ބަލިއެނދުގައި އޮންނަ މީހުންނަށް ހާއްސަ ކަސްރަތެއް

ހާލުބޮޑުވެގެން އިންޓެންސިވް ކެއާ ޔުނިޓް (އައިސީޔޫ) އަށް ލާފައި ތިބޭ ބައެއް މީހުން ލައްވާ ބައިސްކަލް ދުއްވުމުގެ ހަރަކާތް ލިބޭ ކަސްރަތު ކުރުވުމުން އެމީހުންގެ ބަލި އަވަހަށް ރަނގަޅުވާ ކަމަށް ސައިންސްވެރިން ބުނެފި އެވެ.


ސައިންސްވެރިން ބުނަނީ ވަރަށް ހާލު ބޮޑުވެގެން އައިސީޔޫގައި ބައިތިއްބާފައި ތިބޭ މީހުން ވެސް އަދި ވެންޓިލޭޓަރު ގުޅާފައި ތިބޭ މީހުން ލައްވާ ވެސް އެނދުގައި ބާއްވައިގެން ފިޒިއޮތެރަޕިސްޓުންނަށް މި ކަސްރަތު ކުރުވާ ނަމަ އެމީހުން އަވަހަށް ފަސޭހަވުމުގެ ފުރުސަތު ބޮޑުވާނެ ކަމަށެވެ.

"މީހުންނަށް ހީވެފައި އޮންނަނީ އައިސީޔޫގައި ތިބޭ ހާލު ބޮޑު ބަލި މީހުން ކަސްރަތު ލިބޭ ކަހަލަ ހަރަކާތްތައް ކުރާކަށް ނުވާނޭ. ނުވަތަ އެފަދަ ކަމެއް ކުރެވޭ ވަރަށް ވުރެ އެމީހުން މާ ބައްޔޭ. ނަމަވެސް އައިސީޔޫގައި ދެ ހަފުތާއެއްހާ ދުވަސް ވެފައިވާ މީހުން އެނދުގައި ބައިތިއްބައިގެން ސައިކަލް ކަސްރަތު ކުރުވާ ނަމަ ހޮސްޕިޓަލުން ދޫކޮށްލުމަށް ފަހު އެމީހުންނަށް މާ ރަނގަޅަށް ހިނގާބިނގާވެ އުޅެވޭނެ،" ކެނެޑާގެ މެކްމާސްޓާ ޔުނިވަސިޓީ އެންޑް ފިޒިއޮތެރަޕިސްޓްގެ އެސިސްޓެންޓް ޕްރޮފެސަރު މިޝޭލް ކޯ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބައިސިކަލް ކަސްރަތުގެ އަޖުމަބެލުމަށް ދިރާސާ ކުރީ މީގެ ކުރިން ކޮށްފައިވާ މިފަދަ މަސައްކަތްތަކަކަށް ބަލާފައި ކަމަށެވެ. އަދި މިއީ އައިސީޔޫގައި މެކެނިކަލް ވެންޓިލޭޝަންގައި ބާއްވާތާ ހަތަރު ވަނަ ދުވަހުން ފެށިގެން ކުރަން ފެށިދާނެ ރައްކާތެރި އަދި ފަސޭހައިން ކޮށްލެވިދާނެ ކަސްރަތެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

އައިސީޔޫގައި ބައިތިއްބާ ބަލި މީހުންނަށް ގައިގެ މަސްތައް ބަލިކަށިވުމާއި ހިނގާބިނގާވެ އުޅުމަށް ދަތިވުން ފަދަ ކަންތައްތައް ދިމާވެ އެވެ. އެއީ އެއްވެސް ހަރަކާތެއް ނުކޮށް އެނދުގައ ގިނަ ދުވަސްތަކަކު އޮންނަން ޖެހޭތީ އެވެ.

ބައިސްކަލް ދުއްވާ ގޮތަށް ދެ ފައި ހަރަކާތްކުރުމުން ފައިގެ މަސްތައް ވަރުގަދަވެ ބަލިމީހުންނަށް އަވަހަށް ގެއަށް ދެވި އެ މީހުންގެ ހަށިގަނޑު ވަރުގަދަވެ އެވެ.

މިއީ ބަލި މީހުންނަށް އެކަނި ލިބޭ އެހީތެރިކަމެއް ނޫނެވެ. ހާލުބޮޑު ބަލި މީހުން ބަލަހައްޓަން ޖެހުމުގެ ޚަރަދުތައް ވެސް ކުޑަވެގެން ދާނެ ކަމެކެވެ.

ޕްރޮފެސާ ކޯ އާއި އޭނާގެ ޓީމުން ވަނީ ސެން ޖޯސަފްސް ހެލްތުކެއާ ހެމިލްޓަންގެ އައިސީޔޫގައި ތިބި ބަލިމީހުންގެ 33 މީހަކަށް އަހަރު ދުވަހުގެ ތެރޭ މި ފަރުވާ ދީގެން ދިރާސާއެއް ހަދާފަ އެވެ. މި ބަލިމީހުންނަކީ އުމުރުން 18 އަހަރުން މަތީގެ މީހުންނެވެ. އަދި މިއީ މެކޭނިކަލް ވެންޓިލޭޝަން އިން ފަރުވާ ދެމުން ދިޔަ ބައެކެވެ. މި އެންމެންނަކީ ވެސް އައިސީޔޫގައި ފަރުވާ ދޭން ފެށުމުގެ ކުރިން ރަނގަޅަށް ހިނގާބިނގާވެ އުޅުނު މީހުންނެވެ.

އައިސީޔޫގައި ކޮންމެ ދުވަހަކު 30 މިނިޓް ވަންދެން މި މީހުންނަށް ސައިކްލިން ފަރުވާ ދިނެވެ. މޮޓޮރައިޒް ސްޓޭޝަނަރީ ބައިސްކަލެއް އެނދުގައި ހަރުކޮށްގެން ހަފުތާއަކު ހަ ދުވަހު ފަރުވާ ދީފައިވެ އެވެ.

ޖާނަލް ޕްލޮސް ވަން ގައި ޝާއިއުކޮށްފައިވާ މި ދިރާސާގައިވާ ގޮތުން، މެކޭނިކަލް ވެންޓިލޭޝަންގައި ބާއްވާތާ ފުރަތަމަ ހަތަރު ދުވަހުގެ ތެރޭގައި ބައިސްކަލް ދުއްވާ ކަސްރަތު ފެށުމަކީ ރައްކާތެރި އަދި ބަލި މީހުންނަށް ފަސޭހައިން ކޮށްދެވޭ ކަމެއްގެ ގޮތުގައި ދިރާސާ ކުރި ސައިންސްވެރިންނަށް ފާހަގަވި އެވެ.

އައިސީޔޫގައި ނޫނަސް ބަލިވެގެން އެނދުގައި ތިބެން ޖެހޭ ބައެއް ބަލިމީހުންނަށް ފިޒިއޮތެރަޕިސްޓެއްގެ އިރުޝާދުގެ ދަށުން މި ކަސްރަތު ކުރުމުން ފައިދާކުރާނެ އެވެ.