ވުހާން ވައިރަސް އަށް ޝައްކުވާ މީހުން އެކަހެރި ކުރާނީ ހުޅުމާލޭގައި

ޗައިނާގެ ވުހާން ސިޓީން ފެނުނު ނުރައްކާތެރި އާ ރޯގާ އަށް ޝައްކުވެ މީހަކު އެކަހެރި ކުރަން ޖެހިއްޖެ ހާލަތެއްގައި ބޭނުންކުރާނީ ހިމަބިހި އަލުން ފެތުރެން ފެށުމުން، އެ ބަލި ޖެހޭ މީހުން އެކަހެރި ކުރަން ހުޅުމާލޭގައި ހަމަޖެއްސި ތަން ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.


އެޗްޕީއޭ އިން ބުނީ ހިމަބިއްސަށް ޝައްކުކުރެވޭ މީހުން އައުން މިހާރު މަދުވެފައިވާ ކަަމަށާއި އެހެންވީމާ އެ ފެސިލިޓީ ދެން ބޭނުންކުރާނީ ކޮރޯނާ ވައިރަސްގެ އަލަށް ފެނުނު ވައްތަރު ހުރި ކަމަށް ޝައްކުރެވޭ މީހުން ބޭތިއްބުމަށް ކަމަށެވެ. ހިމަބިހި ޖެހޭ މީހުން އެކަހެރި ކުރުމަށް ހަމަޖެއްސި ތަނަކީ ހުޅުމާލޭގައި އަމިއްލަ ފަރާތަކުން އަޅާފައިވާ، އެކަމަކު އަދި ބޭނުންކުރަން ނުފަށާ ހުރި ޕްރީސްކޫލެކެވެ.

ޗައިނާގެ ވުހާން ސިޓީން ފެނުނު ކޮރޯނާ ވައިރަސްގެ އާ ވައްތަރު، ގައިންގަަޔަށް އަރާގޮތަށް ބަދަލުވެެ، އެހެން ގައުމުތަކަށް ވެސް މިހާރު ދަނީ ފެތުރެމުންނެވެ. އެހެންވެ، ރާއްޖެއަށް އަންނަ މީހުން ސްކްރީން ކުރުމުގެ މަސައްކަތް ރާއްޖެ އަށް މީހުން އެތެރެވާ އެއާޕޯޓްތަކާއި ބަނދަރުތަކުގައި ވަނީ ފަށައިފަ އެެވެ. މީހުން ސްކްރީން ކުރުމަަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ބޭނުންކުރަމުން އަންނަނީ މީހުންގެ ޓެމްޕަރޭޗަރު ދެނެގަންނަ، ތާމަލް ކެމެރާ އެކެވެ.

ވުހާން ވައިރަސް އަރާފައިވާ މީހުންނަށް ފަރުވާދޭ ހޮސްޕިޓަލެއްގައި ހެލްތު އޮފިޝަލުން ރައްކާތެރި ފިޔަވަޅު ތަކާ އެކީ ހަރަކާތްތެރި ވަނީ. ފޮޓޯ: ގެޓީ އިމޭޖަސް

ޝައްކުކުރެވޭ މީހަކު ފެނިއްޖެ ނަމަ އިތުރަށް ބެލުމަށް އެކަހެރިކޮށް ބަހައްޓާނެ ތަނެއް އެއާޕޯޓްގައި ވެސް މިއަދު ހަމަޖައްސާނެ އެވެ.

އެޗްޕީއޭއިން ބުނީ ވީއައިއޭއިން ރާއްޖެ އަށް އެތެރެވާ މީހުން ސްކްރީން ކުރުމުގައި ވަކި ގައުމަކަށް ނުބަލާނެ ކަމަށެވެ. އެގޮތުން މީހަކު ހުން އައިސްފައި ހުރިކަން އެނގިއްޖެ ނަމަ އެމީހަކު ދަތުރުކޮށްފައިވާ ގޮތް ބަލައި، ފާއިތުވި 14 ދުވަހުގެ ތެރޭގައި ޗައިނާ އަށް ދަތުރުކޮށްފައިވާކަން ނުވަތަ ނޫންކަން ދެނެގަންނާނެ އެވެެ. އާ ވައިރަސް އަށް މީހުން ސްކްރީން ކުރުމުގައި ބަލާނެ ކަންތައްތަކެއް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްްލިއުއެޗްއޯ އިން ވަނީ ކަނޑައަޅައިފަ އެވެ.

ވުހާން ވައިރަސް އިން ޖެހޭ ރޯގާގެ އަލާމާތްތަކަކީ މީގެ ކުރިން ވެސް ކޮރޯނާ ވައިރަސް އިން ޖެހޭ ރޯގާ ތަކާ އެއްކަހަލަ އަލާމާތްތަކެކެވެ. އޭގެ ތެރޭގައި ހުންއައުމާއި މޭގައ އަރިދަފުސް ހިފުން ހިމެނެ އެވެ. އެޗްޕީއޭ އިން ބުނީ އެފަދަ އަލާމާތްތަކެއް ފެނުމާ އެކު އެ މީހަކީ ކައިރި މާޒީއެއްގައި ޗައިނާ އަށް ދަތުރުކޮށްފައިވާ މީހެއް ކަަމަށްވާ ނަމަ އެޗްޕީއޭގެ ހޮޓްލައިނަށް ގުޅައި، އެހީތެރިކަން ހޯދަން އެދޭ ކަމަށެވެ.

އެގޮތުން ގުޅާނެ ހޮޓްލައިން އަކީ ހިމަބިހީގެ ކަންތަކުގައި ބޭނުން ކުރި 7277004 މި ނަމްބަރެވެ.

ވުހާން ވައިރަސް މިހާތަނަށް 500 އަށް ވުރެ ގިނަ މީހުންނަށް ޖެހި، 17 މީހަކު މަރުވި އިރު، އެ ވައިރަސްްއާ ބެހޭގޮތުން އަދި އެނގެނީ ވަރަށް މަދު މައުލޫމާތެކެވެ. އެ ވައިރަސް ދެނެގަތުމަށް ޗައިނާ އާއި ޑަބްލިއުއެޗްއޯ ގުޅިގެން އަންނަނީ ކުރަމުންނެވެ.