އޫރުގެ ހަށިގަނޑުގައި އިންސާނުންގެ ގުނަވަންތައް އުފައްދަނީ

އޫރުގެ ދަރިފަނީގެ ތެރޭގައި އިންސާނުންގެ ސެލް އުފެއްދުމުގެ މަސައްކަތް ކާމިޔާބުވެފައިވާ ކަމަށް ސައިންސްވެރިން ބުނެފި އެވެ.


މިއީ ޖަނަވާރުންގެ ހަށިގަނޑުގެ ތެރޭގައި އިންސާނުންގެ ލިވަ އާއި އެނޫންވެސް ގުނަވަންތައް އުފައްދަން ފެށުމުގެ އެންމެ ފުރަތަމަ މަރުހަލާ ކަމަށް ސައިންސްވެރިން ބުންޏެވެ.

ސެލްތަކަކީ ދަރިފަނީގެ ވަރަށް ކުޑަކުޑަ ބައެކެވެ. އަދި އެމްބްރިޔޯތަކަކީ ކުޑަ ދުވަސްކޮޅަކަށް ބޮޑުކޮށްފައިވާ އެއްޗިއްސެވެ. ނަމަވެސް އިންސާނުންނާއި ޖަނަވާރުން މަސްހުނިކޮށްގެން ހަދާ ދިރާސާތައް މިއީ އެތިކަލް މައްސަލައެއް ކަމަށް ބުނެ ވަރަށް ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އެހެންވެ 2015 ވަނަ އަހަރު މި ރިސާޗަށް ފަންޑުކުރުން އެމެރިކާ ސަރުކާރުން ވަނީ ހުއްޓާލައިފަ އެވެ. ނަމަވެސް އަނެއްކާ އަލުން ސްޕެއިން އާއި ކެލިފޯނިއާގައި މި މަސައްކަތް ފެށީ އަމިއްލަ ބައެއް ޖަމާއަތްތަކުން ފަންޑުކޮށްގެންނެވެ.

ޖާނަލް ސެލްގައި މިކަމާ ބެހޭ ގޮތުން ލިޔުމެއް ލިޔުއްވި ސައިންސްވެރިޔާ ޖުއާން ކާލޯސް އިސްޕިސުއާ ބެލްމޮންޓޭ ވިދާޅުވީ އޫރުގައި އިންސާނުންގެ ގުނަވަންތައް އުފެއްދޭނެ ދުވަސް އަދި އޮތީ ވަރަށް ދުރުގައި ކަމަށެވެ. އޭނާ ބުނި ގޮތުގައި މި އާ ދިރާސާއަކީ މި މަންޒިލަށް ވާސިލުވުމަށް އެޅި ފުރަތަމަ ފިޔަވަޅެވެ.

އެހެންވެ އަމާޒާ ހަމައަށް ދެވުމުގެ ކުރިން، ޖަނަވާރުންގެ ގަޔަށް އިންސާނުންގެ ސެލް ލައިގެން، ޖެނެޓިކް ބަލިތައް އުފެދޭ ގޮތާއި މިފަދަ ބަލިތަކަށް އެކަށީގެންވާ ބޭސްތައް ޓެސްޓް ކުރެވިދާނެ ކަމަށެވެ.

އެހެނިހެން ދިރޭ ތަކެތީގެ ސެލްތައް ޖަނަވާރުންގެ ގަޔަށް ލައިގެން އުފެދޭ އެއްޗިއްސަށް ކިޔަނީ ކީމާރެޒް އެވެ. މިގޮތަށް މީގެ ކުރިން މީދަލާއި ހިކަނދީގެ ސެލް އެއްކޮށްގެން ޓެސްޓްކޮށްފައިވެ އެވެ. ނަމަވެސް އިންސާނުންގެ ހުންނަ ސައިޒުގެ ގުނަވަންތައް އުފެއްދުމަށް އޫރު ކަހަލަ ބޮޑެތި ޖަނަވާރުތައް ބޭނުންވެ އެވެ. ޓްރާންސްޕްލާންޓް ކުރާނެ ގުނަވަން ލިބުން މަދުވުމަށް މިކަމުން ހައްލެއް ގެނެވިދާނެކަމަށް ސައިންސްވެރިން ދެކެ އެވެ.

ސައިންސްވެރިންގެ މި ޓީމުން މަސައްކަތް ކުރަމުންދަނީ އިންސާނުންނަށް ކަމުދާ ޕެންކްރިއަސް އާއި ހިތް އަދި ލިވާ ފަދަ ގުނަވަންތައް އޫރުގެ ހަށިގަނޑުގައި އުފެއްދުމަށެވެ.

އޫރު އުފެދެން ފަށާ މަރުހަލާގައި އިންސާނުންގެ ސެލްއަށް އިންޖެކްޓްކުރުމުން އޭތި ބޮޑުވާއިރު އޭގެ ހަށިގަނޑުގައި އުފެދޭނީ އޭގެ އަމިއްލަ ހިތާއި އެނޫން ވެސް ގުނަވަންތަކުގެ ބަދަލުގައި އިންސާނުންގެ ގުނަވަން ކަމަށް ސައިންސްވެރިން ބުނެ އެވެ. މިހެން ހެދުމުން އެ ގުނަވަނެއްގައި ހުންނަ ގާތްގަނޑަކަށް ހުރިހާ ސެލްއެއް ވެސް ވާނީ އިންސާނުންގެ ސެލް އަށެވެ.

ސައިންސްވެރިންގެ ޓީމުގެ އެހެން މެމްބަރެއް ކަމަށްވާ ޖުން ވޫ ވިދާޅުވީ މިގޮތަށް ހެދިއްޖެ ނަމަ ޓްރާންސްޕްލާންޓްކުރާ ގުނަވަނުން އެ ހަށިގަނޑު ގަބޫލުނުކުރުމުގެ ފުރުސަތު ވަރަށް ހަނި ކުރެވޭނެ ކަމަށެވެ.