ދުވާލަކު އެންމެ ސިނގިރޭޓެއް ބުޔަސް އުމުރު ކުރުވޭ: ދިރާސާ

ސިނގިރޭޓް ބޯ މީހުންނަށް ސައިންސްވެރިން އަނެއްކާވެސް ވަރުގަދަ އިންޒާރެއް ދީފި އެވެ. ވަރަށް ފަހުން ކުރި ދިރާސާއަކަށް ފަހު ސައިންސްވެރިން ތައްޔާރުކުރި ރިޕޯޓެއްގައި ބުނަނީ ދުވާލަކު އެންމެ ސިނގިރޭޓެއް ބުޔަސް އެމީހެއްގެ އުމުރު ކުރުވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.


ނެޝަނަލް ކެންސާ އިންސްޓިޓިއުޓްގެ ސައިންސްވެރިން މި ދިރާސާ ކުރީ ދުވާލަކު ވަރަށް މަދުން ސިނގިރޭޓް ބޯ މީހުންނާއި އެއްގޮތަކަށް ވެސް ސިނގިރޭޓެއް ނުބޯ މީހުންގެ މެދުގަ އެވެ. ދިރާސާގެ ނަތީޖާ ދެއްކި ގޮތުން ދުވާލަކު އެންމެ ސިނގިރޭޓެއް ބުޔަސް އަވަހަށް މަރުވުމުގެ ފުރުސަތު، އެއްގޮތަކަށް ވެސް ސިނގިރޭޓް ނުބޮއި މީހުންނާ އަޅާބަލާއިރު، 64 ޕަސެންޓް ބޮޑުވެ އެވެ.

ދުވާލަކު 10 ސިނގިރޭޓް ނުވަތަ އެއަށް ވުރެ މަދުން އެމީހެއްގެ މުޅި ހަޔާތުގެ ހުރިހާ ދުވަސްތަކެއްގައި ބޮއިފައިވާ މީހުންގެ އުމުރު ކުރުވެ އަވަހަށް މަރުވުމުގެ ފުރުސަތު 87 ޕަސެންޓަށް އަރަ އެވެ.

މިދިޔަ ހޯމަދުވަހު ޖާމާ އިންޓާނަލް މެޑިސިންގައި ޝާއިއުކުރި މި ދިރާސާގައި މަދުން ނުވަތަ ދުވާލަކު އެއް ސިނގިރޭޓް ބޮއި އުޅޭ މީހުންގެ ފުއްޕާމެއަށް ކެންސަރު ޖެހުމުގެ ފުރުސަތު އޮތް ވަރު ވެސް ބުނެދީފައިވެ އެވެ. ސައިންސްވެރިންނަށް ފާހަގަކުރެވުނު ގޮތުގައި ސިނގިރޭޓް ނުބޯ މީހަކަށް ވުރެ އެންމެ ސިނގިރޭޓެއް ނަމަވެސް ދުވާލަކު ބޯ މީހުން ޅަ އުމުރުގައި މަރުވުމުގެ ފުރުސަތު ނުވަ ޕަސެންޓް ބޮޑެވެ. އަދި ދުވާލަކު އެއް ސިނގިރޭޓާއި 10 ސިނގިރޭޓާ ދެމެދުގެ އަދަދަކަށް ބޯ މީހުންގެ ފުއްޕާމެއަށް ކެންސަރު ޖެހުމުގެ ފުރުސަތު 12 ޕަސެންޓް މައްޗެވެ.

މި ދިރާސާ ކޮށްފައިވަނީ އުމުރުން ދުވަސްވެފައި ތިބި ދޮން ނަސްލުގެ މަދު ބައެއްގެ މެދުގަ އެވެ. މި މީހުން އުމުރުން 15 އަހަރުން ފެށިގެން ސިނގިރޭޓް ބޮއި އުޅުނު މިންވަރު ބަޔާންކޮށްދޭން ޖެހުނެވެ.

ސައިންސްވެރިންނަށް ފާހަގަކުރެވުނު އަނެއް ކަމަކީ މަދުން ސިނގިރޭޓް ބުއިމުން އެއިން ލިބޭ ގެއްލުން ވެސް ކުޑަވާނެކަމާއި އެފަދަ މީހުންގެ އުމުރު ކުރުނުވާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ކަމެވެ.

ދުންފަތުގެ އިސްތިއުމާލުކުރުމުގެ ރައްކާތެރި އެއްވެސް މިންވަރެއް ނެތް ކަމަށް ސައިންސްވެރިން ތަކުރާރުކޮށް އަންނަނީ ބުނަމުންނެވެ. އަދި މި ދިރާސާއިން އެވާހަކައަށް އިތުރު ބާރެއް ލިބެ އެވެ.