭއެފްސީ ކަޕުގައި ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ. ގްރޫޕުގެ އެއް ވަނަ ހޯދައި އިންޓަ ޒޯނަލް ސެމީ އަށް ދިއުމަށް ހުރަސް އެޅުނީ ފަހު މެޗުން އިންޑިއާގެ އައިޒޯލް އަތުން ބަލިވުމުންނެވެ.