ކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނަށް އަދަބު ދޭން ގޮވާލައި މުޒާހަރާކޮށްފި

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކުގައި އިންސާފު އަވަސްކޮށް، އެ ކުށް ކުރާ މީހުންނަށް ހައްގު އަދަބު ދޭން ގޮވާލާއި މާލޭގައި މިއަދު ވެސް މުޒާހަރާކޮށްފި އެވެ.


އާޓިފިޝަލްބީޗަށް ޒުވާނުންތަކެއް އެއްވީ، ކުދިންނަށް ޖިންސީ ގޯނާކުރުމާ ދެކޮޅަށް ލިއެފައިވާ ބޯޑުތައް ހިފައިގެންނެވެ. ކުދިން ރޭޕްކުރުމާއި އަނިޔާކުރުމާއި ބިރުދެއްކުން ހުއްޓުވައިދޭން އެ ބޯޑުތަކުގައި ލިއެފައިވެ އެވެ. މި މުޒާހަރާގައި އެންމެ ބޮޑަށް ބާރުއެޅީ، މިފަދަ ކުށްތައް އަވަހަށް ހުއްޓުވަން ފިޔަވަޅު އެޅުމަށެވެ.

ކުޑަކުދިން ހިމާޔަތްކުރަން ފަރުދީ ޒިންމާ އަދާކުރަން ވެސް މި އަޑުއުފުލުމުގައި ގޮވާލި އެވެ. މުއައްސަސާތަކުން މިކަން ހުއްޓުވަން ގޮވާލި އިރު، މިކަމުގައި ފިޔަވަޅު ނޭޅި ކުދިންނަށް އަނިޔާވުމުގެ ޒިންމާ ނަގާނީ ކާކުތޯ ސުވާލު އުފައްދާފައިވެ އެވެ.

ކުޑަ ކުދިންނަށް ކުރާ ޖިންސީ ގޯނާއާ ދެކޮޅަށް ޒުވާނުންތަކެއް އަޑު އުފުލަނީ: --ފޮޓޯ/އެމްވީކްރައިސިސް

ކުދިންނަށް ޖިންސީ ގޯނާކުރުމުގައި ސަރުކާރުން ގެންގުޅޭނީ ޒީރޯ ޓޮލަރެންސްގެ ސިޔާސަތެއް ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އެ ޒީރޯ ޓޮލަރެންސް ކޮބައިތޯ ވެސް އަޑުއުފުލި އެވެ.

ކުޑަ ކުދިންނަށް ކުރާ ޖިންސީ ގޯނާއާ ދެކޮޅަށް ޒުވާނުންތަކެއް އަޑު އުފުލަނީ: --ފޮޓޯ/އެމްވީކްރައިސިސް

ގއ. ކަނޑުހުޅުދޫގައި ދެ އަހަރު ނުފުރޭ ކުއްޖަކު އަމިއްލަ އާއިލާގެ ތެރެއިން ޖިންސީ ޝިކާރައަކަށް ވި މައްސަލަ ފެންމަތި ފަހުން ކޮންމެ ދުވަހަކު ވެސް ހަވީރު އާޓިފިޝަލް ބީޗް ކައިރި އަށް ޒުވާނުން އެއްވެ ކުޑަކުދިންގެ ހައްގުގައި އަންނަނީ އަޑު އުފުލަމުންނެވެ. މި މައްސަލައާ އެކު މިފަދަ ގިނަ މައްސަލަތަކެއް އާއްމުންނާ ހަމައަށް ތިލަވެ، މުއައްސަސާތަކުގެ އިހުމާލު ވެސް ދަނީ ފެންނަމުންނެވެ. އާއްމުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ޖިންސީ ގޯނާގެ މައްސަލަތަކުގައި ފިޔަވަޅު އެޅުމާއި އިންސާފު ލަސްވުމެވެ.