ގެދޮރުނެތް ބަލި މީހެއްގެ ދިރިއުޅުން ބަދަލުކޮށްލި އަންހެނެއް

ގެދޮރުނެތް، ނަފްސާނީ މައްސަލަތަކެއް ހުންނަ މީހެއްގެ ދިރިއުޅުން ބަދަލުކޮށްލުމުގައި އަންހެނަކު ކޮށްދިން އިންސާނީ ޚިދުމަތަށް ސޯޝަލް މީޑިއާގައި ތައުރީފުކުރަމުން އެބަދެ އެވެ.


ޓެކްސަސްގެ ކާރޫބާރޫ ބޮޑު މަގެއްގެ ކަންމަތީގައި ގިނަ ދުވަސްތަކެއް ވަންދެން މި މީހާ އުޅުނެވެ. ކިތަންމެ ފިންޏަސް އަދި ހޫނަސް އޭނާއަށް މައްސަލައެއް ނެތެވެ.

އެމެރިކާގެ ޓެކްސަސްގެ ކްލިއާ ލޭކްގައި ކާބޯތަކެތި ހަދައިގެން ވިއްކާ ޖިންޖާ ސްޓްރޯސް އަށް ވިކްޓާ ހުބާޑް، 32، ފާހަގަވި އެވެ. އޭގެ ފަހުން ހުބާޑް އުޅޭ ނޫޅޭގޮތް އޭނާ ބަލަމުން ދިޔަ އެވެ. އޭނާއަށް ފާހަގަ ކުރެވުނު ގޮތުގައި ކޮންމެ މޫސުމަކަސް ކޮންމެ ވަގުތަކަސް ހާބާޑް އޭނާ ހުންނަ ތަނަކުން ދުރަކަށް ނުދެ އެވެ.

ހުބާޑް ހުންނަނީ ސްޓްރޯސް މަސައްކަތްކުރާ ތަނާއި ގެއާ ދެމެދު ދަތުރުކުރާ މަގެއްގަ އެވެ. ދުވާލަކު ހަތަރު ފަސް ފަހަރު އޭނާ އެ މަގުން ދަތުރު ކުރިޔަސް ހާބާޑް އެތާ ނުހުންނަ ވަގުތަކާ ދިމަލެއް ނުވެ އެވެ. އެންމެ ފަހުން މި ފިރިހެން މީހާއާ ބައްދަލުކޮށް އޭނާ އެތާ ހުންނަ ސަބަބު އޮޅުން ފިލުވަން ސްޓްރޯސް ގަސްތުކުރި އެވެ.

އޭނާ ހުބާޑް ކައިރިއަށް ގޮސް ސުވާލުކުރުމުން އެނގުނީ އޭނާ އެ ހުންނަ މަގުގެ ކަނަކީ އެންމެ ފަހުން އޭނާގެ މަންމަ އޭނާއަށް ފެނުނު ތަން ކަމަށެވެ. އަދި މި މީހާއަކީ ސިކުނޑީގެ އުނިކަމެއް ހުންނަ މީހެއް ކަން ވެސް އެނގުނެވެ. ގެދޮރު ވެސް ނެތުމާ އެކު މަންމަ ހޯދަން އެ ތަނުގައި ހުރުން ފިޔަވައި އިތުރު ކަމެއް ކުރުމުގެ ޚިޔާލެއް ވެސް ހުބާޑްގެ ނެތެވެ. ސްޓްރޯސް އަށް ހުބާޑާ ބައްދަލުވި އިރު އެތާ އުޅޭތާ ތިން އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

ހުބާޑްއާ ބައްދަލުވެ އޭނާގެ ހާލަތު އެނގުމުން ސްޓްރޯސް އޭނާއަށް އެކި ގޮތްގޮތުން އެހީތެރިވާން ފެށި އެވެ.

