މަގާމުގެ މުއްދަތު ހަމަވާން ފަސް ދުވަހަށް ވެފައި ވަނިކޮށް، ހެލްތު މިނިސްޓްރީގެ ޕީއެސް ވަކިކޮށްފި

ހެލްތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) ޚަދީޖާ އަބްދުއްސަމަދު އަބްދުﷲގެ މަގާމުގެ މުއްދަތު ހަމަވާން އެންމެ ފަސް ދުވަހަށް ވެފައި ވަނިކޮށް، އޭނާ މަގާމުން ވަކިކުރަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު ނިންމައިފި އެވެ.


މިނިސްޓްރީތަކުގައި ތިބޭ ސިވިލް ސާވަންޓުންގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ހުންނަވާ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް ސީއެސްސީން ބޭފުޅުން އައްޔަން ކުރަނީ ފަސް އަހަރަށެވެ. އެ އުސޫލުން ހެލްތު މިނިސްޓްރީގެ ޕީއެސްގެ މަގާމުގައި ޚަދީޖާ ހުންނަވާތާ ފަސް އަހަރު ވާނީ އަންނަ ހޯމަ ދުވަހަށެވެ.

ސީއެސްސީގެ ޑިރެކްޓާ ޖެނެރަލް އަބްދުﷲ ސައީދު ވިދާޅުވި ގޮތުގައި، ޚަދީޖާ ވަކިކުރަން އެ ކޮމިޝަނުން ނިންމީ ތަހުގީގު ކުރި، ހިންގުމާ ގުޅޭ މައްސަލައަކާ ގުޅިގެންނެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ސައީދު ވިދާޅެއް ނުވެ އެވެ.

"ޕާމަނަންޓް ސެކްރެޓަރީ ވެސް މަގާމުން ވަކިކުރަން އަޅުގަނޑުމެން މި ނިންމަނީ ގަވައިދާ ގާނޫނާ ހިލާފަށް އަމަލުތަކެއް ކުރުމުން،" ސައީދު ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ހަދީޖާ ވަކިކުރަން ނިންމި އެއް ސަބަބަކީ ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު އެ މިނިސްޓްރީ އާއި މިނިސްޓްރީގެ ދަށުން ހިންގާ އެކި އިދާރާތަކުގެ ބައެއް މުވައްޒަފުން މަސައްކަތް ކުރާތަން ބަދަލު ކުރުމެވެ. އެކަމަކު، ޕީއެސްގެ މަގާމުން ޚަދީޖާ ވަކިކުރަން ސީއެސްސީން މިއަދު ނިންމި ނަމަވެސް އޭނާގެ މައްސަލަ ބަލައި ނިންމާފައިވާތާ އަށެއްކަ މަސް ވެއްޖެ އެވެ.

ހެލްތު މިނިސްޓްރީ އަށް ޕީއެސްއެއް ހޯދުމަށް މިހާރު ވަނީ އިއުލާން ކޮށްފަ އެވެ.

ޚަދީޖާ އެ މަގާމަށް އައްޔަން ކޮށްފައިވަނީ 2015 ވަނަ އަހަރު އެވެ. އޭނާ ވަނީ ޕަބްލިކް ހެލްތު ސިސްޓަމް ޑިވެލޮޕްމަންޓް ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރައްވައިފަ އެވެ.