ޕާޓީ ނުބޭއްވިޔަސް މި ކައިވެނި ކިހާ ހިތްގައިމު!

ކައިވެނިކުރާ އިރު ބައެއް މީހުންނަށް ބޮޑު ޕާޓީއެއް ވަރަށް މުހިއްމެވެ. އަނެއް ބަޔަކު ކުޑަ ސަޔަކުން ފުއްދާލަ އެވެ. ދެން އުޅެނީ ހަމައެކަނި ރަސްމީ ބައިން ނިންމާލާ މީހުންނެވެ. އަހުމަދު ޝަމާއިލް އާއި އާމިނަތު ޝާލިޔާ އަލީ ފެތެނީ މި ބަޔަށެވެ. ޕާޓީ ނުބާއްވަން ނިންމައި ކޯޓުގައި ކައިވެނިކޮށްލީ އެވެ. އެކަމަކު އެ ދެ ޒުވާނުންގެ ކައިވެނީގެ ފޮޓޯތައް، ޕާޓީއަކުން ފެންނާނެ މަންޒަރުތަކަކަށް ވުރެ މާ ތަފާތުވެފައި ހިތްގައިމެވެ. ސަބަބަކަށް ވީ އެ މީހުންގެ ރަށް އއ. އުކުޅަހުގައި ގެންގުޅޭ އާދަކާދައެކެވެ.


ހަތަރު އަހަރު ވަންދެން ގުޅިގެން އުޅެފައި ޝަމާއިލް، 23، އާއި ޝާލިޔާ، 18، އަންގާރަދުވަހު ކައިވެނިކޮށްގެން ނުކުތް އިރު ދެ އާއިލާގެ ޒުވާނުން ކޯޓުގެ ދޮރުމަތީގައި ތިއްބެވެ. އަލަތު ދެމަފިރިންނަށް އެ މީހުން މަރުހަބާކީ ކުލަ ޖަހައިގެންނެވެ.

ޝަމާއިލް އާއި ޝާލިޔާ ކައިވެނިކޮށްގެން ކޯޓުން ނުކުތް ތަނުން ކުލަ ޖަހަނީ --ފޮޓޯ: އާފިޔާ އަހުމަދު

މިއީ އެއްގޮތަކަށް ވެސް "ލަނޑެއް" ނުވަތަ ސަޕްރައިޒެއް ނޫނެވެ. ކައިވެނިކުރަން ކޯޓަށް ދާ މީހުންނަށް އުކުޅަހުގައި ތަހުނިޔާ ކިޔާ ގޮތަކީ އެއީ އެވެ. އާދަކާދައިގެ ގޮތުގައި އެ ރަށު އެންމެން ވަނީ އެކަން ބަލައިގެންފަ އެވެ. އެއް ކުލައަކުން ހެދުން އަޅައި "ވަރަށް ރީތިވެލައިގެން" ކޯޓަށް ދިޔަ ޝަމާއިލް އާއި ޝާލިޔާ އަށް ވެސް، ކަން ހިނގާނެ ގޮތް އޮތީ އެނގިފަ އެވެ.

"ކުލަ ޖަހާނެކަން އެނގޭ. މި ރަށުގައި ކުރާ ކަމެއް އެއީ. އަޅުގަނޑުމެން ކުޑައިރު ވެސް ދަން މީހުން ގަޔަށް ކުލަ ޖަހަން،" އުކުޅަހު އިންޖީނުގޭގައި ވަޒީފާ އަދާކުރާ ޝަމާއިލް ކިޔައިދިނެވެ.

މަގުމަތީގައި ކުލަ ޖެހީމާ ދެމަފިރިން ދާނީ އަންހެންކުއްޖާގެ ގެ އަށެވެ. މިއީ މި އާދަކާދައިގެ ދެވަނަ ބަ އެވެ. އެއަށް ފަހު މޫދަށެވެ.

"ޝާލިޔާ މަންމަމެންގެ ގެ އަށް ގޮސް އޭނަގެ މަންމަ އާއި ބައްޕަގެ ގައިގައި ކުލަ އުނގުޅާފައި ދެން ދިޔައީ މޫދަށް ކުލަ ފިލުވަން. އެއީ އެކަން ކުރާ ގޮތަކީ،" ޝަމާއިލް ބުންޏެވެ.

ކައިވެނީގެ ހާއްސަ ސައިކަލުގައި ދެމަފިރިިން ކޯޓުން ނައްޓާލަނީ.--ފޮޓޯ: އާފިޔާ އަހުމަދު

ދެ ޒުވާނުންނަށް ސަޕްރައިޒަކަށް ވީ އެންމެ ކަމެކެވެ. ކޯޓުން ނުކުތް އިރު ޝަމާއިލްގެ ސައިކަލު ހުރީ ދެމަފިރިންގެ ގޮތުގައި ދެ ޒުވާނުން ކުރާ ފުރަތަމަ ދަތުރަށް ހާއްސަކޮށް ތައްޔާރުކޮށްފަ އެވެ. ފުއްޕާހަމުން ޒީނަތްތެރިކޮށް "ހަމަ ދެންމެ މި އައީ އިނދެގެން" ކަމަށް ލިޔެފައިވާ ބޯޑެއް ސައިކަލުގައި ހަރުކޮށްފައި ހުއްޓެވެ. ޝާލިޔާގެ ދެބެއިންގެދެދަރި އާފިޔާ އަހުމަދު ނެގި ފޮޓޯތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނީ އެ ސައިކަލެވެ.

ކައިވެނީގެ ހަދިޔާއަކަށް ޝަމާއިލްގެ ސައިކަލު ޒީނަތްތެރިކޮށްފައި --ފޮޓޯ: އާފިޔާ އަހުމަދު

ޝަމާއިލް އާއި ޝާލިޔާ އެކުގައި ހަޔާތުގެ ދަތުރު ފެށީ ދެބެއިންގެދެދަރި ޒުވާނުންގެ ގްރޫޕާ އެކު އުކުޅަހުގެ ހިތްގައިމު ގޮނޑުދޮށުގައި މަޖާ ވަގުތުތަކެއް ހޭދަކޮށްފަ އެވެ.

ކައިވެނީގެ އުފަލުގައި އާއިލާގެ ޒުވާނުން ދެމަފިރިންނާ އެކު އުކުޅަހުގެ ގޮނޑުދޮށުގައި ސެލްފީއެއް ނަގަނީ.--ފޮޓޯ: އާފިޔާ އަހުމަދު

"ތަފާތުކޮށްލަން" މި ދެމަފިރިން ޕާޓީއެއް ނުބޭއްވީ އެވެ. އެކަމަކު ފަހުން ކެއުމެއް ދޭނެ އެވެ.

"ހަމަޖެހިލައިގެން ރަނގަޅަށް ތައްޔާރުވެގެން އާއިލާ އަށާއި ރައްޓެހިންނަށް ކެއުމެއް ބާއްވާނަން. އަދި މަހެއްހާ ދުވަސް ނަގާނެ،" ޝަމާއިލް ބުންޏެވެ.