ގެލަކްސީ އެސް8 ގައި "ފޭޝަލް ރިކޮގްނީޝަން" ޚާއްސަކުރަނީ މޮބައިލް ޕޭމަންޓަށް

ގެލަކްސީ ނޯޓް ހަތެއްގެ ސަބަބުން ސެމްސަންގް ވިޔަފާރި އަށް ވަނީ ހިޔަނި އެޅިފަ އެވެ. އެކަމުން ސަލާމަތްވެ، އިންވެސްޓަރުންނާއި ހިއްސާދާރުންގެ އިތުބާރު އަނބުރާ ހޯދުމަށް މި ވަގުތަށް ސެމްސަންގަށް އޮތް ވަސީލަތަކީ ގެލަކްސީ އެސް8 އެވެ. މާކެޓްގައި ނުފޫޒުގަދަ އާލާތަކަށް އެސް8 ވާން ޖެހެނީ މި ސަބަބަށްޓަކަ އެވެ. ސެމްސަންގް ފޯނަކަށް ދުވަހަކު ވެސް މީހުން ނުދޭ ސަމާލުކަން، އެސް8 އަށް ދޭނެކަން އެންމެން ވެސް ގަބޫލުކުރެ އެވެ.

ސެމްސަންގް ގެލަކްސީ އެސް8 ރިލީޒްކުރަން މާ ގިނަ ދުވަހެއް ދެނެއް ނެތެވެ. ވަގުތު ކުޑަތަންވަމުން އަންނައިރު، އެސް އަށަކާ ބެހޭ ގޮތުން ދެކެވޭ ވާހަކަތައް ވެސް ވަނީ ގިނަ އެވެ. ވާދަވެރިން އަދި ނުކުރާ ކަމެއް، އެސް އަށެއްގައި ވަނީ ކޮން ކަމެއްތޯ އަހާ މީހުން ވެސް އެހައި ގިނަ އެވެ.

މި އަހަރު ނެރެން ހުރި ފޯނުތަކަށް ބަލާއިރު، ގެލަކްސީ އެސް8 ގައި އާ ޓެކްނޮލޮޖީ ހިމަނާނެ އެވެ. ދެކެވޭ ވާހަކަތަކުގައި ވެސް ހުރީ އެ ރާގެވެ. ގެލަކްސީ ނޯޓް7 ގައި، ފޯނު "އަންލޮކް"ކުރުމަށް "ފޭޝަލް ރިކްގްނީޝަން" ޓެކްނޮލޮޖީ ބޭނުންކުރެވުނެވެ. އެސް8 ގައި ވެސް މި ޓެކްނޮލޮޖީ ހިމަނާނެކަން މިހާރު ވަނީ ޔަގީންވެފަ އެވެ. އެކަމަކު ނޯޓް ހަތަކަށް ވުރެ ފުޅާ ދާއިރާއެއްގަ އެވެ. ވާދަވެރިން އެންމެ ބޮޑަށް އަޅައިގަންނަނީ ވެސް މި ޓެކްނޮލޮޖީގަ އެވެ.

ގެލަކްސީ އެސް8 ގައި ފޭޝަލް ރިކޮގްނީޝަން ޓެކްނޮލޮޖީ ބޭނުންހިފާނެ ކަމަށް ބުނެވެނީ "މޮބައިލް ޕޭމަންޓް" އަށް އަމާޒުކުކޮށެވެ. އޮންލައިން ވިޔަފާރި ނޫނަސް ސްމާޓްފޯނު މެދުވެރިކޮށް ކުރެވޭ މާލީ މުއާމަލާތްތަކުގައި "ފޭޝަލް ޑިޓެކްޝަން" ހަރުދަނާކުރަން ސެމްސަންގުން ވަރަށް ބޮޑަށް ވިސްނާކަން އެނގެ އެވެ. އެކަމާ ގުޅުން ހުރި މަސައްކަތްތަކަށް ސެމްސަންގުން ވަނީ ވަރަށް ބޮޑަށް އިންވެސްޓްކޮށްފަ އެވެ.

އަލަށް ނެރޭ ކޮންމެ ފޯނެއްގައި ވެސް ބަލާލަން ރީތި ސިފަތަކެއް ހުރެ އެވެ. ގެލަކްސީ އެސް8 ގައި ވެސް އެ ސިފަތައް ހުންނާނެ އެވެ. އެހެން ނަމަވެސް މޫނަށް ބަލައި ފައިސާ ކެނޑުން ފަދަ ޒަމާނީ ފަސޭހަަތަކަށް ތައުރީފު ހައްގެވެ. މީޑިއާ ސުރުޚީތައް ވެސް މި މައުލޫ އަށް ވަނީ ޚާއްސަކޮށްފަ އެވެ.