ކޮންމެ ދުވަހަކު މެންދުރު ކެއުމަށް ލިބޭ ވަގުތުގައި ސްޓްރޯސް ހުބާޑް ކައިރިއަށް ގަވައިދުން ދާން ފެށި އެވެ. އަދި އޭނާއާ އެކު މެންދުރު ކާން ފެށި އެވެ. އެގޮތުން ވާހަކަ ދައްކަމުން ގޮސް އެކުވެރިކަން ބަދަހިކުރި އެވެ. އަދި ފިނި ގަދަ ވަގުތުތަކުގައި ސްޓްރޯސްގެ އާއިލާއާ އެކު އެ ގޭގައި އޭނާއަށް ހުރެވިދާނެކަމަށް ބުނެ ބައެއް ގަޑިތަކުގައި އެ ގޭގައި މަޑުކޮށްލަން ދައުވަތު ދިނެވެ.

އަދި ފޭސްބުކްގައި "ދިސް އިޒް ވިކްޓާ" ކިޔާ ޕޭޖެއް ސްޓްރޯސް ހެދި އެވެ. އެއީ އެ ހިސާބުގައި އުޅޭ އެންމެންނަށް ވެސް ހުބާޑް މަގުމަތީގައި ހުންނަތަން އަބަދުހެން ފެނިފައިވާނެތީ އެމީހުންނަށް ވެސް އެއީ ކާކުކަން އޮޅުން ފިލުވައިދިނުމުގެ ގޮތުންނެވެ. އަދި އެ ހިސާބުގަނޑުގެ މީހުންގެ ފަރާތުން ވެސް ހުބާޑަށް ބޭނުންވާ އެހީތެރިކަން ހޯދުމަށެވެ.

ފޭސްބުކްގައި ހުބާޑަށް ޚާއްސަކޮށް ސްޓްރޯސް ތައްޔާރުކުރި ޕޭޖްގައި ފުރަތަމަ އޭނާ ލިޔުނު ލިޔުމުގައި ވަނީ މިހެންނެވެ.

"ދުވާލަކު ހަތަރު ފަހަރު އެ މަގުން ދަތުރުކުރިޔަސް އަހަންނަށް މި މީހާއާ ދިމާވޭ. އަދި މީހުން އޭނާގެ ވާހަކަ ދައްކާ އަޑުވެސް އަހަންނަށް އިވޭ. ކޮންމެވެސް މީހަކު މީނާއަށް ކޮންމެވެސް ކަމެއް ކޮށްދޭން އެބަޖެހޭ. އަހަރެން މިކަން އިންތިޒާމްކުރާ އޮގަނައިޒަރަކަށް ވާނަން. މި ހިސާބުގަނޑުގެ އެންމެން އެކަތިގަނޑަކަށް ވެ މި "ކޮންމެވެސް މީހާ" އަށް އެހީތެރިކަން ފޯރުކޮށްދިނުން އެދެން."

ޑިސެމްބަރު މަހު މި ލިޔުން ޕޯސްޓްކުރި ފަހުން ހުބާޑަށް ގިނަ ބަޔަކު އެހީތެރިކަން ފޯރުކޮށްދިނެވެ. އަދި އޭނާ މެންޓަލް ހެލްތް ކްލިނިކަކަށް ދައްކައިގެން ބޭސް ކުރުމުގެ ކަންތައް ވެސް ހަމަޖެހުނެވެ. އަދި މަގުމަތީގައި ދިރިއުޅުނު މި މީހާއަށް ބޯހިޔާވަހިކަމެއް ފޯރުކޮށްދީ ސްޓްރޯސްގެ އަމިއްލަ ވިޔަފާރި ހިންގާ ބަދިގޭން ވަޒީފާއެއް ވެސް ހަމަޖައްސައިދިނެވެ.

ހުބާޑަށް އެހީތެރިވާން ސްޓްރޯސް ހުޅުވި "ގޯފަންޑްމީ" އަށް އެހިސާބުގަނޑުގެ ގިނަ ބަޔަކު ފައިސާގެ އެހީ ދީފައިވެ އެވެ. އެގޮތުން 200 ވަރަކަށް މީހުން 15،400 ޑޮލަރު މި ފަންޑަށް ހަދިޔާކުރި އެވެ. ހުބާޑަށް ކުއްޔަށް ތަނެއް ހިފައިދީ ބޯހިޔާވަހިކަން ފޯރުކޮށްދިނީ މި ފައިސާ އިންނެވެ.

