ފުންނާބު އުސް އެންމެ ރަނގަޅު ބޫޓަކީ ކޮބާ؟

އަންހެނުން އެންމެ ގަޔާވާ އެއް އެކްސެސަރީ އަކީ ބޫޓެވެ. އަދި އުސް ކަށި ހުންނަ ހީލް އަކީ އެންމެ މަގުބޫލު ސްޓައިލެވެ. އެކަމަކު ބަލައިލަން ހިތްގައިމު ނަމަވެސް މިއީ އަރައިގެން އުޅެން އުނދަގޫ އަދި ފަޔަށް ތަދުވާ ބޫޓެކެވެ.


ފަހުގެ ފެޝަން ވީކް ޝޯތަކުން ވެސް، އުސް ކަށި ހުންނަ ހީލް ފެނުން މަދުވެއްޖެކަން ފާހަގަވެ އެވެ. ގިނައިން ފެންނަނީ ތިރި ބޫޓު، ފައިވާން ނުވަތަ ފަލަ އަދި ފަތާ ހީލެއް ހުންނަ ބޫޓެވެ. އުސް ކަށި ހުންނަ ބޫޓުގެ ހީލް އަކީ ފަޔަށް ގެއްލުންހުރި ސްޓައިލަކަށް ވާތީ މިސްޓައިލް އުވާލަނީ ހެއްޔެވެ؟

އެމެރިކާގެ ބޫޓު ޑިޒައިނަރުން އަދި ޕޮޑިއެޓްރިސްޓުން މިކަމާ ބެހޭގޮތުން ގިނަ ދިރާސާތަކެއް ކޮށްފައިވެ އެވެ. އުސް ކަށި ހުންނަ ހީލް އަށް އެރުމުން ފައިގައި ރިއްސަނީ ކީއްވެކަމާއި މިކަން ހުއްޓުވަން ކުރެވޭނެ ބައެއް ކަންތައްތައް ވަނީ ދެނެގެންފަ އެވެ.

ފަލަ، ފަތާ ހީލެއް ހުންނަ ބޫޓު ސްޓައިލެއް

އުސް ކަށި ހުންނަ ހީލް އަށް އެރުމުން ފަޔަށް ތަދުވަނީ ކީއްވެ؟

ގިނަ ހީލްތަކުގައި އިންސޯލް ފަރުމާކޮށްފައި ހުންނަ ގޮތުން މީހާގެ ބަރުދަން ހުންނަނީ ކުރިއަށް ބަރުވާ ގޮތަށެވެ. އެހެންވެ އުސް ކަށި ހުންނަ ހީލް އަށް އެރުމުން ފައިތިލައިގެ ކުރިއަށް ތަދުވެ އެވެ. އަދި މީގައި ހިނގާއިރު ފައިތިލައިގެ ކުރިއަށް މީހާގެ ބަރު އާދެ އެވެ. މިހެން ވުމުން ފައިތިލަ ދުޅަވެ ފައިގައި ރިއްސަ އެވެ.

ފަލަ ކަށި ހުންނަ ހީލެއް

އެންމެ ރަނގަޅީ ކޮންކަހަލަ ހީލް އެއް؟

އުސްކޮށް، ކަށި ހިމަކޮށް ހުންނަ ހީލް އަށްވުރެ ފަލަކޮށް ނުވަތަ ފަތާކޮށް ހުންނަ ހީލް ރަނގަޅެވެ. އެއީ ފަތާ ހީލް އަށް މީހާގެ ބަރުދަން ބޮޑަށް ހިފޭތީ އެވެ. އަދި މިވައްތަރުގެ ހީލް އަކުން ފަޔަށް އިތުރު ސަޕޯޓް ވެސް ލިބޭނެ އެވެ. ފަލަ ކަށި ހުންނަ ހީލްގެ ސާފަސް އޭރިއާ ފުޅާވުމުން، ފުންނާބަށް އަދި ފައިތިލައިގެ ކުރިއަށް ވެސް ފަސޭހަ ވާނެ އެވެ.

ފައިތިލައަށް ތަދުވާ ނަމަ ކުރެވޭނެ ކަންތައްތަކަކީ ކޮބާ؟

ރީތި ކޮންމެ ސްޓައިލެއްގެ ބޫޓެއް ފަޔަށް ފަސޭހަ ނުވެދާނެ އެވެ. އުސް ހީލް އަށް އެރުމުން ފައިތިލާގައި ރިހޭ ނަމަ ބޫޓުގައި ޖެލް އިންސޯލްސް ހަރުކުރުން، މަޑު ކުޝަނެއް ހަރުކުރުން ނުވަތަ މިފަދަ މަޑު އިންސޯލެއް ބޫޓު ތެރެއަށް ލެވިދާނެ އެވެ. އެކަމަކު، ފައިތިލައަށް ކުރާ ބާރު ކުޑައެއް ނުކުރެވޭނެ އެވެ. ހީލްގައި ހިނގައި، ގިނައިރު ހުއްޓިގެން ހުރުން މަދުކުރުން ބުއްދިވެރި ކަމަށް ޑޮކްޓަރުން ނަސޭހަތްތެރިވެ އެވެ.