މާބޮޑަށް ދެރަވެގެން މަރުވެދާނެތަ؟

ސްޓާ ވޯޒްގެ ތަރި ކެރީ ފިޝާ މިދިޔަ އަންގާރަ ދުވަހު މަރުވިތާ އެއް ދުވަސް ފަހުން އޭނާގެ މަންމަ ޑެބީ ރޭނަލްޑްސް ވެސް ވަނީ މަރުވެފަ އެވެ. ހިތް ހަލާކުވެގެން ނުވަތަ މާބޮޑަށް ދެރަވެގެން ވެސް މަރުވެދާނެ ކަމަށް ދެކެވޭ ވާހަކަ މި ދެމައިންގެ މަރާ އެކު އަލުން ދެކެވެން ފަށައިފި އެވެ.


އާއިލާއާ ހަވާލާދީ މީޑިއާގައި ބުނެފައިވާ ގޮތުގައި ރޭނަލްޑްސް، 84، މަރުވީ ދަރިފުޅުގެ ޖަނާޒާގެ އިންތިޒާމްތަކުގައި އުޅެނިކޮށް ޖެހުނު ވަރުގަދަ ސްޓްރޯކަކަށް ފަހު ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. ރޭނަލްޑްސްގެ ފިރިހެން ދަރިފުޅު ޓޮޑް ފިޝާ ބުނެފައި ވަނީ މަންމަ އެންމެ ފަހުން ވެސް ދެއްކީ ކެރީގެ ވާހަކަ ކަމަށެވެ. އެއީ ކެރީގެ މަރުގެ ސަބަބުން އިންތިހާ އަށް ހިތާމަކުރާ ކަމަށާއި ކެރީއާ އެކުގައި ވުމަށް އަދިވެސް އެދޭ ކަމަށް ބުނެ ދެއްކި ވާހަކަ އެވެ.

ސްޓްރޯކް ޖެހުނީ މި ވާހަކަ ދެއްކިތާ 15 ވަރަކަށް މިނެޓް ފަހުން ކަމަށް ޓޮޑް ބުނެފައިވެ އެވެ.

ރޭނަލްޑްސް މަރުވީ ހިތް ހަލާކުވެގެން ހެއްޔެވެ؟ ލަންޑަނުގެ ސެއިންޓް ޖޯޖް ޔުނިވަސިޓީން 2014 ވަނަ އަހަރު ކޮށްފައިވާ ދިރާސާއެއްގައި ބުނެފައި ވަނީ އުމުރުން ދުވަސްވީ މީހެއްގެ ބައިވެރިޔަކު މަރުވާތާ 30 ދުވަހުގެ މުއްދަތުގެ ތެރޭގައި އަނެއް ބައިވެރިޔާ އަށް ހާޓް އެޓޭކެއް ނުވަތަ ސްޓްރޯކެއް ޖެހުމުގެ ފުރުސަތު ދެ ގުނަ އަށް އިތުރުވާ ކަމަށެވެ.

މި ދިރާސާގައި، އުމުރުން 60 އަހަރުން ފެށިގެން މަތީގެ މީހުންގެ ތެރެއިން ހާޓް އެޓޭކް ނުވަތަ ސްޓްރޯކް ޖެހުނު މީހުންގެ ބައިވެރިޔާ މަރުވީ ކޮން އިރަކުތޯ ބަލާފައިވެ އެވެ. މި ހޯދުމުން އެނގުނު ގޮތުގައި ކޮންމެ 10،000 މީހެއްގެ ތެރެއިން 16 މީހަކަށް ހާޓް އެޓޭކް ނުވަތަ ސްޓްރޯކް ޖެހުނީ ބައިވެރިޔާ މަރުވިތާ 30 ދުވަހުގެ ތެރޭގަ އެވެ. ބައިވެރިޔާ ދުނިޔޭގައި ހުރެ ހާޓް އެޓޭކް ނުވަތަ ސްޓްރޯކް ޖެހުނު ނިސްބަތަކީ ކޮންމެ 10،000 އިން 8 އެވެ.

"މީހެއްގެ މަރުގެ ސަބަބުން ކުރިމަތިވާ ހިތާމަޔާއި ހިތްދަތިކަމުގެ ސަބަބުން ލޭ ގަނޑުވުމާއި ލޭގެ ޕްރެޝަރާއި ސްޓްރެސް ހޯމޯން އާއި ހިތުގެ ހިނގުމަށް ބަދަލު އައުމަށް ވަރަށް ގިނަ ސަބަބުތައް މެދުވެރިކުރުވާ،" ދިރާސާއާ ބެހޭ ގޮތުން ސެއިންޓް ޖޯޖް ޔުނިވަސިޓީގެ ސީނިއާ ލެކްޗަރާ އިން ޕަބްލިކް ހެލްތު ޑރ. ސުނިލް ޝާހް ވިދާޅުވެފައިވެ އެވެ.

އެހެންވެ، އޭނާ ވިދާޅުވަނީ ބައިވެރިޔާ ނުވަތަ ގާތް މީހެއްގެ މަރުގެ ސަބަބުން ހާޓް އެޓޭކް ނުވަތަ ސްޓްރޯކް ޖެހުމަށް މެދުވެރިވާ ކަމަށެވެ.

ދިރާސާއިން އެހެން ކަމެއް ވެސް ހާމަވި އެވެ. އެއީ، ލޭމައްޗަށް ދިއުން ފަދަ މައްސަލަތަކާ ހެދި ގަވައިދުުން ބޭސް ކާންޖެހޭ މީހުން ވެސް، ގާތް މީހެއްގެ މަރާ އެކު ބޭހަށް ފަރުވާ ކުޑަކުރުމެވެ. އެހެންވެ ހިތްދަތިކަމާ އެކު ސިއްހީ މައްސަލަތައް އިތުރަށް ގޯސްވުމުގެ ސަބަބަކަށް މިކަން ވެސް ވެ އެވެ.

މި ކަންކަމުގެ އިތުރުން "ބްރޯކަން ހާޓް ސިންޑްރޯމް" ނުވަތަ ޓަކޮސުބޯ ކާޑިއޯމަޔޯޕަތީ އަކީ ވެސް ސައިންސްވެރިން ގަބޫލުކުރާ ކަމެކެވެ. އެއީ ޖަޒުބާތީ ގޮތުން ކުރެވޭ ވަރުގަދަ އިހްސާސްތަކެއްގެ ސަބަބުން ނުވަތަ ޖިސްމާނީ ބޮޑު ވަރުބަލިކަމެއްގެ ސަބަބުން ހިތުގެ މަސްތައް ބަލިކަށިވެ ހިތުގެ ބައްޓަން ބަދަލުވެ ފުރިހަމަ އަށް ލޭ ނުފޮނުވުމަށް މެދުވެރިވާ ސަބަބެކެވެ. އެކަމަކު މިއީ ލޭ ހޮޅިތައް ބެދި ހާޓް އެޓޭކް ޖެހޭ ސަބަބެއް ކަމަކަށް ނުވެ އެވެ. މި މައްސަލަ ފިރިހެނުންނަށް ވުރެ ގިނައިން އަންހެނުންނަށް ކުރިމަތިވެ އެވެ. -- މިރާ