އަޅިއަށް ވެގެން ދިޔަ އަވަށަކުން ސަލާމަތްވި ހަމައެކަނި މީހާ

ލުޖާ ސިލްބަރިސް އަކީ އާދަޔާ ހިލާފު މީހެއް ނޫނެވެ. އެކަމަކު ބޮޑު ސިޓީއެއް އަޅިއަށްވެ ފަނާވެގެން ދިޔައިރު އޭނާ ސަލާމަތްވި ގޮތަކީ އާދައިގެ ކަމެއް ހާދިސާއެއް ނޫނެވެ.


ލުޖާ އަކީ ކެރީބިއަންގެ ރަށެއް ކަމަށްވާ މާޓިނީކްގެ ރަށްވެއްސެކެވެ. އޭނާ އުފަންވީ 1875 ވަނަ އަހަރު އެވެ. އޭނާ ކޮންމެ ދުވަހަކު ވެސް މަސައްކަތްކުރަން ދަނީ ކައިރީގައި އޮންނަ ސެން-ޕިއޭރީ ކިޔާ ރަށަށެވެ. ވިޔާނުދާކޮށް އުޅޭތީ އަބަދުވެސް އޮންނަނީ ހައްޔަރުކުރަން ޖެހިފަ އެވެ.

މޭ 7، 1902 ވަނަ ދުވަހުގެ ރޭ ސިލްބަރިސް އެތަނަށް ގޮސް އުޅުމުގެ ތެރޭގައި އުފެދުނު ހަމަނުޖެހުމެއްގައި މީހަކަށް އަނިޔާކުރި މައްސަލައެއްގައި ހައްޔަރުކޮށް ކުޑަ ގޮޅިއަށްލި އެވެ.

އާންމުކޮށް ކުށްކުރާ މީހަކަށް ވާތީ އޭނާ އެފަހަރު ހައްޔަރުކުރީ ބިންގަރާހެއް ގޮތަށް އެއްބައި ހުރި ކުޑަކުޑަ ގޮޅިއެއްގަ އެވެ. އެ ގޮޅީގައި އޭނާ އިނީ އެކަނިމާއެކަންޏެވެ. އެތަނަށް ވަންނަން ހުންނަ ކުޑަކުޑަ ދޮރެއް ފިޔަވައި އެ ގޮޅީގައި ކުޑަދޮރެއްހާ ހިސާބު ވެސް ނުހުރެ އެވެ. ވަންނަން ހުންނަ ދޮރުގެ ތެރެއިން ފުރޭނިގެން އަންނަ ވަރަށް ކުޑަކުޑަ އަލިކަމެއް ފިޔަވައި އަލިކަމެއް ވެސް ނުލިބެ އެވެ.

މިހާ ކުޑަކުޑަ ގޮޅިއެއްގައި ހައްޔަރުވެފައި އިނުން ވެގެން ދިޔައީ ސިލްބަރިސް އަށް ލެއްވި ނަސީބަކަށެވެ.

ސިލްބަރިސް ލާފައި އިން ކުޑަ ގޮޅި

ސިލްބަރިސް ޖަލުގައި ހައްޔަރުކުރިތާ އެއް ދުވަސް ފަހުން އެހިސާބުގަނޑުގައި ހުންނަ މައުންޓް ޕެލީ އަލިފާން ފަރުބަދަ ގޮވަން ފެށި އެވެ. މި އަލިފާން ފަރުބަދަ ހުރީ ސެން ޕިއަރީއާ މާ ދުރުނޫން ހިސާބެއްގަ އެވެ. މި އަލިފާން ފަރުބަދަ ގޮވަން ފަށަން އުޅޭކަމުގެ ނިޝާންތައް ފެންނަން ފެށިތާ އޭރު ހަފުތާއެއް ވެއްޖެ އެވެ. އެހެންވެ ރަށްފުށުގައި އުޅުނު ހުރިހާ އެންމެން ވެސް އަަވަށް ދޫކޮށް ވަގުތީ ހިޔާތަކަކަށް ބަދަލުވި އެވެ. ނަމަވެސް މިގޮތަށް ބަދަލުވެވުނީ މި މީހުންނަށް މޮޔަކޮށް ކުރެވުނު ކަމެކެވެ.

