ގައިން ނުބައި ވަސް ކަނޑުވާލާނެ "ފަކުރު" ގޮތެއް

ގައިން ނުބައިވަސް ދުވާ ހެއްޔެވެ؟ ބައެއް މީހުން ކިތަންމެ ވަރަކަށް ފެންވެރިޔަސް އެމީހުންގެ ކިހިލިފަތްދަށުން ނުބައި ވަސް ކަނޑުވައެއް ނުލެވެ އެވެ. ނަމަވެސް ސައިންސުން މިކަމަށް ވެސް ހައްލެއް ހޯދައިދީފި ކަމަށް މި ވަނީ ބެލެވިފަ އެވެ. އެކަމަކު ވަރަށް ފަކުރު ކަމެކެވެ.


މީރު ވަސްދުވާ އެކި ފާޑުގެ ޑިއޯޑްރަންޓް މަތިން ހަނދާން ނައްތާލާށެވެ. ސައިންސްވެރިން ބުނަނީ އެހެން މީހެއްގެ ކިހިލިފަތްދަށުން ހިއްލާ ދަލުން އަނެކާ އަށް "ފަރުވާ" ލިބިދާނެ ކަމަށެވެ.

ސެން ޑިއޭގޯގެ ޔުނިވަސިޓީ އޮފް ކެލިފޯނިއާ އިން ކޮށްފައިވާ ދިރާސާއަކުން ހާމަވި ގޮތުގައި އާއިލާގެ މީހުންގެ ތެރެއިން ގައިން އެންމެ މީރު ވަސް ދުވާ މީހެއްގެ ކިހިލިފަތްދަށުގައި ހުންނަ ދާ، ނުބައި ވަސް ދުވާ މީހާގެ ކިހިލިފަތްދަށުގައި އުނގުޅުމުން އެމީހާގެ ގައިން ނުބައި ވަސް ދުވާލެއް ކުޑަ އެވެ.

މި ދިރާސާގައި އިސްކޮށް ހުންނެވި ޑރ. ކްރިސް ކޯލްވާޓް ވިދާޅުވީ ކިހިލިފަތިން ނުބައި ވަސް ދުވުމަށް މެދުވެރިކުރުވާ ޖަރާސީމުތަކުގެ ބަދަލުގައި، ނުބައި ވަސް ނުދުވާ ވައްތަރުގެ ޖަރާސީމު ކިހިލިފަތްދޮށަށް ލުމުން އެމީހާގެ ކިހިލިފަތްދަށުގައި މީރު ވަސް ދުވާ ބެކްޓީރިއާ އުފެދޭ ކަމަށެވެ.

މިއަށް ކިޔަނީ ބެކްޓީރިއާ ޓްރާންސްޕްލާންޓެވެ. މި ތިއަރީ ޓެސްޓްކުރުމަށްޓަކައި ޑރ. ކޯލްވާޓް ހޯދީ އެއް ސިފަޔަށް ތިބި އެއްމާބަނޑު ދެބެއިންނެވެ. މިތަނުން އެކަކީ ކިހިލިފަތިން ވަރަށް ނުބައި ވަސް ދުވާ މީހެކެވެ. އަނެކަކުގެ ގައިން ނުބައި ވަހެއް ނުދުވަ އެވެ.

ނުބައި ވަސް ނުދުވާ މީހާއަށް ޑޮކްޓަރު އިރުޝާދު ދެއްވީ ހަތަރު ދުވަސް ވަންދެން ކިހިލިފަތްދޮށް އެއްގޮތަކަށް ވެސް ނުދޮވެ ބެހެއްޓުމަށެވެ. އެއީ ނުބައި ވަސް ނުދުވާ ބެކްޓީރިއާ ގިނައިން އުފެއްދޭނެތީ އެވެ.

ނުބައި ވަސް ދުވާ މީހާއަށް އެންގީ އޭނާގެ ކިހިލިފަތްދަށް އެންޓިބެކްޓީރިއަލް ސައިބޯނިން ދޮވެ ސާފު ކުރުމަށެވެ. އެއީ ސާފުތާހިރުކޮށް ބެހެއްޓުމަށެވެ.

ދެން ޑރ. ކޯލްވާޓް ކުރެއްވި ކަމަކީ ނުބައި ވަސް ނުދުވާ މީހާގެ ކިހިލިފަތްދަށުން ހިއްލި ދާ ނުބައި ވަސް ދުވާ މީހާގެ ކިހިލިފަތްދަށުގައި ހޭކީ އެވެ. ނަތީޖާއަކީ ކިހިލިފަތްދަށުން ނުބައި ވަސް ދުވި މީހާގެ އެ މައްސަލަ ހައްލުވުމެވެ. ނުބައި ވަސް ނުދުވާތާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

ހަމަ މި ތަޖުރިބާ އިތުރު 17 މީހެއްގެ ހަށިގަނޑުގައި ވެސް ކުރި އެވެ. އެކަކު ފިޔަވައި ދެން ތިބި އެންމެންގެ ފަރާތުން ވެސް ނަތީޖާ ދެއްކީ ހަމަ ދާދި އެއްގޮތަކަށެވެ. މި އެންމެންނަށް ވެސް ފާހަގަކުރެވޭ މިންވަރަކަށް ހައްލު ލިބުނެވެ. އެކަމަކު އެކަކަށް ހައްލު ލިބެން ފެށީ މަހެއްހާ ދުވަސް ފަހުންނެވެ.

މިހާރު މި ސައިންސްވެރިންގެ ޓީމުން މަސައްކަތް ކުރަމުން ދަނީ އެންމެންނަށް ވެސް ބޭނުންކުރެވޭ ކަހަލަ މިފަދަ ބެކްޓީރިއާ ލެބޯޓްރީގައި އުފެއްދުމަށެވެ. އޭރުން ތިމާގެ މީހުންގެ ދާ ނުހާކާ ވެސް ފަރުޖެއްސިދާނެ އެވެ.