މިހާރު އެހިސާބުގަނޑުގައި ދިރިއުޅޭ އެއްވެސް މީހަކަށް ހުބާޑަކީ ކާކު ކަމާއި އޭނާ ތިން އަހަރު ވަންދެން އެއް ގޯޅިއެއްގެ ކަންމަތީގައި ހުރީ ކީއްވެގެން ކަމެއް އޮޅިފައެއް ނެތެވެ. އަދި އޭނާއަށް އެހީތެރިވެދޭން ބޭނުންވާ ކޮންމެ މީހަކަށް ވެސް އެހީތެރިވެދިނުމުގެ ފުރުސަތު ވެސް ހުޅުވިގެން ދިޔަ އެވެ.

މި ފޭސްބުކް ޕޭޖްގައި ފަހުން ވެސް ސްޓްރޯސް ދަނީ ހުބާޑްއާ ގުޅޭ މައުލޫމާތުތައް އަޕްޑޭޓް ކުރަމުންނެވެ. އެގޮތުން އޭނާގެ ފަރުވާގެ ކަންތައް ކުރިޔަށްދާ ގޮތާއި އޭނާގެ ދިރިއުޅުމުގެ ހާލަތަށް އައި ބަދަލުތައް ހިއްސާކޮށްފައިވެ އެވެ. އަދި ހުބާޑްގެ އެކުވެރިންނަށް އޭނާ ދޭން ބޭނުންވާ މެސެޖް ވެސް ރެކޯޑްކޮށް މި ޕޭޖްގައި ޖަހާފައިވެ އެވެ.

ހުބާޑަށް އެހީތެރިވުމަކީ އެ ހިސާބުގަނޑުގައި އުޅޭ އެންމެންގެ ވެސް ޒިންމާއަކަށް މިހާރު ވަނީ ހަދާފަ އެވެ. އޭނާއަށް އަންނައުނު ހޯދުމާއި ލޯ ޓެސްޓްކޮށް ލޮލަށް ފަރުވާ ކޮށްދިނުން އަދި ނަފްސާނީ ޑޮކްޓަރެއް ކައިރިން ބޭސް ކޮށްދިނުން ވެސް އެއީ އެންމެން ގުޅިގެން ކުރަމުން އަންނަ ކަމެކެވެ. އަދި އެހިސާބުގައި ހުންނަ ލޯކަލް ފަޔާ ސްޓޭޝަނުން ހުބާޑަށް ބޭނުންވާ ބޭސް ގަނެދިނުމާ ވަނީ ހަވާލުވެފަ އެވެ. ސްޓްރޯސް އާއި އޭނާގެ އާއިލާއިން މިހާރު މަސައްކަތްކުރަނީ ހުބާޑަށް ދާއިމީ ބޯހިޔާވަހިކަމެއް ހޯދައިދިނުމަށެވެ.

ހުބާޑްގެ ފޭސްބުކް ޕޭޖް އިޝްތިހާރުވެ، ފަންޑު ހޯދަން އެމީހުން ހިންގި ކޮމިއުނިޓީ ޕްރޮޖެކްޓްގެ ސަބަބުން ސްޓްރޯސް އަށް ވަނީ ހުބާޑްގެ ބައެއް ބޮޑުބޭބެއިންނާ ވެސް ބައްދަލު ވެފަ އެވެ. އަދި އެމީހުންގެ ފަރާތުން ހުބާޑަށް އޭނާގެ މަންމަ ހޯދައި މަންމައާ ވާހަކަ ދެއްކުމުގެ ފުރުސަތު ވެސް ވަނީ ލިބިފަ އެވެ.

ޓީވީ ސްޓޭޝަނަކަށް ދީފައިވާ އިންޓަވިއުއެއްގައި ހާބާޑް ބުނީ މަންމައާ ވާހަކަ ދައްކާލުމުގެ ފުރުސަތު ލިބުމުން އޭނާ ކުރަން އެންމެ ބޭނުންވި ކަންތައް ކުރެވިއްޖެކަމުގެ އިހްސާސް ކުރެވުނު ކަމަށެވެ. ނަމަވެސް ފަގީރު އަދި ސިކުނޑިހަަމަނުޖެހޭ ދަރިފުޅަކު ދޫކޮށްލާފައި އޭނާގެ މަންމަ ދިޔަ ސަބަބެއް އަދި ނޭނގެ އެވެ.