ރުޅިގަދަ ޑޮކްޓަރުން އޮޕަރޭޝަންތަކުގައި ގޯސް ހެދުން ގިނަ

ބަލި މީހުންގެ ފަރާތުން ބައެއް ޑޮކްޓަރުންނާ ގުޅޭ ގޮތުން ޝަކުވާތައް ގިނަ އެވެ. ދިރާސާއެއްގައި ބުނަނީ ރުޅިގަދަ، ރުންކުރު ގޮތް ހުންނަ ޑޮކްޓަރުންނަށް އޮޕަރޭޝަންތަކުގައި ގޯހެއް ހެދުމަށް އޮންނަ ފުރުސަތު، ހިތްހެޔޮ މިޒާޖުގެ ޑޮކްޓަރުންނާ އަޅާބަލާއިރު ބޮޑު ކަމަށެވެ.


މި ދިރާސާކޮށްފައި ވަނީ އެމެރިކާގައި ސިއްހީ ހިދުމަތް ދޭ އެކި ތަންތަނުގައި ކޮށްފައިވާ އޮޕަރޭޝަންތަކާއި އެ އޮޕަރޭޝަންތަކުގައި ބައިވެރިވެފައިވާ ޑޮކްޓަރުންނާ ބެހޭ ގޮތުން ބަލި މީހުން އުފުލާފައިވާ ޝަކުވާތައް ވަޒަންކޮށްގެންނެވެ.

މި ހޯދުންތަކުން އެނގުނު ގޮތުގައި ބަލި މީހުންގެ ޝަކުވާ އެންމެ ބޮޑަށް އައިސްފައިވާ ޑޮކްޓަރުން ކޮށްފައިވާ އޮޕަރޭޝަންތަކަށް ފަހު އެކި އުނދަގޫތައް ކުރިމަތިވުމުގެ ފުރުސަތު، ޝަކުވާ މަދު ޑޮކްޓަރުންނާ ކޮށްފައިވާ އޮޕަރޭޝަންތަކާ އަޅާބަލާއިރު 14 ޕަސެންޓް އިތުރެވެ.

ބަލި މީހުންނަށް އިހުތިރާމް ކުޑަކުރާ ރުންކުރު ޑޮކްޓަރުން ކުރާ އޮޕަރޭޝަންތަކުން އިތުރު އުނދަގޫތައް ކުރިމަތިވުމަށް އޮންނަ ފުރުސަތު ބޮޑު ކަމަށް ދިރާސާއިން ދެއްކި އިރު އެ އުނދަގޫތަކުގެ ތެރޭގައި، އޮޕަރޭޝަންކުރާ ތަނުގައި އިންފެކްޝަން އުފެދުން، ނިއުމޯނިއާ ޖެހުން، ކިޑްނީގެ މައްސަލަތައް ޖެހުން، ސްޓްރޯކް ޖެހުން، ހިތުގެ މައްސަލަތައް ކުރިމަތިވުން، ލޭ ގަނޑުވުން އަދި ކުޑަކަމުދާ ނިޒާމުގައި އިންފެކްޝަން އުފެދުން ހިމެނެ އެވެ.

ވެންޑަބިލްޓް ޔުނިވަސިޓީ މެޑިކަލް ސެންޓަރު (ވީޔޫއެމްސީ) އިން ކުރި މި ދިރާސާގައި ބުނީ ބަލި މީހުންނަށް އިހްތިރާމް ކުޑަކުރާ ޑޮކްޓަރުން އޮޕަރޭޝަންތައް ނޫނަސް، މެޑިކަލް އެހެން ބައެއް ކަންކަމުގައި ވެސް ފަރުވާ ކުޑަކުރުމަށް އޮންނަ ފުރުސަތު ބޮޑު ކަމަށާއި އެ މީހުން ކުރާ އޮޕަރޭޝަންތަކުން މައްސަލަތައް އުފެދެނީ އެ ސަބަބާ ހުރެ ކަމަށް ވެދާނެ ކަމަށެވެ.

"މިސާލަކަށް، އޮޕަރޭޝަނެއް ކުރަން އުޅޭއިރު ހޭނައްތާ ޑޮކްޓަރާ ރުޅިވެރިކަމާ އެކު މުއާމަލާތުކުރާ ޑޮކްޓަރަކާ ހުރިހާ ވާހަކަތަކެއް ހިއްސާކުރަން، ހޭނައްތާ ޑޮކްޓަރުން ދެން ފަހަރަކުން ޖެހިލުން ވާނެ. ހަމަ އެގޮތަށް، ސަލާމަތީ ގޮތުން ކުރަންޖެހޭ ކަންތައްތައް ނަރުހަކު ހަނދާންކޮށްދިނަސް ޑޮކްޓަރު އެކަމަށް އަޅާލުން ކުޑަ ނަމަ ދެން ފަހަރަކުން އެ ނަރުސް ވެސް ފަރުވާ ކުޑަކޮށްލާނެ،" ދިރާސާގައި އިސްކޮށް ހުންނެވި ޑރ. ވިލިއަމް ކޫޕާ ވިދާޅުވި އެވެ.

ދިރާސާ ޓީމުން ބުނީ މިއީ ބަލި މީހުންގެ ޝަކުވާ އެންމެ ބޮޑަށް އަމާޒުވާ ޑޮކްޓަރުންގެ މައްސަލަތައް ބަލައި، އިސްލާހުކުރަންޖެހޭ ކަމެއް ހުރި ނަމަ އެ ކަމެއް ކުރުމުުގެ މުހިންމުކަން ހާމަވާ ދިރާސާއެއް ކަމަށެވެ.