ލައިފްސްޓައިލް / ދީން

ރުޅިވެރިކަމާއި ހަސަދަވެރިކަމުން ހިތްތައް ސަލާމަތް ކުރުން

ރުޅިވެރިކަމުގެ ވަސްވާސްތަކާއި ހަސަދަވެރިކަމުގެ އަލިފާންގަނޑުން ހިތްތައް ސަލާމަތްވެގެން ހުރެ ދިރިއުޅުމަކީ އިންސާނާއަށް ލިބޭނެ ވަރަށް މުހިންމު ނިޢުމަތެކެވެ. އެހެނީ އެއީ ކަންބޮޑުވުމުން ސަލާމަތްވެ ހިތަށް ހަމަޖެހުމެއް ލިބުމަށްޓަކައި އެންމެ މުހިންމުވާ ކަންކަމުގެ ތެރޭ ހިމެނޭ ކަމެކެވެ. ވީމާ އެއްވެސް މަޚްލޫޤަކަށް ނިޢުމަތެއް ލިބިފައިވާތީ ދެކޭ ހިނދު އެކަމަށްޓަކައި ޙަސަދަވެރި ވުމުގެ ބަދަލުގައި އެކަމަށް ރުހި މާތް ﷲ ގެ ފަޟްލު ވަންތަކަން ހަނދާން ކުރަން ޖެހެ އެވެ. އަދި އެއްވެސް މަޚްލޫޤަކަށް ދެރަގޮތެއް މެދުވެރިވެފައިވާ ނަމަ އުފާކުރުމުގެ ބަދަލުގައި އެކަމަށްޓަކައި ދެރަވެ އެކަމުން އެ މީހަކު މިންޖުވޭތޯ މާތް ﷲ ގެ ޙަޟްރަތުގައި ދަންނަވަން ޖެހެ އެވެ. މިއާ ޚިލާފު ގޮތަކަށް ކަން ހިނގާނަމަ އެއިން ދަލީލުކޮށްދެނީ އަނެކާއާ މެދު ތިމާގެ ހިތުގައި ކޮންމެވެސް ކަހަލަ ނުސާފުކަމެއް އޮންނަ ކަމެވެ.

އިންސާނާގެ ހިތަކީ އިސްލާމްދީނުގައި އެއަށް ވަރަށް ޚާއްޞަ ސަމާލުކަމެއްދޭ ގުނަވަނެކެވެ. ހިތް ސާފުކޮށް އޮތުމަށް އިސްލާމް ދީން ގޮވާލަ އެވެ. ހިތް ސާފުވުމޭ ބުނުމުން އެއިން އެ އިޝާރާތް ކުރަނީ ހަށިގަނޑުގައި އެވާ މަސްކޮޅު ސާފުވެފައި ސަލާމަތުން އޮތުމަކަށް ނޫނެވެ. އެއަށްވުރެ ބޮޑަށް އެއިން ދަލީލު ކުރަނީ ތިމާގެ ހިތުގައިވާ ތަފާތު އިޙުސާސްތަކާއި ޝުޢޫރުތައް ސަލާމަތުން ސާފުކޮށް އޮތުމަށެވެ. މިކަންކަމުން ހިތް ކަޅުވެފައިވާ ނަމަ އިންސާނާ ކުރާ އެންމެހާ ހެޔޮ ކަންތައްތައްވެސް ފަސާދަވެގެންދާނެ އެވެ. އަދި އެފަދަ ހިތަކުން އީމާންކަމުގެ ނޫރު ފޭދިގެންދާނެ އެވެ. އެހެންނަމަވެސް އެކަންކަމުން ހިތް ސާފުވެ އުޖާލާވެފައިވާނަމަ ތިމާކުރާ ކިތަންމެ ކުޑަ ހެޔޮ ކަމެއްގައިވެސް މާތް ﷲ ބަރަކާތް ލައްވާނެ އެވެ. ހިތުގައި ހަސަދަވެރިކަމުގެ ޝުޢޫރެއް ނެތި ތިމާފަދައިން އެހެން އިންސާނުންނަށްވެސް ހެޔޮ ގޮތްތަކާއި ފާފަފުއްސެވުމަށް އެދޭ މީހުންނަށް މާތް ﷲ ކީރިތިޤުރުއާނުގައި ތަޢުރީފު ކުރައްވާފައިވެ އެވެ. (އަލްޙަޝްރު 10). މީސްތަކުންކުރެ އެންމެ ހެޔޮ ބަޔަކީ ކޮބައިތޯ ކީރިތިރަސޫލާ ﷺ ގެ އަރިހުގައި ޢަބްދުﷲ ބުނު ޢަމްރޫ ދެންނެވުމުން ރަސޫލާ ޙަދީޘް ކުރެއްވީ އެއީ ހަސަދަވެރިކަމާއި ރުޅިވެރިކަމާއި ބަޣާވާތްތެރިވުން ފަދަ ކަންކަމުން އެމީހެއްގެ ހިތް ސަލާމަތް ވެފައިވާ މީހާއާއި އަބަދުވެސް ތެދުބުނާ މީހާ ކަމުގަ އެވެ.

