ޝިހާމްގެ ގާތިލް ބުނަނީ އޭނާ މަރާލީ ގަސްދުގައި ނޫން ކަމަށް، ވަޅި ހެރުނީ ނޭނގި ކަމަށް

ކ. ތުލުސްދޫގައި މަރާލި އަލީ ޝިހާމަށް ތޫނު އެއްޗަކުން ހަމަލާދިނީ ގަސްދުގައި ނޫން ކަމަށާއި އެއީ މާރާމާރީ ހިންގުމުގެ ތެރޭގައި ނޭނގި ކުރެވުނު ކަމެއް ކަމަށް އޭނާގެ ގާތިލް މުހައްމަދު ނިޔާޒް ހައި ކޯޓުގައި މިއަދު ބުނެފި އެވެ.


ޖުލައި، 2014 ގައި ތުލުސްދޫގައި އެރަށު ބިޖިލީއުފާ، ޝިހާމަށް ވަޅިއަކުން ހަމަލާދީ މަރާލި މައްސަލާގައި އެރަށު ރެޑްރޯސް، ނިޔާޒް މެރުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އެ ހުކުމް ނިޔާޒްގެ ފަރާތުން އިސްތިއުނާފް ނުކުރުމުން ހުކުމުގެ ސައްހަކަން ކަށަވަރު ކުރަން ހައި ކޯޓަށް ހުށަހެޅީ ދައުލަތުންނެވެ.

ވަކީލެއްގެ ހައްގު އަމިއްލައަށް ދޫކޮޮށްލާފައިވާ ނިޔާޒް މިއަދުގެ އަޑުއެހުމުގައި ބުނީ ޝިހާމްގެ ގަޔަށް ވަޅި ހެރީ ގަސްދުގައި ނޫން ކަމަށާއި އޭނާ އަތުން ނޭނގި ވަޅި ހެރުނީ ކަމަށެވެ. އަދި ޝިހާމް ހުރި ތަނަށް ދިޔައީ އޭނާ މަރާލަން ނޫން ކަމަށާއި ބޭނުމަކީ މާރާމާރީ ހިންގުން ކަމަށް ވެސް ބުންޏެވެ.

ވަޅިއެއް ހިފައިގެން އެތަނަށް ދިޔައީ ކޮން ބޭނުމެއްގައިތޯ ފަނޑިޔާރުން ސުވާލުކުރެއްވުމުން ނިޔާޒް ބުނީ ވަޅި ގެންދިޔައީ ޝިހާމަށް ބިރުދެއްކުމަށް ކަމަށެވެ.

ވަކީލެއްގެ އެހީ ދަށު ކޯޓާއި ހައި ކޯޓުގައި ވެސް ދޫކޮށްލާފައިވަނީ ކީއްވެގެންތޯ ފަނޑިޔާރުން ސުވާލު ކުރެއްވުމުން އޭނާ ބުނީ ވަކީލަކު ހޯދުމުގެ މާ ބޮޑު ބޭނުމެއް އޮތް ކަމަށް ނުފެންނަ ކަމަށެވެ.

ޝިހާމަށް ހަމަލާދިނީ ގަސްދުގައި ނޫން ކަމަށް ނިޔާޒް ބުނާއިރު އެކަން ގަސްދު މަރަކަށް ވާ ސަބަބާ ބެހޭ ގޮތުން ކުރީގެ އަޑުއެހުމުގައި ފަނޑިޔާރުން ދައުލަތާ އަމާޒު ކުރެއްވި ސުވާލުތަކާ ގުޅިގެން ދައުލަތުން މިއަދު ބުނީ މަރުގެ މައްސަލަތަކުގެ ގަސްދު ދެނެގަތުމަށް ބޭނުން ކުރެވޭނެ އެއް ވަސީލަތަކީ މަރާލަން ބޭނުންކުރި ހަތިޔާރު ކަމަށް ގިނަ އިލްމުވެރިން ވިދާޅުވާ ކަމަށެވެ.

މީގެ އިތުރުން ޝިހާމަށް ހަމަލާދިނީ ވަޅިއަކުން ކަން ފާހަގަކޮށް، ދައުލަތުން ބުނީ ވަޅި އާއި ކަނޑި އާއި ބަޑި ފަދަ މީހަކު މަރުވެދާނެ ހަތިޔާރަކުން ދޭ ހަމަލާއަކުން މީހަކު މަރުވެއްޖެ ނަމަ، މެރުމުގެ ގަސްދު އޮތް ކަމަށް ބަލަން ޖެހޭ ކަމަށް އިލްމުވެރިން ވިދާޅުވާ ކަމަށެވެ.

މަރަށް މަރު ހިފުމުގައި ޝިހާމްގެ ވާރިސުންގެ ގޮތުގައި ތިބި ކުޑަކުދިންގެ ހައްގުގައި އެހެން ވާރިސުން ގޮތެއް ނިންމުމާ މެދު ކުރީގެ އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗުން ސުވާލުުކުރި އެވެ. އޭގެ ޖަވާބުގައި ދައުލަތުން ބުނި ގޮތުގައި މަރަށް މަރު ހިފުމުގައި ކުޑަކުދިން ބާލިޣު ވަންދެން މަޑުކުރާކަށް ނުޖެހެ އެވެ. ދެން ތިބި ވާރިސުންނަށް އެ ކުދިންގެ ހައްގުގައި ގޮތެއް ނިންމިދާނެ ކަމަށް އިސްލާމީ ބައެއް އިލްމުވެރިން ވިދާޅުވާ ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުގެ ވަކީލުން ބުނީ ސުންނަތް ޖަމާއަތުގެ ބައެއް މަހްޒަބްތަކުގައި ވެސް އެގޮތަށް އަމަލު ކުރަމުން އަންނަ ކަމަށެވެ. އަދި ރާއްޖޭގެ ސުޕްރީމް ކޯޓުން ވެސް އެގޮތަށް ކުރިން ނިންމާފައިވާ ކަމަށް ބުންޏެވެ.

އެކަންކަން ފާހަގަކޮށް، ދައުލަތުން އެދުނީ ނިޔާޒް މަރަން ދަށު ކޯޓުން ކުރި ހުކުމް ރަނގަޅު ކަމަށް ކަނޑައަޅައި ދިނުމަށެވެ.

ނިޔާޒަށް ފުރުސަތު ދިނުމުން އޭނާ ބުނީ އިތުރަށް ބުނާނެ އެއްޗެއް ނެތް ކަމަށެވެ.

އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ ވިދާޅުވީ އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ، ދެން އޮންނާނީ ހުކުމް އިއްވުން ކަމަށެވެ.

ފަނޑިޔާރު ޝުއައިބުގެ އިތުރުން ބެންޗުގައި ތިއްބަވަނީ އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި ފަނޑިޔާރު މުހައްމަދު ނިޔާޒެވެ.