ކ. ގުރައިދޫ ސްކޫލްގެ ލައިބްރަރީ، ހިތްގައިމު، އެހާމެ ތަފާތު

މުޅި ތަން ހަދާފައި ހުރިލެއް ރީތިކަމުން ހީވަނީ އެއީ ދުނިޔޭގެ ކޮންމެވެސް އެހެން ގައުމެއްގެ ލައިބްރަރީއެއް ހެންނެވެ. އެކަމަކު އެ ހިތްގައިމު ލައިބްރަރީ ހުރީ ކ. ގުރައިދޫ ސްކޫލްގަ އެވެ.


މާހައުލަށް ގެންނަ ރީތިކަމާއި ނަލަކަމުން ތަން ބޭނުންކުރާ ކުދިންނާއި މީހުންގެ ހިތްހަމަޖެހުން ބޮޑުވެ އެވެ. އެހެންކަމުން މި ރީތި ލައިބްރަރީ ކ. ގުރައިދޫ ސްކޫލަށް ހަދިޔާކުރި އެ ރަށު ކައުންސިލް މެމްބަރުންގެ ވިސްނުން، އެހެން މީހުންނާ މި އޮތީ ވަރަށް ބޮޑަށް ތަފާތުވެފަ އެވެ.

އާ ލައިބްރަރީއަކީ 2017 ގައި ފެށި މަސައްކަތުގެ ނަތީޖާ އެވެ. އެތަނުގައި ކުރިން ހިންގި ލައިބްރަރީ ބާވެ، ވީރާނާވާން ފެށުމުން ބަންދުކޮށްފައި ބެހެއްޓުން ނޫން ގޮތެއް ސްކޫލް މެނޭޖްމަންޓަކަށް އޭރު ނުފެނުނެވެ.

ކ. ގުރައިދޫ ސްކޫލް ލައިބްރަރީގައި ބަހައްޓާފައި ހުރި ކޮމްޕިއުޓަރުތައް: މިތަނަށް 700،000ރ ހޭދަވި ކަމަށް ވޭ

ކައުންސިލް މެމްބަރުން ނުކުންނެވީ ލައިބްރަރީއަށް ދިރުން ގެނެސްދެއްވުމުގެ މަސައްކަތަށެވެ. ދަރިވަރުންނަކީ ފޮތް ކިޔަން ލޯބިކުރާ ބަޔަކަށް ހެދޭނެ ފަދަ މާހައުލެއް ސްކޫލްގައި ފަަހިކޮށްދިނުމުގެ މުހިންކަން ކައުންސިލް މެމްބަރުންނާއި އޭރުގެ ޕްރިންސިޕަލް އިބްރާހިމް ލުތުފީއަށް ގަބޫލުކުރެއްވުނެވެ.

"ބޭނުންވީ ކުދިން ފޮތް ކިޔާހިތްވާ ކަހަލަ ގޮތަކަށް ތަން ޒީނަތްތެރިކުރަން. އެ މަގުސަދުގައި މަސައްކަތް ކުރީ،" ކައުންސިލްގެ ރައީސް ހުސެއިން ޔާމީން މުހައްމަދު ވިދާޅުވި އެވެ.

ގާތްގަނޑަކަށް ތިން އަހަރު ދުވަހުގެ މަސައްކަތަށް ފަހު ނިންމައި، މިއަދު ފުރަތަމަ ފަހަރަށް ދަރިވަރުންނަށް ދޮރު ހުޅުވާލި އާ ލައިބްރަރީ އެއްފަހަރާ 35 ކުދިންނަށް ބޭނުންކުރެވެ އެވެ.

ކ. ގުރައިދޫ ސްކޫލުގެ ލައިބްރަރީގައި ކުދިން މަޑުކޮށްލައިގެން ތިބޭ ތަނެއް - ފޮޓޯ: ގުރައިދޫ ކައުންސިލް

ހަމައެކަނި ހިތްގައިމު އިންޓީރިއާއަކުން އެތަނަށް ފުރިހަމަކަން ގެނެސްދީފައި ނިންމާލީކީ ނޫނެވެ. ދުނިޔޭގެ ބޮޑެތި ލައިބްރަރީތަކުގެ ވެބްސައިޓްތަކަށް ވަދެވޭނެ ފަސޭހަ އިންތިޒާމްތަކެއް ވެސް ހަމަޖައްސައިދިނެވެ.

