މީހުންނާ ބެހޭ ފަސިންޖަރުން ހުއްޓުވަން ބިޑި އަޅުވާނެ ކަމުގެ އިންޒާރު އެއާ އިންޑިއާ އިން ދީފި

ފްލައިޓުން ދަތުރުކުރާ މީހުންނާ ބެހި އުނދަގޫކުރުމުގެ މައްސަލަތަކެއް މިދިޔަ ދެ ހަފުތާ ތެރޭގައި ކުރިމަތިވުމާ ގުޅިގެން އެއާ އިންޑިއާ އިން ގަވައިދު ހަރުކަށިކޮށްފި އެވެ. އެއާ އިންޑިއާ އިން ނިންމާފައި ވަނީ އެންގުންތަކަށް އަމަލު ނުކުރާ ފަސިންޖަރުންގެ އަތުގައި ބިޑި އެޅުވުމަށެވެ.


އެއާ އިންޑިއާގެ ހުރިހާ ފްލައިޓެއްގައި ވެސް މިކަން މިގޮތަށް ކުރާނެ އެވެ. އެއީ ބުނާގޮތް ނުހަދާ ހަރުކަށި މިޒާޖުގެ ފަސިންޖަރުންގެ ސަބަބުން ބޯޓަށާއި ބޯޓުގައި ތިބޭ އެހެން ފަސިންޖަރުންނަށް ނުރައްކަލެއް ވެދާނެތީ އެވެ.

އެއާ އިންޑިއާ އިން ބުނީ އެ އެއާލައިނުން އިންޓަނޭޝަލް ފްލައިޓްތަކުގައި މިގޮތަށް އަމަލުކުރާ ކަމަށާއި އެކަމަކު މިހާރު ޑޮމެސްޓިކް ފްލައިޓްތަކުގައި ވެސް، އެންގުންތަކަށް ތަބާނުވާ ފަސިންޖަރުންގެ އަތުގައި ޕްލާސްޓިކް ބިޑި އަޅުވާނެ ކަމަށެވެ.

އެއާ އިންޑިއާ އިން މި ފިޔަވަޅު އަޅާފައިވަނީ މި މަހުގެ ދެ ވަނަ ދުވަހު މަސްކަޓް އިން ދިއްލީ އަށް ދަތުރުކުރި ފްލައިޓެއްގައި އިން މީހަކު އެއާ ހޮސްޓެސްއަކަށް ޖިންސީ ފުރައްސާރަ ކުރުމާ ގުޅިގެންނެވެ. އަދި މުމްބައި އިން ނެވާކް އަށް ދަތުރުކުރި ފްލައިޓެއްގައި އިން ފަސިންޖަރަކު އެހެން ފަސިންޖަރަށް ޖިންސީ ގޯނާ ކުރިކަމުގެ ޝަކުވާ ވެސް ކުރިމަތިވެފައިވެ އެވެ.

"ފްލައިޓްތެރޭގައި ވިޔަނުދާ އަމަލުތައް ހިންގުން މި ފަހަކަށް އައިސް ދަނީ ވަރަށް ބޮޑަށް އިތުރުވަމުން. ޖިންސީ ގޯނާ ކުރުން ކަހަލަ ކަންތައްތައް ކުރާ މީހުންނަށް އަހަރެމެންގެ ޕައިލެޓުން ދޭނީ ޒީރޯ ޓޮލަރެންސް،" އެއާލައިންގެ އޮފިޝަލަކު ވިދާޅުވި އެވެ.

ނަމަވެސް ބިޑި އެޅުވުން ފަދަ ކަމެއް ކުރާނީ އެމީހަކު އެއްގޮތަކަށް ވެސް ކޮންޓްރޯލް ނުކުރެވޭ ވަރު ވުމުން ކަމަށް އެއާ އިންޑިއާގެ ކެބިން ކްރޫ މެނުއަލްގައި ލިޔެފައިވެ އެވެ.