މީސްތަކުންކުރެ އެންމެ ހެޔޮ ބަޔަކީ ކޮބައިތޯ ކީރިތިރަސޫލާ ﷺ ގެ އަރިހުގައި ޢަބްދުﷲ ބުނު ޢަމްރޫ ދެންނެވުމުން ރަސޫލާ ޙަދީޘް ކުރެއްވީ އެއީ ހަސަދަވެރިކަމާއި ރުޅިވެރިކަމާއި ބަޣާވާތްތެރިވުން ފަދަ ކަންކަމުން އެމީހެއްގެ ހިތް ސަލާމަތް ވެފައިވާ މީހާއާއި އަބަދުވެސް ތެދުބުނާ މީހާ ކަމުގަ އެވެ.

އިންސާނުންނަކީ އެމީހުންގެ ބޭނުންތަކާއި އެދުންތަކުގައި އަދި ކަންކަން ވިސްނި ދޭހަވުމުގައި އެކަކުއަނެކަކަށް ތަފާތު ބަޔަކަށްވުމާ އެކު ދިރިއުޅުމުގެ ހަޔާތުގައި ދެބަސްވުންތައް އުފެދުމަކީ ނުވެނުދާނެ ކަމެކެވެ. މިފަދަ ދަނޑިވަޅުތަކުގައި ޝައިޠާނާ ބޭނުންވާނީ އެދެފަރާތުގައި ރުޅިވެރިކަމާއި ހަސަދަވެރިކަން ދެމިގެން ދިއުމަށެވެ. ހެޔޮ ވިސްނޭ މީހަކު ބުދަށް އަޅުކަންކުރުވަން ޝައިޠާނާ ކުރާ ވަސްވާސްތަކަށް ކާމިޔާބެއް ނުލިބުނަސް ދެމީހެއްގެ ދެމެދުގައި ރުޅިވެރިކަމާއި ޙަސަދަވެރިކަމުގެ އަލިފާންގަނޑު ރޯކޮށްލުމަށް ޝައިޠާނާ ކުރާ ވަސްވާސްތަކުގައި ކާމިޔާބު ހޯދުމަކީ މާ އުނދަގޫ ކަމަކަށް ނުވެ އެވެ. އެހެންކަމުން މިއީ މުސްލިމުން ވަރަށްބޮޑަށް ފަރުވާތެރިވެ ތިބެން ޖެހޭ ކަމެކެވެ. އަދި މިކަމަށްޓަކައި އިސްލާމް ދީނުގައި ސަލާމަތީ ވަރަށް ގިނަ ފިޔަވަޅުތައް ވެސް ވަނީ އަޅައިފަ އެވެ. މިގޮތުން ކީރިތި ޤުރުއާނުގަ އާއި ކީރިތިރަސޫލާ ﷺ ގެ ސުންނަތުގައި ބައެއް އަމުރުތަކާއި ނަހީތައް އައިސްފައިވެ އެވެ. އެކަކު އަނެކަކަށް ނުބައިރޭވުންތައް ރޭވުމާއި ގުޅުންތައް ކެނޑުމާއި ރުޅިވެރިކަން ބޭއްވުމާއި ޙަސަދަވެރިކަން ބޭއްވުން މަނާކުރައްވައި އޭގެ ބަދަލުގައި މާތް ﷲ އަށް އަޅުވެތިވާ އަޚުންތަކެއް ކަމުގައި ވުމަށް ކީރިތި ރަސޫލާ އަންގަވާފައިވެ އެވެ (ބުޚާރީ). އަދި މުއުމިނަކު އޭނާގެ އަޚާއާ ދެމެދު ހަމަނުޖެހުމެއް ހިނގައިދިޔަ ނަމަވެސް އޭނާއާ ރުޅިވެރިކަން ބޭއްވުމާއި ވާހަކަނުދައްކައި ހުރުން މަނާ ކުރައްވަ އެވެ. އެކަމާމެދު ވިސްނައި ފިކުރުކުރުމަށް ތިން ދުވަހުގެ މުހުލަތެއް ނެގިނަމަވެސް އެއަށް ވުރެ ގިނަދުވަހު އެގޮތުގައި ހުރުމަކީ މުއުމިނަކަށް ހުއްދަވެގެންވާ ކަމެއް ނޫން ކަމުގައި އެކަލޭގެފާނު ވަނީ ބަޔާން ކުރައްވައިފަ އެވެ. ތިން ދުވަސް ވުމުން ދެމީހުން ބައްދަލުކޮށް އެކަކު އަނެކަކަށް ސަލާމް ކުރަން ޖެހެ އެވެ. ހިތުގައިވާ ރުޅިވެރިކަމާއި ހަސަދައިގެ އެންމެހާ ޝުޢޫރުތައް ފޮހެލަން ޖެހެ އެވެ.

