އަންނަ އަހަރު ބަންދުގެ ގޮތުގައި އިތުރު ހަ ދުވަސް

ސަރުކާރުގެ ރަސްމީ ބަންދު ދުވަސްތަކުގެ ގޮތުގައި ކަލަންޑަރުގައި ކަނޑައަޅާފައިވާ ދުވަސްތަކުގެ އިތުރަށް އަންނަ އަހަރު ހަ ދުވަސް ބަންދުކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައިފި އެވެ.


އެމަނިކުފާނުގެ ތަރުޖަމާން އިބްރާހިމް ހޫދު މިއަދު ވިދާޅުވީ ބަންދު ދުވަސްތައް ކުރިން ކަނޑައެޅުއްވީ އާއްމުންނަށް ލުއި ފަސޭހައަކަށް ކަމަށެވެ. އެއީ، ދުރާލައި އެ ދުވަސްތައް ޕްލޭން ކުރުމުގެ ފުރުސަތު ދޭން ކަމަށް އޭނާ ވިދާޅުވި އެވެ.

ކަލަންޑަރަށް ރައީސް އިތުރުކުރެއްވި ބަންދު ދުވަސްތައް

- ޖެނުއަރީ، 2

- މެއި، 27

- މެއި، 28

- ޖުލައި، 28

ޖުލައި 29،

ނޮވެމްބަރު، 12

އަންނަ އަހަރުގެ ފެށުން، ޖެނުއަރީ، 1، 2020 ދިމާވަނީ ބުދަ ދުވަހަކަށެވެ. ޖެހިގެން އަންނަ ދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސަވާފައިވާތީ ދިގު، ހަފުތާ ބަންދެއް ލިބެ އެވެ. މި ދުވަސްވަރަކީ ސްކޫލްތަކުގެ ޗުއްޓީއަށް ވުމުން، އެ ހަތަރު ދުވަސް ބަންދުގެ ގޮތުގައި ލިބުމުން އާއިލާތަކަށް އެކުގައި ވަގުތު ހޭދަކުރަން ލިބޭ ފުރުސަތަކަށް ވާނެ އެވެ.

މެއި މަހުގެ 27 އާއި 28 ބަންދުގެ ގޮތުގައި ހަމަޖެއްސެވީ ފިތުރު އީދާ ގުޅުވައިގެންނެވެ.

ޖުލައި، 26 ވާ އާދީއްތަ ދުވަހަކީ ރާއްޖޭގެ މިނިވަން ދުވަހެވެ. މިނިވަން ދުވަހުގެ މުނާސަބަތުގައި 27 ވަނަ ދުވަސް ވެސް ބަންދެވެ. މި ބަންދުގެ ތެރޭގައި ރައީސް ހިމެނުއްވީ އެ ހަފުތާގެ އަންގާރަ ދުވަހާއި ބުދަ ދުވަހެވެ. އޭރުން ހަފުތާއެއްގެ ޗުއްޓީ ލިބެ އެވެ.

އަންނަ އަހަރުގެ ޖުމްހޫރީ ދުވަސް، ނޮވެމްބަރު 11 އަކީ ބުދަ ދުވަހެކެވެ. ޖެހިގެން އަންނަ ބުރާސްފަތި ދުވަސް ބަންދުކުރުމުން އެ ހަފުތާގައި ވެސް ދިގު ބަންދެއް ލިބެ އެވެ.

ހޫދު ވިދާޅުވި ގޮތުގައި، މި ދުވަސްތަކުގެ އިތުރުން ވެސް ބަންދު ދުވަސްތަކެއް ހަމަޖެއްސެވުން އެކަށީގެންވެ އެވެ. އެކަމަކު ދުރާލައި މި ދުވަސްތައް ބަންދުކުރައްވަން ރައީސް ނިންމެވީ، ބައެއް ދުވަސްތަކާ ގުޅިގެން ބަންދުތޯ އަހައި ހުށަހަޅާ ސުވާލުތަކާ ގުޅިގެންނެވެ.

"ބައެއް ތާރީޚީ ބަންދުތަކާ ގުޅުވައި ޖެހިގެން އަންނަ ދުވަސް ބަންދުތޯ ސުވާލު އާދޭ. އެހެންވެ ރައީސް ނިންމެވީ ދުރާލައި އެ ބަންދުތައް އިއުލާން ކުރައްވަން. އެއީ އާއިލާތަކުން އެ ބަންދުތައް ކުރިއާލައި ޕްލޭންކުރަން ފަސޭހައަކަށް،" ހޫދު ވިދާޅުވި އެވެ.