ތަފާތު ކުލައެއްގެ ހެދުމެއް ލުމުގެ މާނައަކީ ކޮބާ؟

އަނދިރި، މާބޮޑަށް ފާޅުނުވާ ކުލަތަކުގެ ހެދުން އާންމުކޮށް ލައި އުޅޭ މީހަކު "ދިއްލިފައި" ހުންނަ ކުލައެއްގެ ހެދުމެއް ލައިގެން އުޅޭތަން ފެނިއްޖެ ނަމަ އޭނާ އެ އުޅެނީ ދެއްކުންތެރިކަމެއްގެ ތެރޭގައި ކަމަށް ވުމުގެ ފުރުސަތު ބޮޑު ކަމަށާއި އޭނާ އުޅެނީ ކޮންމެވެސް މީހަކާ ހަސަދަވެރިވެގެން ކަމަށް ވެދާނެ ކަމަށް ދިރާސާއަކުން ހާމަވެއްޖެ އެވެ.


ރިސާޗަރެއް ކަމަށްވާ ޝުން ހުއަންގްގެ ހޯދުންތަކުން ދެއްކި ގޮތުގައި ބައިވެރިޔާގެ ސަމާލުކަން ހޯދަން ނުވަތަ އެހެން މީހަކަށް ކަން ދައްކަން އުޅޭ މީހުން ބާޒާރުކުރާއިރު، މީހުންގެ ލޮލުގައި ފަސޭހައިން އަޅައިގަންނާނެ ކަހަލަ ހެދުން ގަނެ އެވެ. ޖާނަލް އޮފް ކަންސިއުމާ ސައިކޮލޮޖީގައި ޝާއިއުކޮށްފައިވާ ދިރާސާ ރިޕޯޓްގައި ބުނެފައި ވަނީ ގަދަ ކުލަތަކުގެ، އެހެން މީހުންގެ ސަމާލުކަން ފަސޭހައިން ލިބޭ ކަހަލަ ހެދުން ގަންނަ މިންވަރު އިތުރު ކަމަށް ފަސް ދިރާސާއަކުން ދައްކާފައިވާ ކަމަށެވެ.

އެއް ދިރާސާގައި، ހުއަންގުގެ ޓީމުން ވަނީ އެއްބަޔަކު ކޮސްޓިއުމް ޕާޓީއަކަށް އަނެއް ބަޔަކު އާދައިގެ ޕާޓީއަކަށް ދާން ތައްޔާރުވާ ކަމަށް ބެލުމަށް ބުނުމަށް ފަހު، ޕާޓީއަށް ދިއުމަށް އަޅާނެ އައިނެއް ގަތުމަށް ބުނެފަ އެވެ. މި ދެ ގްރޫޕްގެ މީހުންގެ ތެރެއިން ވެސް، ފަސޭހައިން ސަމާލުކަން ލިބޭ ކުލަތަކާއި ޑިޒައިންތަކުގެ އައިނު ގިނައިން ގަނެފައި ވަނީ އެހެން މީހަކާ މެދު ހަސަދަވެރިކަމުގެ އިހްސާސް ކުރެވޭ ކަމަށް ބުނެފައިވާ މީހުންނެވެ. އެކަމަކު ކަންކަމާ މެދު ނެގެޓިވްކޮށް ދެކޭ މީހުންނާއި ބާރުވެރިކަން ނެތް ކަމަށް ދެކޭ މީހުން މިފަދަ ތަކެތި ގަންނަ ކަމަށް ފާހަގަނުވި ކަމަށް ދިރާސާގައި ބުނެފައިވެ އެވެ.

ހުއަންގް ވިދާޅުވެފައި ވަނީ މިއީ ހަމައެކަނި ލޯބީގެ ގުޅުންތަކަށް ހާއްސަވާ ކަމެއް ނޫން ކަމަށެވެ. ކުޑަކުދިންނާއި އާއިލާގެ މެންބަރުންނާއި އެކުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން އެހެން މީހުންގެ ސަމާލުކަން ބޮޑަށް ލިބި ތިމާއަށް ވުރެ ރަނގަޅު ގޮތް އެހެން މީހަކަށް މެދުވެރިވާ ކަމަށް ދެކެގެން އުޅޭ މީހުންގެ ކިބައިން މިކަން ފެންނަ ކަމަށް ހުއަންގް ވިދާޅުވި އެވެ.