މިނިމަމް ވޭޖަކަށް ބޯޑުން ހުށަހެޅީ 6،400ރ

ރާއްޖޭގައި އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖުގެ ގޮތުގައި 6،400ރ. ހަމަޖެއްސުމަށް މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން އިކޮނޮމިކް މިނިސްޓަރަށް ލަފާދީފި އެވެ.


"މިހާރު" އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވީ ބޯޑުން ހުށަހަޅާފައިވާ އަދަދާ މެދު ރައްޔިތުންގެ މަޖިލީހުގެ ލަފަޔަކަށް މިހާރު އެދިވަޑައިގެންފައިވާ ކަމަށެވެ. މި އަދަދަކީ ވަކި ދާއިރާއެއް އިސްތިސްނާކުރުމެއް ނެތި ހުރިހާ ދާއިރާއަކަށް ހުށަހެޅި އަދަދެވެ.

އޭނާ ވިދާޅުވި ގޮތުގައި ވޭޖް ބޯޑުން މިނިމަމް ވޭޖަކީ 6،400ރ. ކަމަށް ކަނޑައެޅި އިރު އެއީ މުސާރަ ދޭން ތިބި މީހުންނަށް ދެވޭ ވަރުގެ އަދަދެއްކަން ވެސް ކަށަވަރުކުރަން ޖެހެ އެވެ. މިހާރު އޮތް އަދަދަކީ ބޯޑުން ގެންގުޅު ކްރައީޓިރިއާގެ ތެރެއިން ކަނޑައެޅި އަދަދެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އިންޓަނޭޝަނަލް ލޭބަ އޯގަނައިޒޭޝަން (އައިއެލްއޯ) އިން ލަފާ ދިނީ ރާއްޖޭގެ މިނިމަމް ވޭޖަކީ 6،000ރ. އާއި 6،500ރ. އާ ދެމެދުގެ އަދަދެއް ކަނޑައެޅުމަށެވެ.

"މިއީ އެންމެ ރަނގަޅު އަދަދަކަށް ނުވެދާނެ. އެކަމަކު މިއީ ދޭން ތިބި ފަރާތްތަކަށް ދެވޭ ވަރުގެ އަދަދަކަށް ވެސް ވާން އެބަ ޖެހޭ،" ފައްޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މައިކްރޯ އަދި ސްމޯލް ވިޔަފާރިތަކަށް ބަލާއިރު މިހާރު ހުށަހަޅާފައިވާ މިންވަރަކީ އެ ވިޔަފާރިތަކުން މުސާރައިގެ ގޮތުގައި ދެވޭނެ އަދެއް ކަމާ މެދު ކަންބޮޑުވުން އެބަހުރި ކަމަށެވެ. މިސާލެއްގެ ގޮތުން ނެންގެވީ ރަށެއްގެ ކުޑަ ފިހާރައެކެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އެފަދަ ފިހާރައެއްގެ ވަޒީފާ އަދާކުރާ މީހަކަށް މަހު މުސާރައިގެ ގޮތުގައި 6،400ރ. ދިނުމަކީ ކުރެވޭނެ ކަމަށް ނުވެދާނެ އެވެ.

ފައްޔާޒް ވިދާޅުވީ ވަޒީފާ ދޭ މީހުންނަށް ނުދެވޭ ވަރުގެ އަދަދެއް ކަނޑައަޅައި މަޖުބޫރުކޮށް ވިޔަފާރިތައް ބަނގުރޫޓުވާ ހިސާބަށް ހިނގައްޖެ ނަމަ ވަޒީފާތައް އެއްކޮށް ގެއްލިގެން ދިއުމުގެ ބިރު ވެސް އޮންނާނެ ކަމަށެވެ.