މައުންޓް ޕެލީ ގޮވައި މުޅި އެހިސާބުގަނޑު އަޅިއަށްވި އެވެ. އެ ސަރަހައްދުން 40،000 މީހުން މަރުވި އެވެ. މި ފަރުބަދައިން އައި ހޫނު ވައިގައި 1000 ޑިގްރީ ސެލްސިއަސް ހުއްޓެވެ. އެހިސާބުގައި ހުރި ނަމަ ހުރި ތަނެއް ފަނާވެގެން ދިޔަ އެވެ. އިމާރާތްތަކުގެ ދަށު ނުވެ ސަލާމަތްވި މީހުން ހޫނުގެ ސަބަބުން މަރުވީ އެވެ. އަވަށް އެއްކޮށް އަޅިން ފޮރުވުނެވެ.

އެކަމަކު ސިލްބަރިސް ސަލާމަތްވި އެވެ. ހިމާޔަތަކަށްވީ އޭނާ އޮތް ކުޑަ ގޮޅި އެވެ. ސިލްބަރިސްގެ އިތުރުން އެހެން މީހަކާއި ކުޑަ އަންހެން ކުއްޖަކު ސަލާމަތްވި ނަމަވެސް ސިލްބަރިސްގެ ވާހަކަ ހާއްސައީ އޭނާ ސަލާމަތްވޮ ގޮތުގެ ސަބަބުންނެވެ.

އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން ރަށް މުޅިން އަނދައި އަޅިއަށް ވެފައި

މި ހާދިސާއަށްފަހު މީހުން ސަލާމަތްކުރުމުގެ މަސައްކަތްކުރަން އެކި ހިސާބުތަކުން ދިޔަ މީހުންނަށް ސިލްބަރިސް ފެނުނީ ހާދިސާ ހިނގިތާ ހަތަރު ދުވަސް ފަހުންނެވެ.

ސިލްބަރިސްގެ ހަށިގަނޑު ކޮންމެވެސް ވަރަކަށް ފިހިފައި ހުއްޓަސް އޭނާ އިން ގޮޅިއަކީ މުޅި އެ ރަށުގައި ވެސް ހުރި އެންމެ ރައްކާތެރި ތަނަށް އެވަގުތު ވަނީ ވެފަ އެވެ. އޭނާގެ ފުރާނަ ސަލާމަތްވީ އެތަނުގައި އިނުމުން ކަމަށް ވެފައި އެ ރަށުގައި ތިބި އެހެން އެއްވެސް މީހަކު ސަލާމަތް ނުވީމަ އެވެ.

އޭގެ ފަހުން ވެސް ވަރަށް ގިނަ ދުވަހު ސިލްބަރިސް ދުނިޔޭގައި ހުއްޓެވެ. އޭނާ ބުނި ގޮތުގައި އޭނާގެ ގޮޅިއަށް ވަންނަން ހުރި ދޮރުން ފޭވެފައިވާ ކުޑަކުޑަ ތަންކޮޅަކުން ވެސް ހޫނުވައި އެ ގޮޅިއަށް ވެސް ވަންނަމުން ދިޔަ އެވެ.

ސިލްބަރިސް ފަހުން މަޝްހޫރުވީ ރަށެއް ފަނާވެގެން ދިޔައިރު ސަލާމަތްވި ހަމައެކަނި މީހާގެ ގޮތުގަ އެވެ.

ސިލްބަރިސް ކޮށްފައިވާ ކުށްތަކަށް އޭނާއަށް މައާފު ލިބުނެވެ. އަދި ފަހުން އޭނާ މަސައްކަތްކުރީ ޗަރުކޭސް ގްރޫޕަކާ އެކުގަ އެވެ. ޗަރުކޭސް އޮންނަ ކޮންމެ ރެއަކު އޭނާގެ ޚާއްސަ އައިޓަމެއް ވެސް އޮވެ އެވެ. މި އައިޓަމްގައި އޭނާއަށް ދިމާވި ހާދިސާ އެއްވެފައި ތިބޭ މީހުންނަށް ކިޔައިދީ އޭނާގެ ގައިގައި ފިހިގެން ލާފައި ހުރި ލަކުނުތައް ދައްކަ އެވެ. އެންމެން ހައިރާންވެ ބަސް ހުއްޓިފައި އޭނާއާ ދިމާލަށް ބަލަން ތިބެ އެވެ.