އޮޕްރާ ވިންފްރީ މުޅިން ބަދަލުވެފައި

ބަރުދަން ލުއިކޮށް، ހިކެން ބޭނުން ނަމަ، މަޝްހޫރު ޓީވީ ހޯސްޓް އޮޕްރޭ ވިންފްރީއަކީ މިހާރު ނަމޫނާއަކަށް ބަލަން ޖެހޭ ވަރުގެ މީހެއް ކަމަށް ހޮލީވުޑްގެ ބަތަލާ ކޭޓް ހަޑްސަން ބުނެފި އެވެ.


ކުރިން ފަލަކޮށް ހުރި އޮޕްރާ ވަނީ އަހަރު ދުވަހުގެ ތެރޭގައި ކުރި މަސައްކަތުން ބަރުދަން ލުއިކޮށް، ހަށިގަނޑު ވަރަށް ބޮޑަށް ބައްޓަންކޮށްފަ އެވެ. އަދި އޭނާ ވަނީ ދުޅަހެޔޮ ސިއްހަތެއްގައި ދެމި ހުންނަން ކެވިދާނެ ފައިދާ ހުރި ކާނާތަކާ ބެހޭ ގޮތުން ފޮތެއް، ލިޔެ ނެރެފަ އެވެ.

ޖެނުއަރީ މަހު ނެރުނު އެ ފޮތުގެ ނަމަނީ "ފުޑް، ހެލްތު އެންޑް ހެޕިނެސް: 115 އޮން ޕޮއިންޓް ރެސިޕިސް ފޮ ގްރޭޓް މީލްސް އެންޑް ބެޓަ ލައިފް" އެވެ.

ހައު ޓް ލޫޒް އައި ގާއި އިން 10 ޑޭސް އާއި އޯލްމޮސްޓް ފޭމަސް ފަދަ ފިލްމްތައް ކުޅެފައިވާ ހަޑްސަން، 37، ވޯހް މަޖައްލާ އަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާ މިހާރު ނަމޫނާ މީހަކަށް ބަލާ މީހަކީ ވިންފްރީ ކަމަށެވެ.

އޭނާ ބުނީ އޮޕްރާ ސާބިތުކޮށް ދިނީ ކަސްރަތާ އެކު ރަނގަޅު ޑައިޓަކުން ނަތީޖާ ނެރެވިދާނެކަން ކަމަށެވެ.

އޮޕްރާ ވިންގްރީގެ ކައްކާ ފޮތް.

"އެ ނޫން މީހެއްގެ ނަން ހިތަކަށް ވެސް މިހާރަކު ނާދޭ، ބަރުދަން ލުއި ކުރުމާ ބެހޭ ގޮތުން ވާހަކަ ދައްކާ އިރު،" މިދިޔަ އަހަރު ނިކުތް "ޑީޕް ވޯޓަ ހޮރައިޒަން" ގެ ބަތަލާ ބުންޏެވެ.

އޭނާ ބުނީ ހަށިގަނޑު ރީތިކޮށް ބެހެއްޓުމަކީ ހަމައެކަނި ބަރުދަން ލުއި ކުރުން ކަމަށް ނުދެކޭ ކަމަށެވެ.

"މީހާ ޓޯންވެލާފައި، ރީތި ހެދުމެއް ލައިގެން ހުންނަ އިރު، އެ ހެދުމުގެ ރީތިކަން ވެސް ހަށިގަނޑުން ފެނުމަކީ އަސްލު ރީތިވުމަކަށް ވާނީ،" ހަޑްސަން ބުންޏެވެ.

އޭނާ ބުނި ގޮތުގައި އަންހެނުންނަކީ ފިރިހެނުންނާ ބަލައިފައި ހަށިގަނޑުގެ ގޮތުން ވަރަށް ތަފާތު ބައެއް ކަމަށެވެ. އަދި ވިހެއުން ފަދަ ކަންކަމާ އަންހެނުން ކުރިމަތިލާން ޖެހޭތީ، ހަށިގަނޑަށް އަންނަ ބައެއް ބަދަލުތަކަކީ މައްސަލައަކަށްވެގެން ކޮންމެހެން އުޅެން ނުޖެހޭ ކަމަށް ބުންޏެވެ.

"އަންހެނަކަށްވީތީ ވެސް އަހަރެމެން މި ތިބެނީ ތަފާތުކޮށް. މީގައި މުހިއްމު ތިމާގެ ހަށިގަނޑު ދެކެ ލޯބިވުމާ އެކު މެއިންޓެއިން ކުރަން މަސައްކަތް ކުރުން." މިއުޒިޝަން ކްރިސް ރޮބިންސަންއާ ކުރި ކައިވެންޏަށް ދެ ދަރިން ލިބިފައިވާ ބަތަލާ ބުންޏެވެ.