ސިފައިންގެ މީހެއްގެ މައްޗަށް ޖިންސީ ގޯނާގެ ދައުވާ

ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ދައުވާ، އެމްއެންޑީއެފްގައި މަސައްކަތްކުރާ މީހެއްގެ މައްޗަށް ކޮށްފި އެވެ.


ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން، ހދ. ނޮޅިވަރަންފަރު، ޝެހެނާޒް، މުހައްމަދު އަލީގެ މައްޗަށް ދައުވާ ކޮށްފައިވާ ކަމަށެވެ. އެނގިފައިވާ ސާޖެންޓު ރޭންކުގައި މަސައްކަތްކުރާ މުހައްމަދު އަލީ މި ވަގުތު ހުރީ ސަސްޕެންޝަނުގަ އެވެ.

ފުރަތަމަ ޑިވިޝަންގައި ރެފްރީކަން ވެސް ކުރާ މުހައްމަދު އަލީ އެ މައްސަލައިގައި އޭނާ މީގެ ކުރިން ހައްޔަރު ވެސް ކުރި އެވެ.

ޖިންސީ ނިޔަތެއްގައި އޮވެގެން ކުޑަކުއްޖެއްގެ ގައިގައި ގަސްތުގައި އަތްލުމުގެ ދައުވާ ކުރިއިރު، ސިފައިންގެ ދެ މީހަކު ކުޑަ ކުއްޖަކު ރޭޕްކުރި މައްސަލައެއް ވެސް މިދިޔަ މަހު ފެންމަތިވި އެވެ. އޭރު އެމްއެންޑީއެފުން ބުނެފައިވަނީ ކުއްޖަކު ރޭޕްކުރި ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ.

އޭގެ ފަހުން 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ އާއި ރޭޕް އަދި ބްލެކްމެއިލް ކުރިކަމުގެ ތުހުމަތުގައި ސިފައިންގެ މީހަކު ހައްޔަރުކުރި އެވެ. ނަމަވެސް އެއީ މުހައްމަދު އަލީ ކަމެއް ސާފެއް ނުވެ އެވެ.