ދެ އަހަރުގެ ކުއްޖާ "ރޭޕް" ކުރުމުގައި ބައްޕަ، ކާފަ، މުނިކާފަ!

ދެކުނުގެ ރަށެއްގައި ދެ އަހަރުގެ އަންހެން ކުއްޖާ އަށް ޖިންސީ ގޯނާ ކުރުމުގައި އެ ކުއްޖާގެ ބައްޕަ، ކާފަ އަދި މުނިކާފަ ބައިވެރިވާ ކަމަށް އެ ރަށުގައި އުޅޭ ބައެއް މީހުން މިއަދު ތުހުމަތު ކޮށްފި އެވެ.


ކުޑަ އަންހެން ކުއްޖާ އަށް ޖިންސީ ގޯނާކުރި ކަމުގެ މައްސަލައެއް ފުލުހުންނަށް ހުށަހެޅީ އިއްޔެ އެވެ. އެ މައްސަލައިގައި ފުލުހުން އަދި މާ ބޮޑު މައުލޫމާތުތަކެއް ހާމައެއް ނުކުރެ އެވެ. އެނގިފައިވާ ގޮތުގައި މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން އަދިވެސް ދިރިއުޅެނީ އެ ކަން ހިނގި ރަށުގަ އެވެ. އެކަމަކު މި މައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މައުލޫމާތު އެނގޭ ބައެއް މީހުން "މިހާރު" އަށް ކިޔައިދެމުން ބުނީ ކުއްޖާ އަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. އެ މީހުން ގަބޫލު ކުރާ ގޮތުގައި ކުއްޖާއާ ދޭތެރޭ ހިންގީ ރޭޕްގެ އަމަލެކެވެ. ކުޑަ އަންހެން ކުއްޖާ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުން މިހާރު ވަނީ މާލެ ގެނެސްފަ އެވެ.

ރަށުން ވާހަކަ ދެއްކި މީހުން ބުނީ ކުއްޖާގެ ބައްޕަ އާއި މަންމައަކީ ވެސް މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ދެ މީހުން ކަމަށެވެ. އެހެންވެ، ކުއްޖާ އަށް ދޭން ޖެހޭ އަޅާލުމާއި އެހީތެރިކަން ދެ މީހުންގެ ފަރާތުން އެއްވެސް ވަރަކަށް ލިބިފައި ނުވާ ކަމަށް ވެސް އެމީހުން ބުންޏެވެ.

"ބައެއް ފަހަރު އާއިލާގެ ދެން ތިބޭ މީހުން، އަވަށްޓެރިންގެ ފަރާތުން އެއްޗެހި ހޯދާފައި ކުއްޖާ އަށް ދޭނީ. މައިންބަފައިންގެ ފަރާތުން ލިބެންވާ އޯގާތެރިކަމެއް ހަގީގަތުގައި ނުލިބޭ،" ދެ އަހަރުގެ ކުޑަ އަންހެން ކުއްޖާ ދިރިއުޅޭ ގެ ކައިރީގައި އުޅޭ އަވަށްޓެރިއަކު ނަން ނުޖަހަން ޝަރުތުކޮށް ބުންޏެވެ.

އެ ރަށު މީހުން ތުހުމަތު ކުރާ ގޮތުގައި އަންހެން ކުއްޖާ އަށް ޖިންސީ ގޯނާ ކުރީ ސިއްހީ ސަބަބަކާ ހުރެ، އެ ކުއްޖާގެ މަންމަ މިދިޔަ ހޯމަ ދުވަހު މާލެ ދިޔަ ފަހުންނެވެ. ކުއްޖާ ދިރިއުޅޭ ގޭގައި އެ ކުއްޖާގެ މައިންބަފައިންގެ އިތުރުން ކާފަ އާއި މުނިކާފަ ވެސް ދިރިއުޅޭ ކަމަށްވެ އެވެ.

"ކުއްޖާގެ މަންމަ މާލެ ދިއުމާ އެކީގައި ގޭގައި އަންހެނަކު ނޫޅޭނެތީ އާއިލާގެ މެމްބަރަކު އެދުނު އެ މީހުން ގޭގައި އަންހެން ކުއްޖާ ބެހެއްޓިދާނެ ކަމަށް. އެކަމަކު އެކަމާ ދެކޮޅު ހެދީ ބައްޕަ. ބައްޕަ ބުނި ކަމަށްވަނީ ތިމަންނަ އަށް ދަރިފުޅު ބެލޭނެއޭ. އެހެން މީހަކު ހަވާލުވާން ނުޖެހޭނެއޭ،" އޭނާ ކިޔައި ދިނެވެ.

އޭނާ ބުނި ގޮތުގައި ކުއްޖާގެ މަންމަ މާލެ ދިޔަ ފަހުން، އެ ކުއްޖާގެ ބޮޑުދައިތަ ކޮންމެ ދުވަހަކު ވެސް ގެއަށް ގޮސް، ކުއްޖާ އަށް ބޭނުންވާ އެހީތެރިކަންދެ އެވެ. އަންހެން ކުއްޖާ އަށް ޖިންސީ ގޯނާ ކުރިކަން ބޮޑުދައިތަ އަށް ފަޅާ އެރީ މިދިޔަ ބުދަ ދުވަހު ކުއްޖާ ފެންވަރުވަން އުޅުމުގެ ތެރޭގައި ކަމަށްވެ އެވެ.