މިނިމަމް ވޭޖްގެ ގޮތުގައި ހުށަހެޅި އަދަދު މާ ކުޑަ ކަމަށް ބުނެ ފާޅުކުރާ ކަންބޮޑުވުންތަކާ ގުޅިގެން ވެސް ފަައްޔާޒު ވާހަކަ ދެއްކެވި އެވެ. އޭނާ ވިދާޅުވީ މިނިމަމް ވޭޖާއި ލިވިން ވޭޖަކީ ވަރަށް ތަފާތު ދޭއްޗެއް ކަމަށެވެ. އެކަން ވަރަށް ބޮޑަށް އާންމުންނަށް އޮޅިފައި އޮންނަ ކަން ފާހަގަކުރައްވަމުން ވިދާޅުވި ގޮތުގައި ދުނިޔޭގެ އެއްވެސް ގައުމެއްގައި ލިވިން ވޭޖް ނުވަތަ މީހެއްގެ ދިރިއުޅުމުގެ ހުރިހާ ހަރަދެއް ހަމަޖެއްސޭ ވަރުގެ އުޖޫރައެއް ދޭން ލާޒިމެއް ނުކުރެ އެވެ. އެކަމަކު މުވައްޒަފުން ވަޒީފާގައި ހިފަހައްޓަން ބޭނުންވާ މީހުން ލިވިން ވޭޖް ދީ މުވައްޒަފުންނާ މެދު ވަރަށް ރަނގަޅަށް ކަންތައްކުރާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިނިމަމް ވޭޖަކީ، ޒަމާނުންސުރެ އޭގެ އައިޑިއާ އަކީ އެ މީހަކު ކައިގެން ބޮއެގެން ހުރެވޭ ވަރު [ކޮށްދިނުން]،" ފައްޔާޒް ވިދާޅުވި އެވެ.

މިނިމަމް ވޭޖް ދޭން ފަށާއިރު އެއީ އެންމެ ރަނގަޅު އަދަދު ކަމަށް ނުވުމަކީ، އޭނާ ވިދާޅުވި ގޮތުގައި، މައްސަލައެއްގެ ގޮތުގައި ނުބަލައި ކޮންމެ ދެ އަހަރުން ރިވިއުކޮށް ބަދަލުތައް ގެނެސް އިސްލާހުކުރެވޭނެ އެވެ. އެކަމަކު އިގުތިސާދީ ހާއްސަ ހާލަތެއް ދިމާވެއްޖެ ނަމަ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދޭނެ އަދަދު، ދެ އަހަރުގެ ކުރިން ވެސް ރިވައިސް ކުރެވިދާނެ އެވެ.

ރިސޯޓްތަކަށް ވަކި އަދަދެއް ކަނޑައެޅުމު ޖާގަ

ރިސޯޓްތަކުގެ މުވައްޒަފުންނަށް ވަކި އަދަދެއް ކަނޑައަޅާ ނަމަ އެކަމަށް ވެސް ބޯޑުން ހުށަހެޅުމެއް އެބަ އޮތެވެ. އެއީ 6،400ރ. އާއި 8،600ރ. އާ ދެމެދުގެ އަދަދެއް ކަމަށް ފައްޔާޒު ވިދާޅުވި އެވެ. ރިސޯޓްތަކުން ތިބީ ސާވިސް ޗާޖާ އެކު 10،000ރ.ގެ މުސާރައެއް ދޭން ތައްޔާރަށް ކަމަށާއި އެކަމަކު ސާވިސް ޗާޖާ އެކީ އެގޮތަށް މިނިމަމް ވޭޖް ދޭން ބޭނުންނުވާ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެންމެ ފުރަތަމަ މިނިމަމް ވޭޖް ދޭން ފަށާއިރު ބިދޭސީން އިސްތިސްނާވާނެ އެވެ. އަދި ބިދޭސީން މިނިމަމް ވޭޖްގައި ހިމެނުމަކީ ބޮޑު ސުވާލެއް ކަމަށް ވެސް ވިދާޅުވި އެވެ.

"ވަރަށް ބޮޑު ސުވާލެއް. ހިޔާލު ތަފާތުވުން ހުރި ކަމެއް. އަޅުގަނޑު ދެކޭ ގޮތުގައި މިކަހަލަ އިންސާނީ ހައްގުތައް ދިނުމަށް ވަކި ބިދޭސީއެއް ދިވެއްސެއް ފަރަގުކުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން،" ފައްޔާޒު ވިދާޅުވި އެވެ.

