ޕްލާސްޓިކް ބޯތަށީގައި ދިރިއުޅުނު ރަހުމާ މަރުވެއްޖެ

އަތާއި ފައި އަދި ހަށިގަނޑުގެ ބޮޑު ބައެއް ނުއުފެދުމުގެ ސަބަބުން ޕްލާސްޓިކް ބޯތައްޓެއްގައި ދިރިއުޅުނު 19 އަހަރުގެ ޒުވާން އަންހެން ކުއްޖާ ރަހުމާ ހާރޫނު މަރުވެއްޖެ އެވެ.


އޭނާ މަރުވިކަން ހާމަކުރީ އޭނާގެ ފޮޓޯ ފުރަތަމަ ފަހަރަށް ސޯޝަލް މީޑިއާގައި ހާމަކުރި އޭނާ ދިރިއުޅޭ ހިސާބުގަނޑުގެ ފޮޓޯގްރާފަރެވެ.

ފޮޓޮގްރާފަރު ބުނީ ރަހުމާ މަރުވީ ވަރަށް ވޭނުގައި އުޅެފައި ކަމަށާއި މަރުވިއިރު ވެސް އޭނާގެ ބައްޔަކީ ކޮބައިކަން އެއްވެސް ޑޮކްޓަރަކަށް އޮޅުން ނުފިލި ކަމަށެވެ.

ނައިޖީރިޔާގެ އިރު ހުޅަނގުން އޮންނަ ކާނޯ ކިޔާ ސިޓީގައި ދިރިއުޅޭ ރަހުމާ އަށް މި ބަލި ޖެހުނީ އޭނާގެ އުމުރުން އެންމެ ހަ މަހުގަ އެވެ. އޭގެ ފަހުން އޭނާގެ ބޯ ފިޔަވައި ހަށިގަނޑުގެ އެއްވެސް ބައެއް އުފެދިފައެއް ނުވެ އެވެ.

ދުނިޔޭގެ ނޫސްތަކަށް ރަހުމާގެ ވާހަކަ އަރާފައިވަނީ އޭނާ ބޯތަށީގައި އިންދާ އެ އަވަށުގެ ފޮޓޯގްރާފަރަކު ނެގި ފޮޓޯއެއް ސޯޝަލް މީޑިއާގައި ދައުރުވުމުންނެވެ.

ރަހުމާ އޭނާގެ ކޮއްކޮ ފަހަދު އާއި މަންމައާ އެކު

ރަހުމާގެ ހާލަތު ނޫސްވެރިންނަށް ކިޔައިދެމުން އޭނާގެ މަންމަ ބުނެފައިވަނީ އުމުރުން ހަ މަހުގައި ތަންތަނުގައި އެކަނި އިންނަން ރަހުމާއަށް ދަސްވިތަނާ ބައްޔެއްގައި އިތުރަށް ހެދިބޮޑުވުން ހުއްޓުނީ ކަމަށެވެ. އެންމެ ކުޑަމިނުން ފިރުކިލަން ވެސް ރަހުމާއަށް ދަސްކުރާނެ ފުރުސަތު ނުލިބުނު ކަމަށް އޭނާގެ މަންމަ ވަރަށް އަސަރާ އެކު ބުންޏެވެ.

"އެންމެ ފުރަތަމަ ހުން އައީ. އެއަށް ފަހު ބަނޑަށް ތަދުވާތީ އުޅުނީ. އޭގެ ފަހުން އަތާއި ފައިގައި ރިއްސަން ފެށީ. ހަށިގަނޑުގެ ތަންތަނުގައި ރިއްސަން ފަށައިފި ނަމަ ދެން އޭނާއަށް ކެތްނުވާ ވަރަށް ރިއްސާ،" ރަހުމާގެ މަންމަ ބުންޏެވެ.

ރަހުމާ އާއި އޭނާގެ އާއިލާގެ މެމްބަރުން

ރަހުމާއާ އެންމެ ފަހުން ވާހަކަ ދެއްކި ނޫސްވެރިން ގާތު އޭނާ ބުނެފައިވަނީ ކޮންމެވެސް ދުވަހަކުން ވިޔަފާރިކުރާ މީހަކަށް ވެގެން ތަރުކާރީ ވިއްކާ ފިހާރައެއް ހުޅުވަން ގަސްދުކުރާ ކަމަށެވެ.

ރަހުމާގެ ހަގަށް ހުރީ 10 އަހަރުގެ ފަހަދެވެ. ފަހަދު އާއި އެ އާއިލާގެ އެންމެން ވެސް ރަހުމާ ދެކެ އިންތިހާއަށް ލޯބިވި އެވެ. އަދި އޭނާއަށް ފަސޭހަވާނެ ހުރިހާ ގޮތަކަށް އެމީހުން އަބަދުވެސް ކަންތައް ކޮށްދިނެވެ.

ރަހުމާ ފެންވަރުވާ އޭނާ ބޭނުންވާ ތަންތަނަށް ގެންގޮސްދީ ހެދުމުގައި އޭނާގެ ކޮއްކޮ ވަރަށް އެހީތެރިވެދޭ ކަމަށް ރަހުމާގެ އެންމެ ފަހުގެ އިންޓަވިއުގައި ބުންޏެވެ.

ރަހުމާއަށް ޖެހުނު ބަލި އެއްވެސް ޑޮކްޓަރަކަށް ނޭނގުމުން އާއިލާގެ މީހުން ގަބޫލުކުރީ އެއީ ޖިންނިއެއްގެ ފަރާތުން ދިމާވި ކަމެއް ކަމަށެވެ.

ރަހުމާގެ ކުރު ހަޔާތުގައި އޭނާއަށް ކިތަންމެ ދަތިތަކަކާއި ވޭންތަކެއް އިހްސާސް ކުރެވުނު ނަމަވެސް އޭނާ ބުނެފައިވަނީ އޭނާއަށް ދެއްވި ނިއުމަތަށް މާތް ﷲ އަށް ޙަމްދުކުރާ ކަމަށެވެ. އޭނާ މި ދުނިޔެއާ ވަކިވެގެން ދިޔައީ ވެސް އެ ގޮތުގަ އެވެ.