ކޮމިޓީގެ ނިންމުން ތަންފީޒު ކުރަން ޖެންޑާ މިނިސްޓްރީ އަށް ނަޝީދު އަންގަވައިފި

ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރު ވެސް ނުވާ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކާ ބައްދަލުކޮށް، ލިބުނު މައުލޫމާތުތަކުގެ އަލީގައި ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިއަދު ނިންމި ކަންކަން ތަންފީޒު ކުރަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފަށް އަންގަވައިފި އެވެ.


ދެ އަހަރު ނުފުރޭ ކުއްޖާގެ މުނިކާފަ އާއި ކާފަ، އެ ކުއްޖާ އަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެ، އެ ދެ މީހުން ވަނީ މިދިޔަ ހުކުރު ދުވަހު ހައްޔަރުކޮށްފަ އެވެ. އަދި އެކަމުގައި އިހުމާލުގެ ތުހުމަތުގައި އެ ކުއްޖާގެ ބައްޕަ ވެސް އެ ދުވަހު ވަނީ ހައްޔަރުކޮށްފަ އެވެ. އެ މައްސަލައިގައި މަޖިލީހުގެ ޖެންޑާ ކޮމިޓީ އަށް ޖެންޑާ މިނިސްޓަރު ޝިދާތާ އާއި ފުލުހުން އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އިސްވެރިން ވެސް ރޭ ހާޒިރުކޮށް މައުލޫމާތު ސާފުކުރި އެވެ.

އެ ކޮމިޓީގެ ތިން ބައްދަލުވުމަކަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ނުރައްކަލަށް ހުށަހެޅިދާނެ އާއިލާތަކާއި ކުޑަކުދިން ދެނެގަންނާނެ މިންގަނޑުތައް ދެ ދުވަސް ތެރޭގައި އެކުލަވާލައި، މަޖިލީހަށް ފޮނުވުމަށާއި އެފަދަ ކުދިންނާއި އާއިލާތައް ދަފްތަރުކޮށް، މޮނީޓާ ކުރުމުގެ މަސައްކަތް ހަތް ދުވަސް ތެރޭގައި ފެށުމަށް ޖެންޑާ މިނިސްޓްރީ އަށް އަންގަވާފައިވާ ކަމަށެވެ. ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުން ދައުލަތުގެ ކަމާބެހޭ އިދާރާތަކާ ހިއްސާ ނުކޮށް ހުރި އެފަދަ މައުލޫމާތުތައް ދެނެގަނެ، 30 ދުވަހުގެ ރޭގައި އެ މައުލޫމާތު ދަފްތަރުގައި ހިމެނުމަށް ވެސް އެ ނޫސްބަޔާނުގައިވާ ގޮތުން ޖެންޑާ މިނިސްޓްރީ އަށް ނަޝީދު ވަނީ އަންގަވައިފަ އެވެ.

މަޖިލީހުގެ އިދާރާގެ ނޫސްބަޔާން

މީގެ އިތުރުން، ޖިންސީ ގޯނާގެ ތުހުމަތުގައި ދައުވާ އުފުލުމަށް ފަހު ބަންދުން ދޫކޮށްލާފައިވާ މީހުން ދެނެގަނެ، އެ މީހުން ދޫކޮށްލި ސަބަބުތައް އަލުން ދެނެގަތުމަށާއި އެފަދަ މީހުން މޮނީޓާ ކުރާނެ ނިޒާމެއް 30 ދުވަސް ތެރޭގައި ގާއިމް ކުރުމަށާއި އެފަދަ މައްސަލަތައް ކޯޓުތަކުން އަވަހަށް ނިިންމުމާ ގުޅޭ ރިޕޯޓެއް ވެސް 30 ދުވަހުގެ ތެރޭގައި މަޖިލީހަށް ފޮނުވަން އެ މިނިސްޓްރީ އަށް ނަޝީދު އެންގެވި ކަމަށް މަޖިލީހުގެ އިދާރާ އިން ބުންޏެވެ.

ބަޔާނުގައިވާ ގޮތުން، ކުޑަކުދިންނަށް ރައްކާތެރިކަން ދިނުމުގެ ޒިންމާ އޮތް މުއައްސަސާތަކުގެ އޮޑިޓެއް ހެދުމަށް ފަހު މަޖިލީހާ ހިއްސާ ކުރަންޖެހެ އެވެ. އަދި ޗައިލްޑް ޕްރޮޓެކްޝަން ޑޭޓާ ބޭސް ވެސް 30 ދުވަހުގެ ތެރޭގައި އަލުން ބޭނުން ކުރަން ފަށަން ވެސް ޖެންޑާ މިނިސްޓްރީ އަށް ނަޝީދު އެންގެވި އެވެ.

ކަނޑުހުޅުދޫގައި ކުއްޖަކާ ބެހުނު މައްސަލާގައި ތުހުމަތު ކުރެވެނީ 82 އަހަރުގެ މީހަކާއި 62 އަހަރުގެ މީހަކަށެވެ. އެ މައްސަލައިގައި އެ މީހުން ހައްޔަރުކުރި ފަހުން ވެސް، ބައެއް ރަށްރަށުން ކުޑަކުދިންނާ ބެހުމުގެ މައްސަލަތަކުގައި މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.