"ދެން އެކަމު އަޅުގަނޑުމެން ބަލަން ޖެހޭ އަޅުގަނޑުމެންގެ ހާލަތަށް. އެންމެ ރަނގަޅު ގޮތަކީ އެންމެންނަށް އެއް ހަމައެއްގައި އެކަން ކުރުން. އެކަމަކު އެއާ އެއްކޮށް އަޅުގަނޑުމެން ނަގަން ޖެހޭނެ ދެއްތޯ އަޅުގަނޑުމެންގެ ހާލަތު."

ފަށައިގަންނަ އިރު ބިދޭސީން ނުހިމެނޭނެ

ފައްޔާޒު ވިދާޅުވީ 180،000 އެއްހާ ބިދޭސީން ގާނޫނާއި ގަވައިދާ އެއްގޮތަށް އަދި ގާތްގަނޑަކަށް 60،000 ބިދޭސީން ގަވައިދާ ހިލާފަށް ރާއްޖޭގައި ވަޒީފާ އަދާކުރަމުން އަންނައިރު އޭގެ ތެރެއިން 130،000-150،000 ބިދޭސީންނަކީ ލޯ ސްކިލްޑް ނުވަތަ ފަންނީ ތަޖުރިބާއެއް ނެތް މީހުން ކަމަށް ބެލެވޭ ކަމަށެވެ.

ވޭޖް ބޯޑުން މިހާރު މިނިމަމް ވޭޖްގެ ގޮތުގައި މިނިސްޓަރުގެ ލަފަޔަށް ހުށަޙަޅާފައި ވަނީ 6،400ރ. ކަމަށް ވާއިރު މި ރޭޓުން ބެލިޔަސް، ލޯ ސްކިލްޑް ލޭބަރުންގެ މުސާރަ ގާތްގަނޑަކަށް ދެ ގުނަ އިތުރުވެގެންދާނެ ކަމަށް މިނިސްޓަރު އަންދާޒާކުރައްވަ އެވެ.

"އަޅުގަނޑުމެންނަށް އަންދާޒާކުރެވެނީ އެގޮތަށް އެ ބަދަލު ގެނެސްފި ކަމަށް ވަންޏާ 470 މިލިއަން ޑޮލަރު އަހަރެއްގެ މައްޗަށް ރާއްޖޭން އިތުރަށް ބޭރުވާނޭ،" ފައްޔާޒު ވިދާޅުވި އެވެ.

ބިދޭސީންނަށް ވެސް މިނިމަމް ވޭޖް ކަނޑައަޅައިފި ނަމަ އެ މީހުންނަށް ލިބޭ އާމްދަނީ ބޮޑުވެ އިތުރު ބިދޭސީން ރާއްޖެ އަށް އަަންނަން ބާރަކަށް ވެދާނެތޯ ސުވާލުކުރުމުން މިނިސްޓަރު ވިދާޅުވީ އޭރުން ބިދޭސީ މަސައްކަތު މީހުންގެ އަގު ބޮޑުވާނެތީ ދިވެހިންނަށް ވަޒީފާގެ ފުރުސަތު ފަހިވާނެ ކަމަށް ބައެއް ބޭފުޅުން ގަބޫލުކުރައްވާ ކަމަށެވެ. އެކަމަކު އެގޮތަށް ގަބޫލުކުރަން އަދި އެހާ ފަސޭހަ ނޫން ކަމަށް ވެސް ވިދާޅުވި އެވެ. ސަބަބަކަށް ދެއްކީ މިނިމަމް ވޭޖްގެ ގޮތުގައި މިހާރު އޮތް މިންވަރު އެއީ ބިދޭސީން އަދާކުރާ ވަޒީފާތަކަށް ދިވެހިން ޝައުގުވެރިވާނެ ވަރުގެ އުޖޫރައަކަށް ނުވުމެވެ.

