ކްރޮކްސް ފައިވާނުން ސިއްހަތަށް ނުރައްކާވޭ

ކްރޮކްސް އަކީ ބަލާލަން ހުތުރު ސިފައަކަށް ހުންނަ ރަބަރު ފައިވާނެކެވެ. ބައެއް މީހުން ފަޔަށް ފަސޭހަކަމުން މިފަދަ ފައިވާނަށް އަރާ އުޅެ އެވެ. އަދި ކުޑަކުދިން ވެސް މިފަދަ ފައިވާނަށް އަރުވާފައި ހުއްޓާ ފެނެ އެވެ. ނަމަވެސް ޑޮކްޓަރުން ވިދާޅުވަނީ މި ވައްތަރުގެ ފައިވާނަށް އެރުމުން ސިއްހީ ވަރަށް ގިނަ މައްސަލަތައް ކުރިމަތިވާ ކަމަށެވެ.


ޗިކާގޯގެ ޕޮޑިއަޓްރިސްޓް ނުވަތަ ފައިގެ ޚާއްސަ ޑޮކްޓަރު މެގަން ލީހީ ހަފިންޓަން ޕޯސްޓަށް ވިދާޅުވެފައިވާ ގޮތުގައި މި ވައްތަރުގެ ފައިވާނަށް އެރުމުން ހީވެސް ނުކުރާވަރުގެ ގެއްލުން ފަޔަށް ލިބެ އެވެ. އިލްނޮއި ބޯން އެންޑް ޖޮއިންޓް އިންސްޓިއުޓްގައި މަސައްކަތްކުރައްވާ ޑރ. ލީހީ ވިދާޅުވާ ގޮތުގައި ކްރޮކްސް އަކީ މުޅި ދުވަހު އަރައިގެން އުޅެން ކަމުދާ އެއްޗެއް ނޫނެވެ.

ކޭޓް މިޑްލްޓަން އާއި ހެލަން މިރެން ފަދަ ސެލެބްރިޓީން ވެސް ކްރޮކަށް އަރައިގެން އުޅޭތަން ފެނިފައިވެ އެވެ. ޑރ. ލީހީ ވިދާޅުވަނީ މި ވައްތަރުގެ ފައިވާނުން ފުންނާބު އެކަށީގެންވާ ވަރަށް ނުހިފެހެއްޓޭ ކަމަށެވެ. ފުންނާބު ނުހިފެއްޓޭ ނަމަ ފައިގެ އިނގިލިތަކުން ފައިވާން ހިފަހައްޓަން މަސައްކަތް ކުރާނެކަމާއި ނަތީޖާއެއްގެ ގޮތުން ޓެންޑިނައިޓިސް ކިޔާ ބައްޔެއް ޖެހޭ ކަމަށެވެ. ޓެންޑިނައިޓީސް އަކީ ކަށިތަކާއި މަސްތައް ގުޅުވައިދިނުމަށް ލެވިފައި ހުންނަ ޓެންޑަން ދުޅަވުމަށް ކިޔާ ނަމެކެވެ.

ޓެންޑިނައިޓީސްގެ އިތުރުން ފައިގެ އިނގިލިތަކުގެ އައިބުކަން އިތުރުވުމާއި ނިޔަފަތިތަކުގެ މައްސަލަތައް ޖެހުމާއި އެސްވަޅު ނެގުން، އަދި ތަންތަންގަނޑު ހަރުވުމަކީ ވެސް މިފަދަ ފައިވާނަށް އެރުމުން ދިމާވެދާނެ ކަމެއް ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

ފްލިޕް-ފްލޮޕްސް އާއި އެނޫންވެސް ފުންނާބު ނުހުންނަ ފައިވާނަށް އެރުމުން ވެސް މިފަދަ މައްސަލަތައް ދިމާވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ސަބަބަކަށް ވަނީ ފުންނާބު އެކަށީގެންވާ ގޮތަކަށް ހިފެހެއްޓިފައި ނުހުންނާތީ އެވެ.

ފްލިޕް-ފްލޮޕްސް: އަބަދު މިވައްތަރު ފައިވާނަށް އެރުމުން ވެސް ފައިތިލަ އަށް ތަފާތު ސިއްހީ މައްސަލަތައް ކުރިމަތިވާ ކަމަށް ތަޖުރިބާކާރުން ބުނޭ

ކްރޮކްސް އަކީ އޭގެ ސިފަޔާއި ބައްޓަން އަދި ކުލަތައް ހުތުރުކަމުން ވަރަށް ގިނަ ބަޔެއްގެ މަލާމާތް ރައްދުވާ ފައިވާނެއް ނަމަވެސް 2002 ގައި މި ވައްތަރުގެ ފައިވާން ބާޒާރަށް ނުކުތްފަހުން މިހާތަނަށް 300 މިލިއަނަށް ވުރެ ގިނަ ފައިވާން ވިކިފައިވެ އެވެ.

އެމެރިކަން އެކަޑަމީ އޮފް ޕޮޑިއޮޓްރިކް ސްޕޯޓްސް މެޑިސިންގެ ރައީސް ޑރ.އެލެކްސް ކޯ ވެސް ވިދާޅުވަނީ ކްރޮކްސް އަށް އެރުމުން ފަޔަށް ތަފާތު ގެއްލުންތައް ލިބޭ ކަމަށެވެ.

ކްރޮކްސް ވައްތަރުގެ ރަބަރު ފައިވާނަށް އަރައިގެން ފައިގެ ފުންނާބުގައި ރިއްސާތީ ކޮންމެ ދުވަހަކު އެތައް ބަޔަކު ޑރ. ކޯ ކައިރިއަށް ފަރުވާ ހޯދަން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފުންނާބު މާބޮޑަށް އުފުލިފައި ތިބޭ މީހުންނާއި ފައި ވަރަށް ބޮޑަށް ދުޅަވެފައި ތިބޭ މީހުންނަށް ކްރޮކްސް އަށް އެރުމުން ފަސޭހަ ވިޔަސް އާދަކޮށް ކްރޮކްސްއަށް އެރުމަކީ ރަނގަޅުކަމެއް ނޫން ކަމަށް ޑރ. ކޯ ވިދާޅުވި އެވެ.

އެހެންކަމުން މިހާރު ކްރޮކްސްގެ ބޭނުންކުރެވެން އޮތީ އެންމެ ގޮތަކަށެވެ. ޗަކަގަނޑުގައި ހިނގަން އެކަންޏެވެ. އެވެސް ކުޑަ ވަގުތުކޮޅަކަށެވެ.