"ބޮޑެތި ލައިބްރަރީތަކުގެ ވެބްސައިޓަށް ވަދެވޭނެ ހަތަރު ސިސްޓަމެއް ބަހައްޓާފައި ހުންނާނެ. ބޭނުމަކީ ދިރާސާކުރާ ކުދިންނަށް ފުރުސަތު ހޯދައިދިނުން،" ޔާމީން ވިދާޅުވި އެވެ.

ނާސަރީން ފެށިގެން ގްރޭޑު 10އާ ހަމައަށް 360 ދަރިވަރުން ކިޔަވަމުން އަންނަ ސްކޫލްގައި ހެދި މި ލައިބްރަރީއަށް ގާތްގަނޑަކަށް 700،000ރ ހޭދަކުރި އެވެ.

ގުރައިދޫ ސްކޫލް ހިންގެވުމާ ހަވާލުވެ ހުންނެވި ލީޑިިން ޓީޗަރު އަލީ އަރީފް ވިދާޅުވީ "މިކަހަލަ ހިތްގައިމު ލައިބްރަރީއެއް ލިބުމަކީ ވަރަށް ބޮޑު އުފަލެއް" ކަމަށެވެ.

ކ. ގުރައިދޫ ސްކޫލުގެ ލައިބްރަރީ: މިތަން އާންމުންނަށް ވެސް ބަދަލުކުރެވޭނެ -- ފޮޓޯ: ގުރައިދޫ ކައުންސިލް

"މިއީ ފޮތްކިޔަން، ރިސާޗު ހަދަން ބޭނުންކުރެވޭނެ ވަރަށް ހިތްގައިމު ތަނެއް،" ދިވެހި ޓީޗަރެއްގެ ގޮތުގައި މިހާތަނަށް 22 އަހަރު ހޭދަކުރެއްވި އަރީފް ވިދާޅުވި އެވެ.

"ކުދިންނަށް އިތުރު އެއްޗެހި އެނގި ކުރިއެރުން ލިބޭނެ ކަމަށް އަޅުގަނޑު އުއްމީދުކުރަން."

އޭނާ ވިދާޅުވި ގޮތުގައި މިއީ ސްކޫލްގެ ކުރީގެ ޕްރިންސިޕަލް ލުތުފީ އާއި ރަށު ކައުންސިލްގެ ވިސްނުމާއި މުއާމަލާތްތަކުގެ ނަތީޖާ އެވެ.

"ލުތުފީގެ ވަރަށް ބޮޑު މަސައްކަތެއް ފެނުނު. ދެން ކައުންސިލުން ވަރަށް ފުރިހަމަ ސަޕޯޓަކާއި އެއްބާރުލުމެއް ލިބިގެން މިވަރުގެ ތަނެއް މި ހެދުނީ،" އަރީފް ވިދާޅުވި އެވެ.

ކައުންސިލާއި ސްކޫލްގެ ވިސްނުން ހުރީ އެއީ ހަމައެކަނި ދަރިވަރުން ބޭނުންކުރާ ތަނަކަށް ހެދުމުގެ ބަދަަލުގައި މުޅި ރަށަށް ވެސް ހުޅުވާލާށެވެ. އެގޮތުން ރަށުގެ އާންމުންނަށް ލައިބްރަރީގެ މެމްބަރަކަށް ވެގެން ތަން ބޭނުންކުރެވޭނެ ކަމަށް، އަރީފް ވިދާޅުވި އެވެ.

"މި ލައިބްރަރީއަކީ މުޅި ރަށަށް ލިބޭނެ ހިތްހަމަޖެހުމެއް، ޝަރަފެއް،" އޭނާ ވިދާޅުވި އެވެ.

މި ވަގުތު ލައިބްރަރީގައި ހުރި ފޮތް ނިސްބަތުން މަދެވެ. އެހެންކަމުން ފޮތް ހޯދުމުގެ ހާއްސަ ކެމްޕޭނެއް ފަށަން ވަނީ ނިންމައިފަ އެވެ. އޭގެ އިތުރުން މިކަހަލަ ކަންކަމަށް އެހީތެރިވެދޭ ހެޔޮ އެދޭ ފަރާތްތަކުން ފޮތް ހަދިޔާކުރުމުގެ ފުރުސަތު އޮތް ކަމަށް ވެސް އަރީފް ވިދާޅުވި އެވެ.