ދެ އިންސާނެއްގެ ދެމެދުގައި ރުޅިވެރިކަމެއް ނުވަތަ ދެކޮޅުވެރިކަމެއް އުފެދޭއިރު އެތަނުން އެކަކު ވާހުށީ (އެކަން ނޭނގުމުގެ ސަބަބުން ވިއަސް) އަނިޔާވެރިއަކަށެވެ. އަނެކަކު ވާހުށި އަނިޔާ ލިބެނިވި މީހަކަށެވެ. އެތަނުން އަނިޔާވެރިވެ އަނެކާގެ ހައްގަށް އަރައިގަތް މީހާގެ މައްޗަށް ލާޒިމުވަނީ އޭނާގެ އެއަނިޔާވެރިކަމުން ވަގުތުން އެއްކިބާވެ އޭނާގެ އުޅުން އިޞްލާޙު ކުރުމެވެ. ސަބަބަކީ އެކަން އެގޮތަށް ނުކުރާނަމަ އޭނާއަށް ކުރެވިފައިވާ ހަޔޮކަންތައް އޭގެ އަގެއްގެ ގޮތުގައި ދައްކަން ޖެހެ އެވެ. މިގޮތުން ގޮސް އޭނާގެ ހުރިހާ ހެޔޮ ކަމެއްގެ ޘަވާބު ހުސްވެއްޖެ ނަމަ ނުވަތަ ހެޔޮ ކަމެއް ކުރެވިފައިނެތް ނަމަ އަނެކާއަށް ކުރެވިފައިވާ ފާފަތަކުގައި ހިފަން ޖެހެ އެވެ. މިކަން އަލްބުޚާރީ ރިވާ ކުރައްވާފައިވާ ޙަދީޘަކުން ސާބިތުވެ އެވެ. ދެމީހުންކުރެ އަނިޔާ ލިބެނިވި މީހާގެ މައްޗަށް ލާޒިމުވަނީ މަޢާފު ކުރުމެވެ. އޭނާއަށް ލިބެންޖެހޭ ހައްގެއް ލިބުމަށް ފަހު މަޢާފު ކުރުމެވެ. އަނެކާގެ ޢުޒުރުވެރިވުން ގަބޫލު ކުރުމެވެ. އުޒުރު ގަބޫލު ނުކުރުމަކީ ބޮޑު ކުށެކެވެ. ކީރިތި ރަސޫލާ ﷺ އެކަން ސިފަ ކުރައްވަނީ ނުބައި ގޮތަކަށް މުދާގަނޑެއް ފޭރިގެންފައިވާ މީހަކު ފަދައިންނެވެ. އެފަދަ މިހާ ކުށްވެރިވާ ދަރަޖައަށް މީނާވެސް ކުށްވެރި ވާނެ ކަމަށެވެ (އިބްނު މާޖާ) އަދި އައްޠަބަރާނީގެ ކިބައިން ރިވާވެފައިވާ ގޮތުގައި ޢުޒުރުވެރުވުމުން އެކަން ގަބޫލު ނުކުރާ މީހަކަށް ޙައުޟުން (ކައުޘަރޭ ކިޔޭ އާރުން) ޖާގައެއް ނުލިބޭނެ އެވެ.

ކީރިތި ރަސޫލާ ﷺ އެކަން ސިފަ ކުރައްވަނީ ނުބައި ގޮތަކަށް މުދާގަނޑެއް ފޭރިގެންފައިވާ މީހަކު ފަދައިންނެވެ. އެފަދަ މިހާ ކުށްވެރިވާ ދަރަޖައަށް މީނާވެސް ކުށްވެރި ވާނެ ކަމަށެވެ (އިބްނު މާޖާ) އަދި އައްޠަބަރާނީގެ ކިބައިން ރިވާވެފައިވާ ގޮތުގައި ޢުޒުރުވެރުވުމުން އެކަން ގަބޫލު ނުކުރާ މީހަކަށް ޙައުޟުން (ކައުޘަރޭ ކިޔޭ އާރުން) ޖާގައެއް ނުލިބޭނެ އެވެ.

