ކޮވިޑް-19: ރޯދަ މަހަށް ހާފިޒުން ގެނައުމުގައި ދަތިތަކެއް ދިމާވާނެ: އިސްލާމިކް މިނިސްޓަރު

ކޮވިޑް-19 ފެތުރެން ފެށުމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ދަތުރުފަތުރުގެ ނިޒާމު ހަރުކަށިކޮށް، އެކި ގައުމުތަކުގެ ބޯޑަރުތައް ބަންދުކުރުމުން، މި ރޯދަ މަހު ތަރާވީސް ނަމާދު ކުރާނެ ހާފިޒުން ރާއްޖެ އިން ބޭރުން ގެންނަން އުނދަގޫ ވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ރޭ ވިދާޅުވެއްޖެ އެވެ.


ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ، ދުނިޔޭގެ ދަތުރުފަތުރުގެ ނިޒާމަށް މި ދުވަސްވަރު ގެނެސްފައިވާ ބަދަލުތަކާ ގުޅިގެން، ރޯދަ މަސް އަންނަން ވާ އިރަށް އެކަށީގެންވާ ވަރަށް ހާފިޒުން ގެނައުމުގައި ދަތިތަކެއް ކުރިމަތިވުން އެކަށީގެންވާ ކަމަށެވެ.

ރޯދަ މަހު މިސްކިތްތަކުގައި ތަރާވީހް ނަމާދު ކުރާނެ ހާފިޒުން އާންމުކޮށް ގެންނަނީ އިންޑިއާ އާއި ސްރީ ލަންކާ އާއި ޕާކިސްތާނުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިހާތަނަށް ފަރުވާއެއް ހޯދިފައި ނުވާ ކޮވިޑް-19 ފެތުރުން ހުއްޓުވުމަށްޓަކައި، އެ ތިން ގައުމު ވެސް މިދުވަސްވަރު ވަނީ ލޮކްޑައުންކޮށްފަ އެވެ.

މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ ކަލަންޑަރުގައިވާ ގޮތުން މި މަހުގެ 24 އެވެ.

"މިހާރުގެ ހާލަތަށް ބަލާފައި އަޅުގަނޑު ހިތަށް އަރަނީ ވަރަށް އުނދަގޫ ކަމަކަށް ވެދާނެއޭ ހާފިޒުން ގެނައުން،" އަހުމަދު ޒާހިރު ވިދާޅުވި އެވެ.

ބޭރު ގައުމުތަކުން ހާފިޒުން ގެނައުމުގެ ކުރިން އިސްލާމިކް މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހޭނެ އެވެ. ހުއްދަ ލިބުމުން އެ މަސައްކަތައިގެން ކުރިއަށް ދާނީ، ރަށު ކައުންސިލްތަކާއި ތަފާތު ދީނީ ޖަމިއްޔާތަކުންނެވެ.

މިނިސްޓަރު އަހުމަދު ޒާހިރު ވިދާޅުވި ގޮތުގައި، ހާފިޒުން ގެނައުން މިނިސްޓްރީން އަދި ހުއްޓައެއް ނުލަ އެވެ. ނަމަވެސް ރޯދަ މަސް ފެށެން ވާއިރަށް ހާފިޒުން ގެނައުމުގައި ދަތިތައް ހުރުމުން އެ ކަމަށް ރިއާޔަތް ކުރުމަށް އޭނާ އެދިވަޑައިގަތެވެ.

ދަތުރުފަތުރުގެ ނިޒާމު ރާއްޖެ އިން ވެސް ވަނީ ހަރުކަށިކޮށްފަ އެވެ. އޮން-އަރައިވަލް ވިސާ ދޫކުރުން ހުއްޓާލާފައި ވާ އިރު، އެހެން އެއްވެސް ސަބަބަކާ ގުޅިގެން ރާއްޖެ އަންނަ މީހުން، 14 ދުވަހު ކަރަންޓީން ކުރެ އެވެ.

"[އަވަށްޓެރި ގައުމުތަކުގައި] މި އޮތި ކާފިއު އިއުލާން ކޮށްފައި. އެއްވެސް ފްލައިޓަކަށް ނުއެއް ދެވޭ ނުއެއް އާދެވޭ. ހަމަ އެގޮތަށް ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އިން ކަނޑައަޅާފައިވާ އުސޫލަކީ އެއްވެސް ފަރާތަކުން ރާއްޖެ އަތުވެއްޖެ ކަމަށް ވަނީ ނަމަ އަނެއްކާ 14 ދުވަހު ކަރަންޓީނުގަ އެބަ ހުންނަން ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރޯދަ މަސް ފެށެން ވާއިރަށް، ހާލަތު ރަނގަޅު ނުވެއްޖެ ނަމަ ނުވަތަ މި އަށް ވުރެ ބޮޑަށް ރައްކާތެރިވާން ޖެހިއްޖެ ނަމަ ޖަމާއަތުގައި ނަމާދުކުރުމާއި ތަރާވީސް ނަމާދުކުރުމުގައި ދަތިތަކެއް ކުރިމަތިވުން އެކަށީގެންވާ ކަމަށެވެ. އަދި އެ ހާލަތުގައި އަމަލުކުރާނެ އުސޫލެއް ވެސް އެކުލަވާލާފައި ވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މުޅި ދުނިޔެ ކަހަލަ ގޮތަކަށް މި ދުވަސްވަރު ލޮކްޑައުނަށް ގޮސްފައިވާ އިރު، ބޭސްފަރުވާ އަށް އަވަށްޓެރި ގައުމުތަކަށް ގޮސް އެނބުރި ނާދެވި ބައެއް ދިވެހިން ވަނީ ތާށިވެފަ އެވެ. އެ މީހުންނަށް އެހީތެރިވާން ޒަކާތު ފަންޑުން މިހާތަނަށް ތިން މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ވެސް މިނިސްޓަރު ރޭ ވިދާޅުވި އެވެ.

މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ރާއްޖެ އިން ވެސް ކޮވިޑް-19 ފެނުމުން، ސަރުކާރުން ވަނީ ރާއްޖޭގައި ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާނުކޮށްފަ އެވެ. ސްކޫލްތަކާއި ސަރުކާރު އޮފީސްތައް މިހާރު ވަނީ ބަންދުކޮށްފަ އެވެ. މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ސިއްހީ ތަޖުރިބާކާރުން އަންނަނީ އަންގަމުންނެވެ. އެހެން ކަމަށް ވުމުން އިސްލާމިކް މިނިސްޓްރީން ވަނީ މާލެ އާއި ހުޅުމާލެ އާއި ވިލިމާލޭގައި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ވަގުތީ ގޮތުން ހުއްޓާލައިފަ އެވެ.