ޑޯޖާ ކެޓް، ޕެރިސްގައި އޮތް ރަންވޭ ޝޯއެއްގައި
25 ޖެނުއަރީ 2023 - 06:57
އިޓަލީގެ ޑިޒައިން ކުންފުނި، މެއިސަން ސްކެޕެރެލީގެ އެންމެ ފަހު ރަންވޭ ޝޯގައި، މަޝްހޫރު ލަވަކިޔުންތެރިޔާ ޑޯޖާ ކެޓް ލައިގެން ހުރި އައުޓްފިޓުން ގިނަބައެއްގެ ސަމާލުކަން ހޯދައިފި އެވެ.
އަހަރަކު ދެ ފަހަރު ފްރާންސްގެ ޕެރިސްގައި ބާއްވާ "އޯޓް ކުޓުއާ ވީކް" ފަށަން މިދިޔަ ހޯމަ ދުވަހު ބޭއްވި ރަންވޭ ޝޯއަށް ޑޯޖާ ދިޔައީ ރަތް ކުލައިގެ ބޮޑީ ޕެއިންޓާއި، 30،000 ސްވަރޮވްސްކީ ކްރިސްޓަލުން މުޅި ހަށިގަނޑު ފުރާލައިގެންނެވެ.
އެ ވައްތަރުގެ ކްރިސްޓަލަކީ އަގު ބޮޑު ނޫނަސް، ބަލައިލަން ރީތި އެއްޗެކެވެ.
ޑޯޖާ ކެޓް: 30،000 ކްރިސްޓަލުން މުޅި ހަށިގަނޑު ފުރާލައިފާ
މީހުންގެ ތައުރީފާއި ފާޑުކިޔުން ވެސް އަމާޒުވި އައުޓްފިޓަކީ ސްކެޕެރެލީ ފެޝަން ހައުސްގެ ކްރިއޭޓިވް ޑިރެކްޓަރު ޑެނިއެލް ރޯސްބެރީގެ ކަސްޓަމް ޑިޒައިނެކެވެ. އެ ޑިޒައިނަށް ޑޯޖާގެ މޭކަޕް ތައްޔާރުކޮށްދީފައި ވަނީ މޭކަޕް އާޓިސްޓް ޕެޓް މެކްގްރަތެވެ.
ޑޯޖާގެ އައުޓްފިޓް ތައްޔާރުކޮށް މޭކަޕް ކުރަން ފަސް ގަޑިއިރު ހޭދަވި ކަމަށް ސީއެންއެންގައި ބުނެފައިވެ އެވެ.
ޑޯޖާ ސްކެޕެރެލީ ރަންވޭ ޝޯގައި
އޭނާގެ މޭކަޕާ އެކު "ޑެވިލިޝް" އައުޓްފިޓްގައި ރަތްކުލައިގެ ބުސްޓިއޭ ޓޮޕަކާއި ލަކުޑި ބީޑުތަކެއް ލީ ސްކާޓެއް ހިމެނޭއިރު އަރައިގެން ހުރީ ވެސް ރަތް ކުލައިގެ ބޫޓަކަށެވެ.
ޑޯޖާގެ މޭކަޕް އާޓިސްޓު އެ އައުޓްފިޓް ސިފަކޮށްދެނީ "ޑޯޖާސް އިންފާނޯ" ގެ ގޮތުގަ އެވެ.
ސްކެޕެރެލީގެ ރަންވޭ ޝޯގައި ދައްކާލި ކަލެކްޝަނަށް ނަންދީފައި ވަނީ ވެސް އެފަދަގޮތަކަށް، "އިންފާނޯ ކޫޓުއާ" ގެ ނަމުންނެވެ.
Copyright © 2023 Mihaaru · Terms and Conditions · Privacy Policy