އިސްލާމްދީން މީސްތަކުންގެ މެދުގައި ރުޅިވެރިކަމާއި ޙަސަދަވެރިކަން ނައްތާލުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި އެކަކު އަނެކަކަށް ނެތި ނުބައި މޮށުމާއި ދެބައުޑުވުމާއި މީހުންގެ ސިއްރުތައް ހޯދަން މަސައްކަތް ކުރުމާއި ހަގީގަތެއް ނެތް ވާހަކަތައް ދެއްކުމާއި މިފަދަ ކަންކަން ވަނީ މަނާކުރައްވައިފަ އެވެ. މީހަކު ނުކުރާކަމެއް ނުވަތަ މީހެއްގެ ކިބައިގައި ނެތް ކަމެއްގެ ވާހަކަ ދައްކައިފި ނަމަ އެމީހަކު އެބުނިކަމެއް ވެއްޖައުމަށް ދާނދެން ނަރަކައިގައި ބަންދުވެގެންވާނެ ކަމުގައި ރަސޫލާ ﷺ ވަނީ ބަޔާން ކުރައްވައިފަ އެވެ. (އައްޠަބަރާނީ) ދެބައުޑުވާމީހާ އަކީ ނަރަކަވަންތަ ވެރިއެކެވެ. އެހެނީ ކީރިތިރަސޫލާ ޙަދީޘް ކުރައްވަނީ ދެބައުޑުވާ މީހާ ސުވަރުގެ ނުވައްދަވާނެ ކަމަށެވެ. ވީމާ އެކަކު އަނެކަކާ މެދު ދެކޮޅުވެރިކަމާއި ހަސަދަވެރިކަން އުފެދޭ އެއްވެސް ކަމެއް ކުރުން އިސްލާމް ދީން ވަނީ މަނާކުރައްވައިފަ އެވެ.

ވީމާ އެއްވެސް އިންސާނަކާ މެދު ތިމާގެ ހިތުގައި ދެކޮޅުވެރިކަމެއް ނުވަތަ ޙަސަދަވެރިކަމެއް ނުވަތަ އެއިން ކަމެއްގެ ކަންފުޅެއްވެސް ވާނަމަ ހިތް ސާފުކޮށްލައި ފޮހެލަން މަސައްކަތް ކުރަން ޖެހެ އެވެ. މިގޮތަށް މަސައްކަތް ކުރުމަށްފަހުގައި އެކުވެރިކަމާއި އެއްބައިވަންތަކަމުގައި ދިރިއުޅުން ބައްޓަން ކުރަން ޖެހެ އެވެ. ނަސަބުގެ ގޮތުން ގުޅުމެއް ނެތަސް އަދި އަވައްޓެރިއަކަށް ނުވަތަ ރައްޓެއްސަކަށް ނުވިއަސް ކޮންމެ މުސްލިމަކީ ތިބާގެ އަޚެއް ކަމުގައި ބަލަން ޖެހެ އެވެ. ހަމައެއާ އެކު ކޮންމެ އިންސާނަކީ ވެސް އިންސާނިއްޔަތުގައި ލިބެންޖެހޭ ހުރިހާ ހައްގުތަކެއް ދިނުމާއި އާދަމުގެ ދަރިންނަށް ﷲ ދެއްވާފައިވާ ކަރާމާތް ލިބެންޖެހޭ ބަޔަކަށް ވާހިނދު އިންސާނިއްޔަތަށްޓަކައި ރުޅިވެރިކަމާއި ހަސަދައިން ސަލާމަތްވާން ޖެހެ އެވެ. ޢަދާވާތްތެރި ކަމެއް ބާއްވަން ޖެހޭނީ ހަމައެކަނި ޢަދުއްވުންނާ މެދުގަ އެވެ.

2 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޗޮކުންބެ

14 January 2022

ތިވާހަކަ ކިޔައިދީބަލަ މިއުޅޭ ސިޔާސީ ބޭޅުންނަށް

The name is already taken The name is available. Register?

އަބޫބަކުރުބެ

14 January 2022

އަހަރެމެންގެތެރެއިން އެތަށްބައެއް، ހަސަދައިގެ އަލިފާނުގެ ސަބަބުން، އެބައިމީހުންގެ ހަށިގަނޑުގެ އެތެރެ އަނދާއަޅިއަށްވެ ހޮޔަށް މިއޮންނަނީ. މިކަމުގާ އަންހެނެއް ފިރިހެނަކަށް، ފިރިހެނެއް އަންހެނަކަށް ދޫކުރަނީއެއްނޫން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454