އުމުރުން 69 އަހަރުގެ މަންމަ 30 އަހަރުގެ ދަރިފުޅު ގެންގުޅެނީ ބުރަކަށިމަތީގައި

ދަރިންނަށް މައިންބަފައިން ވާ ގުރުބާނީގައި މިއީ މިސާލެކެވެ. މިއި ފިލިޕީންސްގައި އުޅޭ މަންމައެއްގެ މިފަދަ ވާހަކައެކެވެ.


ޖޫލިއޭޓާ ލޮރެންޒޯ އަކީ 69 އަހަރު ވެފައިވާ ބަލި މީހެކެވެ. ނަމަވެސް މައިވަންތަކަމުގެ ލޯބީގެ ވަރަށް ފުރިހަމަ މިސާލެއް ދަނީ ދައްކަމުންނެވެ. ޖޫލިއޭޓާ އޭނާގެ 30 އަހަރުވެފައިވާ ދަރިފުޅު ބުރަކަށިމަތީ ބާއްވައިގެން ތަންތަނަށް ގޮސް އުޅޭތަން ފެނުނު މީހަކު އޭނާގެ ފޭސްބުކް ޕޭޖްގައި ފޮޓޯތަކާ އެކު ހިއްސާކޮށްފައިވެ އެވެ.

ފޮޓޯތައް އާންމުކުރި ޖިލްބްރެޑް ކާގޭސަން އެލްސެގޮން ޖޫނިއާ ބުނި ގޮތުގައި ޖޫލިއޭޓާ އޭނާގެ ނުކުޅެދޭ ދަރިފުޅު ބުރަކަށިމަތީގައި ބާއްވައިގެން އުޅޭ ގޮތް ފެންނަ ކޮންމެ މީހެއްގެ ހިތަށް ވެސް އިންތިހާއަށް އަސަރު ކުރާނެ އެވެ.

ޖިލްބްރެޓަށް ޖޫލިއޭޓާގެ ދެމައިން ފެނުނީ ބޭންކެއްގެ ތެރެއިންނެވެ. އޭނާ ބުނި ގޮތުގައި މި ދެ މައިން ބެންކަށް ވަދެގެން ދިޔަ ތަން ފެނިފައި އެތަނުގައި ތިބި މީހުންނަށް ވެސް ވަރަށް އަސަރު ކުރި އެވެ. އެހެންވެ ޖޫލިއޭޓާ އާއި އޭނާގެ ދަރިފުޅު މޭރީ ޖޭން އަށް އެހީވާން އެންމެން ވެސް ބޭނުންވި އެވެ. އަދި އެކަމުގައި އިސްނަގަން ޖޫލިއޭޓާ އަށް ހުށަހެޅި އެވެ. ނަމަވެސް އެއްވެސް މީހެއްގެ އެހީތެރިކަމެއް ބޭނުމެއް ނުވި އެވެ. ޖޫލިއޭޓާ ބުނީ އޭނާ ނޫން އެހެން މީހެއްގެ ބުރަކަށީގައި އޮންނަން ދަރިފުޅު ބޭނުން ނުވާ ކަމަށެވެ.

ޖިލްބްރެޑް ބުނި ގޮތުގައި އޭނާ ވެސް ޖޫލިއޭޓާ އާއި މޭރީ ޖޭން އަށް މިއަށްވުރެ ބޮޑަށް އެހީތެރިވާން ބޭނުމެވެ. ނަމަވެސް އަމިއްލަ މަންމައަށް ވެސް ވަރަށް ބޮޑަށް އެހީތެރިކަން ދޭން ޖެހިފައި ވާތީ އެހެން މީހަކަށް އެހީވެވެން ނެތީ ކަމަށް ބުންޏެވެ. އެހެންވެ ޖޫލިއޭޓާ އާއި މޭރީ ޖޭންގެ ފޮޓޯ އާއި ވީޑިއޯ ނަގައިގެން އެމީހުން އުޅޭ ހާލު ސޯޝަލް މީޑިއާގައި ހާމަކުރަން ގަސްތުކުރީ އެވެ. އޭނާގެ އުންމީދަކީ ކޮންމެވެސް ބަޔަކު މި ދެ މައިންނަށް އެހީވުމެވެ.

ގިލްބްރެޑް އޭނާގެ ފޭސްބުކް ޕޭޖްގައި މި ދެ މައިންގެ ވީޑިއޯ އާއި ފޮޓޯތައް އާއްމު ކުރުމާއެކު އެ އަވަށުގެ ޓީވީ ނެޓްވާކަކުން ވަނީ ޖޫލިއެޓާ އާއި އޭނާގެ ދަރިފުޅު ހޯދުމުގައި ކާމިޔާބު ހޯދާފަ އެވެ. އެމީހުންނަށް އެނގުނު ގޮތުގައި ޖޫލިއޭޓާގެ ދަރިފުޅުގެ އުމުރުން ތިން އަހަރުއްސުރެ އެއްފަޅި ވަނީ ވާގި ނެތިފަ އެވެ. އަދި އޭނާއަކަށް ވާހަކައެއް ވެސް ނުދެއްކެ އެވެ.

ޖޫލިއޭޓާ ކިޔައިދީފައިވާ ގޮތުގައި އޭނާ އާއި ދަރިފުޅު އެމީހުންގެ ކުޑަކުޑަ ގޭގައި އެކަނިމާއެކަނި ދިރިއުޅޭތާ 25 އަހަރު ވެއްޖެ އެވެ. ކިތަންމެ ކުޑަ އިރުކޮޅަކަށް ވެސް ދަރިފުޅު ނުފެންނަ ހިސާބަށް ދާން ބޭނުން ނުވާ ކަމަށް ޖޫލިއޭޓާ ބުންޏެވެ. ސަބަބަކީ އޭނާގެ ދަރިފުޅަކީ އެއްވެސް އާރެއް ބާރެއް ނެތް ހާލަތުގައި އޮތް މީހަކަށް ވާތީ މީހަކު ދަރިފުޅާ ބެހި އަނިޔާއެއް ދީފާނެތީ ބިރުންނެވެ. ދަރިފުޅުގެ ބައްޕަ އަކީ ކޮބައިކަމެއް އަދި އެމީހުންގެ އާއިލާއާ ބެހޭ އެއްވެސް ކަމެއް ޖޫލިއޭޓާ ހާމައެއް ނުކުރެ އެވެ.

ޖޫލިއޭޓާ ބުނި ގޮތުގައި ގިލްބްރެޑަށް އޭނާ އާއި ދަރިފުޅު ފެނުނު ދުވަހަކީ ކޮންމެ މަހަކު ޕެންޝަނަށް ލިބޭ 2،000 ޕޭސޯ (ގާތްގަނޑަކަށް 39.85 އެމެރިކާ ޑޮލަރު) ނަގަން ބެންކަށް ދިޔަ ދުވަހެވެ. އެ މީހުންނަށް ލިބޭ ހަމައެކަނި އާމްދަނީއަކީ މިއީ އެވެ.

ކޮންމެ މަހަކު ލިބޭ ފައިސާކޮޅުން ކެއުމަށް ހަރަދުކޮށްފައި ދަރިފުޅުގެ ފަރުވާއަށް ހަރަދުކުރާކަށް ނުހުރެ އެވެ. އެހެންވެ އެހެން މީހުންގެ އެހީތެރިކަމަށް އިންތިޒާރުކުރުން ނޫން ގޮތެއް ނެތެވެ.