ބަނޑުގެ އެތެރެފުށް ބޭރަށް އޮތް ކުއްޖާ އޮޕަރޭޝަންކޮށް އާދައިގެ ހާލަތަކަށް

ތުއްތު އެލިއޮޓް ސާޖަންޓް އުފަންވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. އުފަންވި އިރު ވެސް އޭނާގެ ބަނޑުގެ އެތެރޭގައި ހުންނަން ޖެހޭ ހުރިހާ ގުނަވަނެއް ހުރީ ބޭރުގަ އެވެ. އެހެންވެ، އުފަންވިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހުނެވެ. އޮޕަރޭޝަނަށް ފަހު 63 ދުވަސް ވަންދެން ހޮސްޕިޓަލުގައި އޮންނަން ޖެހުނެވެ.


އޭނާ އުފަންވީއިރު ބަނޑާއި ބޮޑުކަމުދާ ނިޒާމު، ފެލޯޕިއަން ޓިއުބްސް އަދި އޯވަރީޒް ފަދަ ގުނަވަންތައް ހުރީ ހަށިގަނޑުގެ ބޭރުގަ އެވެ. މިއީ ވަރަށް މަދުން ނޫނީ ދިމާ ނުވާ ކަމެކެވެ. ނަމަވެސް ދެ ގަޑިއިރުގެ ދިގު އޮޕަރޭޝަނަކަށްފަހު އެލިއޮޓްގެ ހާލު މިހާރު ރަނގަޅެވެ. މިހާރު އޭނާ އަކީ ސިއްހަތު ރަނގަޅު ކުއްޖެކެވެ. އުމުރުން ހަތަރު މަސް ވެއްޖެ އެވެ.

އެމެރިކާގެ ނޯތު ކެރޮލައިނާގެ ނިއު ހެނޮވާ ރީޖަނަލް މެޑިކަލް ސެންޓަރުގައި އެލިއޮޓް އުފަންވީ މިދިޔަ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު އެވެ. އޭރު އޭނާގެ މަންމަ ބަނޑުގައި ރިހޭތީ އުޅޭތާ 42 ގަޑިއިރު ވެއްޖެ އެވެ.

އިލިއޮޓް ވިހޭއިރު، ބަނޑުގެ އެތެރޭގައި ހުންނަންޖެހޭ ހުރިހާ ބައިތަކެއް ހުރީ ބޭރުގައި

މިއީ ގެސްޓްރޯސްކިސިސް ކިޔާ ބައްޔެއްގެ ސަބަބުން ދިމާވި ކަމެކެވެ. ހަށިގަނޑުގެ ތެރޭގައި ހުންނަން ޖެހޭ ގުނަވަންތަކަށް އެތެރޭގައި ބޮޑު ނުވެވިގެން ގުނަވަންތައް ހަށިގަނޑުގެ ބޭރުގައި އުފެދެނީ އެވެ.

އިލިއޮޓްގެ މަންމަ މޭރީ ބުނީ ބަނޑަށް 19 ހަފުތާގައި ހެދި ސްކޭނުން ދަރިފުޅަށް އެ މައްސަލަތައް ދިމާވެފައިވާކަން އެނގުނު ކަމަށެވެ.

ކުއްޖާ އުފަންވުމާ އެކު ވަގުތުން ޕްލާސްޓިކް ކޮތަޅަކަށް ކުއްޖާ ލި އެވެ. އެއީ ހަށިގަނޑުގެ ބޭރުގައި ހުރި ގުނަވަންތަކަށް ވައިގެ އަސަރު ކުރިޔަށް ނުދިނުމަށެވެ. އަދި އުރާލަން ވެސް ނުލިބި ވަގުތުން އޮޕަރޭޝަން ކުރަން ގެންދިޔައީ ކަމަށް މޭރީ ބުންޏެވެ.

އޮޕަރޭޝަން ކުރިޔަސް އެންމެ ފުރަތަމަ އިލިއޮޓްގެ ހުރިހާ ގުނަވަނެއް ބަނޑަށް ފިޓް ކުރެވޭ ގޮތެއް ނުވި އެވެ. އެހެންވެ ކޮތަޅުން ނިވާ ނުވި ގުނަވަންތައް ބެހެއްޓީ ހަށިގަނޑުން ބޭރުގަ އެވެ. ނަމަވެސް 12 ވަރަކަށް ދުވަހުގެ ތެރޭގައި ހުރިހާ ގުނަވަންތަކެއް ބަނޑުގެ އެތެރެއަށް ލައި ހަމަޖެއްސި އެވެ.

ހޮސްޕިޓަލުގެ ތަރުޖަމާނު ބުނި ގޮތުގައި އިލިއޮޓަށް ދިމާވި ގެސްޓްރޯސްކީސިސް ފަދަ ބަލި ތަކަކީ އުފެދެމުންދާއިރު ބަނޑުގެ ބޭރު ފަށަލައަށް އަންނަ އައިބު ކަމަކުން ދިމާވާ ކަމެކެވެ. މައިމީހާގެ ބަނޑުތެރޭގައި އޮންނައިރު ކުއްޖާގެ ބަނޑު އުފެދެންވާ ގޮތަށް ނުއުފެދުމުގެ ސަބަބުން ބަނޑުގައި ހުންނަން ޖެހޭ ގުނަވަންތައް ހަށިގަނޑުން ބޭރުގައި އުފެދެން މެދުވެރިވަނީ އެވެ.