މޮރިޝަސްގެ އަޑީގައި އެހެން ބައްރެއް

އިންޑިއާ ކަނޑުގެ ގައުމެއް ކަމަށްވާ މޮރިޝަސް އުފެދިފައި ވަނީ ދުނިޔޭގެ ބައްރުތައް ވަކިވެގެން ދިޔައިރު، އެއިން ބައެއްގެ މަތީގައި ކަމަށް ސައިންސްވެރިން ބުނެފި އެވެ.


މިއީ 200 މިލިއަން އަހަރު ކުރިން ސުޕަ ކޮންޓިނެންޓް "ގޮންޑްވާނާ" ހަލާކުވެ ބައިބައިވަމުން ދިޔައިރު ކަނޑު އަޑިއަށް ޣަރަގުވެގެން ގޮސްފައިވާ ބައެއް ކަމަށް ސައުތު އެފްރިކާގެ ޔުނިވަސިޓީ ވިޓްވޯޓަސްޓޭންޑްގެ ސައިންސްވެރިން ގަބޫލުކުރެ އެވެ. މޮރިޝަސް އުފެދިފައި ވަނީ ބައްރުތަކުން ވަކިވި ބައެއްގެ މައްޗަށް މީގެ ނުވަ މިލިއަން އަހަރު ކުރިން އެޅިފައިވާ ދިޔާ އަލިފާން ނުވަތަ ލާވާގެ ސަބަބުން ކަމަށް ސައިންސްވެރިން ބުންޏެވެ.

އަލިފާން ފަރުބަދައެއް ގޮވައިގެން މައްޗަށް އެރި ބައެއް ޓެސްޓްކުރުމަށްފަހު ސައިންސްވެރިން ބުނީ މޮރިޝަސް އޮތީ އެފްރިކާ، އިންޑިއާ، އޮސްޓްރޭލިޔާ އަދި އެންޓާޓިކާ ބައިބައިވެގެން ފެޔަށް ޖެހި އިންޑިއާ ކަނޑު އުފެދުނުއިރު މަޑަގަސްކަރަ އިން ނެއްޓުނު ބައެއްގެ މަތީގައި ކަމަށް ބެލެވޭ ކަމަށެވެ.

"ދުނިޔޭގެ ޖިއޮލޮޖިކަލް ތާރީޚު ހޯދުމަށްޓަކައި އަހަރެމެން މި ހޯދަމުންދަނީ ބައިބައިވަމުންދިޔަ މަރުހަލާގައި ކަންތައްތައް ވީ ގޮތް،" ޔުނިވަސިޓީގެ ޕްރޮފެސާ ލުއިސް އަޝްވަލް ވިދާޅުވި އެވެ.

އަޝްވަލް އާއި އޭނާގެ ޓީމުން ވަނީ، އަލިފާން ފަރުބަދަ ގޮވުމުގެ ތެރޭގައި ބުރައިގެން ގޮސްފައި ހުރި މިނެރަލް އާއި ޒާކޮން ފަދަ ތަކެތި ދިރާސާ ކޮށްފަ އެވެ. އެ ޓީމަށް ފާހަގަކުރެވުނު ގޮތުގައި މޮރިޝަސްގެ ރަށަކުން ފެނިފައިވާ މި އެއްޗިއްސަކީ އެ ރަށުގެ އެއްޗަކަށް ވުރެ މާ ދުވަސްވީ އެއްޗިއްސެވެ.

"ދުނިޔެ އުފެދިފައި ވަނީ ދެ ބަޔަކަށް. ކޮންޓިނެންޓްސް ނުވަތަ ބައްރުތައް އެއީ އެންމެ ދުވަސްވީ އެއްޗަކީ. ބައްރުތައް ކަނޑުތަކަށް ވުރެ ޒުވާން. ބައްރުން ފެންނާނެ ހަތަރު ބިލިއަން އަހަރު ވެފައިވާ ގާ ވެސް. ނަމަވެސް ކަނޑަކުން އެހާ ދުވަސްވީ އެއްޗިއްސެއް ނުފެންނާނެ. ސަބަބަކީ އާ ގާތަކަކީ ކަނޑުގައި އުފެދުނު ތަކެއްޗަށް ވާތީ،" އަޝްވަލް ވިދާޅުވެފައިވެ އެވެ.

"މޮރިޝަސް އަކީ ޖަޒީރާއެއް. އެ ރަށުގައި ނުވަ މިލިއަން އަހަރަށް ވުރެ ގިނަ ދުވަސްވީ ގަލެއް ނެތް. ނަމަވެސް އެ ރަށުން ފެނުނު ބައެއް ޒާކޮން އަށް ތިން ބިލިއަން އަހަރަށް ވުރެ ވެސް ގިނަ ދުވަސް ވެއްޖެ،" އޭނާ ވިދާޅުވި އެވެ.

ޒާކޮން އަކީ ބައްރުގެ އެންމެ އަޑީ ހަމައެކަނި އާނުގަނޑުގައި އުފެދޭ މިނަރަލް އެކެވެ. އޭގައި ޔުރޭނިއަމް އާއި ތޯރިއަމް އަދި ލެޑްގެ އަސަރު ވެސް ކޮންމެވެސް ވަރަކަށް ހުރެ އެވެ. ޖިއޮޖިކަލް މަރުހަލާތަކުގައި މިއަށް ސަލާމަތް ވެވެނީ މި ބާވަތްތައް ހުންނާތީ އެވެ. އެހެންވެ މި އެއްޗެހި ޓެސްޓްކުރުމުން، އެއަށްވެފައިވާ ދުވަސް ސީދާ ހޯދެ އެވެ.

އެހާ ދުވަސްވީ ޒާކޮން ފެނުމުން އެނގެނީ މޮރިޝަސްގެ އަޑީގައި އަދި އެއަށް ވުރެ ވެސް މާ ގިނަ ދުވަސްވީ ބައިތަކެއް ވެއްޖެ ކަން. އެއީ ބައްރު އުފެދިގެން އައިއިރުގެ ބައިތަކެއްކަން،" އަޝްވަލް ވިދާޅުވި އެވެ.

މިއީ މިރަށުން އެތައް ބިލިއަން އަހަރު ވެފައިވާ ޒާކޮން ފެނުނު ފުރަތަމަ ފަހަރެއް ނޫނެވެ. އެ ރަށުގެ ގޮނޑުދޮށުން ވެލި ނަގައިގެން 2013 ގައި ކޮށްފައިވާ ދިރާސާއަކުން ވެސް މީގެ މިނަރަލް ފެނިފައިވެ އެވެ. ނަމަވެސް މި ދިރާސާއަށް ބައެއް ފަރާތްތަކުގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ. ފާޑުކިޔާ މީހުން ބުނަނީ އެފެނުނު މިނަރަލް އަކީ ވަޔާ ބުރައިގެން އައިސްފައިވާ އެއްޗަކަށް ވެދާނެ ކަމަށާއި ނުވަތަ އެއްގަމު އުޅަނދެއްގެ ފުރޮޅުން އައި އެއްޗަކަށް ވެދާނެކަމަށެވެ.

ޖާނަލް ނޭޗާ ކޮމިއުނިކޭޝަންސްގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި ސައިންސްވެރިން ބުނެފައި ވަނީ މޮރިޝަސްގެ އަޑީގައި އެހެން ބައްރެއްގެ ބައިތައް ހުންނާނެކަމަށް ބެލެވޭ ކަމަށެވެ.