"އެކަމަކު މިނިމަމް ވޭޖަކީ ފަނަރަ ހާސް، ބާރަ ހާސް ވަރު ވެއްޖެއްޔާ ކޮންމެވެސް ވަރަކަށް މި ދެންނެވި ލޯ ސްކިލްޑް ބިދޭސީން އެ އަދާކުރާ ވަޒީފާ ރިޕްލޭސްކުރެވިދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވި ގޮތުގައި އެންމެ ރަނގަޅު ގޮތަކީ ދިވެހިންނާއި ބިދޭސީންނަށް ވެސް އެއް ހަމަޔަކުން މިނިމަމް ވޭޖް ދިނުން ކަމަށް ވިޔަސް ފުރަތަމަ ފަށައިގަންނައިރު ބިދޭސީން އިސްތިސްނާކުރުމަކީ މައްސަލައެއް ނޫން ކަމަށް އިންޓަނޭޝަނަލް ލޭބަ އޯގަނައިޒޭޝަން (އައިއެލްއޯ) އިން ވެސް ލަފާ ދީފައިވާ ކަމަށެވެ.

ވަޒީފާއެއް އަދާނުކޮށް 40،000

ވަޒީފާ އަދާނުކުރާ ދިވެހިންގެ އަދަދު އުޅެނީ ސާޅީހަކަށް ހާހުގައި ކަމަށާއި އޭގެ ތެރެއިން ސީރިއަސްކަމާ އެކު ވަޒީފާއެއް ހޯދަން އުޅެ ވަޒީފާ ނުލިބި ތިބި މީހުންގެ އަދަދަކީ ގާތްގަނޑަކަށް 15،000 ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ދެން ބާކީ ތިބި މީހުން ވަޒީފާއާ މެދު އެހާ ސީރިއަސް ނޫން ނަމަވެސް، ފައްޔާޒު ވިދާޅުވީ، ވަރަށް ރަނގަޅު ވަޒީފާއެއް ލިބިއްޖެ ނަމަ ވަޒީފާ އަދާކުރަން އެމީހުން ބޭނުންވާ ކަމަށެވެ.

"އެހެންވީމަ އަޅުގަނޑަށް ފެންނަނީ މި ވަގުތު އަޅުގަނޑުމެންގެ އިގްތިސާދަކަށެއް ޖާގައެއް ނެތް ބިދޭސީންނަށް، ލޯ ސްކިލްޑް ބިދޭސީންނަށް މިނިމަމް ވޭޖް ދިނުމެއް. އަޅުގަނޑަށް ފެންނަ ގޮތް އެނގޭތޯ މިއީ،" ބިދޭސީނަށް މިނިމަމް ވޭޖް ކަނޑައަޅައިފި ނަމަ އިމާރާތްކުރުމުގެ އަގު ބޮޑުވެ ގެދޮރުގެ އަގު އުފުލުން ފަދަ ކަންކަމާ އެކު އިގްތިސާދަށް ބޮޑެތި ލޮޅުންތައް އަރާނެކަން ފާހަގަކުރައްވަމުން ފައްޔާޒް ވިދާޅުވި އެވެ.

އެހެންވެ މިވަގުތުގެ ވިސްނުމަކީ މިނިމަމް ވޭޖްގެ ދެން އަންނަ ރިވިއުއެއްގައި، އިގްތިސާދަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް ބިދޭސީންނަށް މިނިމަމް ވޭޖް ކަނޑައެޅުމާ މެދު ގޮތެއް ނިންމުމެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް މިހާރު ހުށަހަޅާފައިވާ އިސްލާހުތަކުގައި ބުނެފައި ވަނީ މިނިމަމް ވޭޖް ކޮންމެ ދެ އަހަރަކުން ރިިވިއުކުރަން ޖެހޭނެ ކަމަށެވެ.

މިނިމަމް ވޭޖް ކަނޑައެޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. އިކޮނޮމިކް މިނިސްޓަރު ކުރިން ވިދާޅުވެފައި ވަނީ ރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ މި މަސް ނިމުގެ ކުރިން ކަނޑައަޅުއްވާނެ ކަމަށެވެ.