"އަންހެން ކުއްޖާ އަށް ކޮންމެވެސް ވަރަކަށް ވާހަކަ ދެއްކޭ. އަތުގެ އިޝާރާތުން ދައްކާފައި ބުނީ މިވެނި ތަނަކަށޭ ތަދުވަނީ. ކުއްޖާގެ ވާހަކަ ހުރި ގޮތުން އެއީ ބައްޕަ ކުރި ކަމެއް ކަން ވެސް ބުނޭ. ޖިންސީ ގޯނާކުރި ކަމުގެ ނިޝާންތައް ފެންނަން ވެސް ހުރި ކަމަށްވޭ،" މައުލޫމާތު އެނގޭ މީހާ ބުންޏެވެ.

ކުއްޖާ އަށް ލިބުނު ބޮޑެތި އަނިޔާތަކާ ގުޅިގެން އެ ރަށު ސިއްހީ މަރުކަޒުގެ ޑޮކްޓަރަކަށް ދެއްކި އެވެ. އަދި ކުއްޖާ އަށް ލިބިފައިވާ އަނިޔާތައް ސީރިއަސް ކަމުން، ޑޮކްޓަރު ވެސް ހުރީ ހައިރާންވެފަ އެވެ. އޭނާ ވެސް އެދިފައި ވަނީ ވީހާ ވެސް އަވަހަށް ފަރުވާ ކުރަން މާލެ އަށް ގެންދިއުމަށެވެ.

އެނގިފައިވާ ގޮތުގައި އެ ކުއްޖާ މާލެ ގެނެސް، އައިޖީއެމްއެޗްގައި ދަނީ ފަރުވާދެމުންނެވެ.

މި މައްސަލައިގައި ފުލުހުން ހަމައެކަނި ބުނީ ކުޑަ ކުއްޖާ އަށް ޖިންސީ ގޯނާ ކުރި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށެވެ. މި މައްސަލައާ ގުޅިގެން ޖެންޑާ މިނިސްޓްރީން މިހާތަނަށް އައި އިރު އެއްވެސް އެއްޗެއް ނުބުނެ އެވެ.

އޭސީސީގެ ކުރީގެ މެމްބަރު މިންނާ ކުރެއްވި ޓުވީޓު.

އެ އަންހެން ކުއްޖާ އަށް ޖިންސީ ގޯނާ ކުރި ކަމަށް ބެލެވޭ މީހުންގެ ފޮޓޯތައް އާންމުވެފައިވާ އިރު، ގިނަ ބައެއްގެ ނުރުހުން ވަނީ އެ ކަން ކުރި މީހުންނަށް ވަރަށް ބޮޑަށް އަމާޒުވެފަ އެވެ. ސޯޝަލް މީޑިއާގައި އެތައް ބަޔަކު ސުވާލު ކުރީ ކުޑަކުދިންނަށް ރާއްޖޭގައި އެއްވެސް ކަހަލަ ރައްކާތެރިކަމެއް އޮތްތޯ އެވެ. އަދި ކުޑަކުދިންނަށް ގޯނާ ކުރާ މީހުންނަށް ދެވެން އޮތް އެންމެ ބޮޑު އަދަބު ދޭން ގޮވާލި އެވެ.

މި އަމަލު ސަރުކާރުގެ ބައެއް މިނިސްޓަރުންނާއި މަޖިލިސްގެ މެމްބަރުންގެ އިތުރުން ސިޔާސީ އެހެން ބައެއް ބޭފުޅުން ވެސް އަންނަނީ ކުށްވެރިކުރައްވައި އެކަން ހިންގި މީހުންނަށް ހަރުކަށި އަދަބު ދިނުމަށް ގޮވާލައްވަމުންނެވެ.

ޣައްސާން މައުމޫން ކުރެއްވި ޓުވީޓު.

ގިނަ ބަޔަކު ސިފަ ކުރި ގޮތުގައި ދެ އަހަރުގެ ކުއްޖަކަށް ބަޔަކު ޖިންސީ ގޯނާ ކުރި މައްސަލައަކީ ޖަނަވާރުންގެ އަމަލެކެވެ.

މީހަކު ކުރި ޓުވީޓެއް.

"ޖަނަވާރެކޭ ކިއަން ވެސް ލަދުގަނޭ. އެއީ އަހަރުމެން ދެކެން ޖަނަވާރު ވެސް އޭގެ ދަރިން ހިމާޔަތް ކުރަން އުޅޭ ގޮތް،" ޔުމްނާ ހަބީބް ނަމުގައި ފޭސްބުކްގައި ކޮމެންޓެއް ކުރި މީހަކު ބުންޏެވެ.

މައުލޫމާތު އެނގޭ މީހުން ކިޔައި ދިން ގޮތުގައި އެ ރަށަކީ ކުޑަކުދިންނާ ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ރަށެކެވެ. އެކަމަކު، ޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގައި އެ ކުދިންގެ ނަމާއި އެ ހާދިސާ ހިނގި ރަށެއް ފުލުހުން މިހާރު ހާމައެއް ނުކުރެ އެވެ.