ކެމްބޯޑިއާގެ ކޯރަކުން ފެނުނު ނަރު ނަގޫ މަޑި ދިރާސާކުރުމުގެ ބޭނުމަށް ހިފައިފައި. -- ފޮޓޯ: ވޮންޑާސް އޮފް މީކޮންގް
23 ޖޫން 2022 - 07:00
މި މަހު ކެމްބޯޑިއާގެ ކޯރަކުން ފެނުނު 300 ކިލޯގެ ސްޓިންގްރޭ ނުވަތަ ނަރު ނަގޫ މަޑިއަކީ މިހާތަނަށް ކޯރަކުން ފެނުނު އެންމެ ބޮޑު މަސް ކަމަށް ސައިންސްވެރިން ބުނެފި އެވެ.
އެ މަޑި ފެނުނު މީކޮންގް ކޯރަކީ ޗައިނާ، މިއަންމާ، ތައިލެންޑް، ލާއޯސް، ކެމްބޯޑިއާ އަދި ވިއެޓްނާމާ ހަމަ ދެމިފައި އޮންނަ ވަރަށް ދިގު ކޯރެކެވެ. އޭގެ ދިގުމިނުގައި 3.98 މީޓަރު ހުރިއިރު، ފުޅާމިނުގައި 2.2 މީޓަރު ހުއްޓެވެ.
ކޯރަކުން ފެނުނު އެންމެ ބޮޑު މަހުގެ ގޮތުގައި ކުރިން އޮތީ، 2005 ވަނަ އަހަރު ތަލައިންޑުން، ހަމަ އެ ކޯރުން ފެނުނު 230 ކިލޯގެ ކެޓްފިޝްއެކެވެ. ނަމަވެސް، ރަސްމީ ސިފައެއްގައި އަދި އެއްވެސް ފަރާތަކުން އެކަމުގެ ރިކޯޑެއް ނުބަލަހައްޓަ އެވެ.
ޔޫއެސްއެއިޑުން ފަންޑުކޮށްގެން މީކޮންގް ކޯރު ހިމަޔާތްކުރުމަށް ހިންގާ "ވޮންޑާސް އޮފް މީކޮންގް" ޕްރޮޖެކްޓެއްގައި މަސައްކަތްކުރާ ބަޔޮލޮޖިސްޓެއް ކަމަށްވާ ޒެބް ހޯގަން ވިދާޅުވީ، އެ މަޑިއަކީ މިދިޔަ 20 އަހަރުގެ ތެރޭގައި ވެސް ދުނިޔޭގެ ކޯރަކުން ފެނުނު އެންމެ ބޮޑު މަސް ކަމަށެވެ.
ކެމްބޯޑިއާގެ ކޯރަކުން ފެނުނު ނަރު ނަގޫ މަޑި ދިރާސާކުރުމުގެ ބޭނުމަށް ހިފައިފައި. -- ފޮޓޯ: ވޮންޑާސް އޮފް މީކޮންގް
"އެ މަޑި ފެނި، ޑޮކިއުމެންޓް ކުރެވުމަކީ ތާރީހީ ކަމެއް. އަދި ވަރަށް ބޮޑު ނުރައްކަލަކާ ކުރިމަތިލާން ޖެހިފައިވާ މީކޮންގް ކޯރުން އެ މަޑި ފެނުމަކީ ވެސް ވަރަށް އުއްމީދީ މަންޒަރެއް،" އޭނާ ވިދާޅުވި އެވެ.
މީކޮންގް ކޯރު ހިމާޔަތްކުރުމުގެ ޕްރޮޖެކްޓް ހިންގަނީ ކެމްބޯޑިއާގެ ފިޝަރީޒް އެޑްމިނިސްޓްރޭޝަނާ ގުޅިގެންނެވެ. އެމީހުން ހަދާފައި އޮންނަ އެއްބަސްވުމުގެ ދަށުން، ނުރައްކަލަކަށް ހުށަހެޅިފައިވާ ނުވަތަ ނެތިގެން ހިނގައިދާނެ ކަމުގެ ބިރުހީވެފައިވާ ދިރުންތަކާ ގުޅޭ މައުލޫމާތެއް ލިބިއްޖެ ނަމަ، އެ ގައުމުގެ މަސްވެރިން ރިޕޯޓްކުރަން ޖެހެ އެވެ.
މި މަހު 13 ގައި އެ ނަރު ނަގޫ މަޑި ފެނިގެން ރިޕޯޓްކުރީ ވެސް މަސްވެރިއެކެވެ.
Copyright © 2022 Mihaaru · Terms and Conditions · Privacy Policy