ގިނައިން ފެންވަރައިގެން ގެއްލުން ވާނެތަ؟

ކޮންމެ ކަމެއްގައި ވެސް ހައްދެއް އޮންނަންވާނެ ކަމަށް އަހަރެމެން ގަބޫލުކުރަމެވެ. ސާފުތާހިރުކަމުގައި ވެސް ވާނީ މިހެންނެވެ. ޔުނިވަސިޓީ އޮފް ޔޫޓާގެ ޖެނެޓިކް ސައިންސް ސެންޓަރުގެ ދިރާސާއަކުން ވަނީ މިކަން ކަށަވަރު ވެފަ އެވެ.


ދިރާސާއިން އެނގުނު ގޮތުގައި މާބޮޑަށް ހަށިގަނޑު ދޮވެ ސާފުކުރުމުން އިންސާނުންގެ މައިކްރޮބަޔޯމް އަށް ގެއްލުންވެ އެވެ. މައިކްރޮބަޔޯމް އަކީ ހަށިގަނޑުގައި ދިރިއުޅޭ ބެކްޓީރިއާ އާއި ވައިރަސްގެ ވައްތަރުތަކެކެވެ. މިއީ ހަށިގަނޑުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ބޭނުންތެރި ބެކްޓީރިއާ އާއި ވައިރަސް އެވެ.

މާގިނައިން ފެންވެރުމުން ވަނީ ކިހިނެއްތޯ ބެލުމަށް ކުރި ދިރާސާއިން ބެލެވެނީ މައިކްރޮބަޔޯމްގެ އާބާދީ "ވިއްސިވިހާލި"ވެއްޖެ ނަމަ އިންސާނާ އަށް ފަސޭހައިން ބަލިވާނެ ކަމަށެވެ. އިންސާނާގެ ދިފާއީ ނިޒާމާއި ހަޖަމުގެ ނިޒާމާއި ހިތަށް ވެސް މިކަމުން ގެއްލުންތައް ކުރިމަތިވެދާނެ ކަމަށް ދިރާސާއިން ހާމަވި އެވެ.

އެމެޒޯންގެ އަވަށެއް ކަމަށްވާ ޔަނޯމާމީގައި އުޅޭ މީހުންނާ ބެހޭ ގޮތުން ހޯދި ހޯދުންތަކުން އެނގުނު ގޮތުގައި އެ މީހުންގެ ހަށިގަނޑުގައި ގިނަ އަދަދަކަށް މައިކްރޯބްސް އުޅެ އެވެ. އިންސާނުންގެ ތެރެއިން އެންމެ ގިނަ ބެކްޓީރިއާ އަދި އޭގެ ޖެނެޓިކް މަސައްކަތްތައް ހުރިކަން ފާހަގަވެފައި ވަނީ މި މީހުންގެ ހަށިގަނޑުންނެވެ. މި މީހުންނަކީ ދުވަހަކު އެންޓިބަޔޮޓިކެއް ބޭނުންކުރި މީހުންނެއް ނޫނެވެ. އެކަމަކު އެންޓިބަޔޮޓިކަށް ނުގުޑާ ބެކްޓީރިއާ ވެސް މި މީހުންގެ ހަށިގަނޑުގައި އުޅެ އެވެ.

މިހާރު އާންމުކޮށް ބޭނުންކުރާ ސައިބޯންޏާއި ޝޭމްޕޫ ފަދަ ތަކެތި މާގިނައިން ބޭނުންކުރުމުން ހަށިގަނޑުގެ މައިކްރޮބަޔޯމް އަށް ވަރަށް ބޮޑަށް ގެއްލުން ލިބޭކަން މި ހޯދުމުން ހާމަވި އެވެ. ނަމަވެސް ފެންވަރަންވީ މިންވަރަކީ ނުވަތަ ފެންވަރަންވީ ކޮން ކަންކަމަކަށް ވިސްނައިގެން ކަމެއް މި ދިރާސާއަކު ބުނެފައެއް ނުވެ އެވެ.

އެކަމަކު ފެންވަރާ ސާފުތާހިރުވުން ހުއްޓާލުމަކީ މަދު މީހަކަށް ނޫނީ އަޖުމަ ވެސް ބެލިފައި އޮތް ކަމެއް ނޫނެވެ. ފެންވެރުން ވަކި މުއްދަތަކަށް ހުއްޓާލައިގެން، އެކަމުގެ ނަތީޖާ ބެލި ބައެއް މީހުން ބުނަނީ ދުވަކޮޅަކު މުޅި ގައިން ވަރަށް ނުބައި ވަސް ދުވުމަށް ފަހު ހަށިގަނޑު އެކަމަށް ހޭނި ވަސް ކެނޑޭ ކަމަށެވެ. އެކަމަކު މި ބުނީ މިހެން ކަންތައް ކުރާށެކޭ ނޫނެވެ.