ފޯނާއި ޓެބްލެޓާ ކުޅޭ ކުދިންގެ ނިދި މަދު

ސްމާޓްފޯނާއި ޓެބްލެޓް ފަދަ، ޓަޗްސްކްރީން ހުންނަ ޑިވައިސްތައް ބޭނުންކުރާ ކުޑަކުދިން ނިދާ މިންވަރު، އެފަދަ އެއްޗިއްސާ ނުކުޅޭ ކުދިންނާ އަޅާބަލާއިރު މަދު ކަމަށް ދިރާސާ ޓީމަކުން ބުނެފި އެވެ.


ޔުނިވަސިޓީ އޮފް ލަންޑަނުގެ ތަޖުރިބާކާރުން ކުރި މި ދިރާސާއަަށް ފަހު ބުނީ ކުއްޖަކު ޓަޗްސްކްރީން ޑިވައިސްއަކާ ކުޅެން ހޭދަކުރާ ކޮންމެ އެއް ގަޑިއިރަކަށް 15 މިނެޓްގެ ނިދި މަދުވާ ކަމަށެވެ. ނަމަވެސް ޓަޗްސްކްރީނާ ގިނައިން ކުޅޭ ކުދިންނަށް، އެއްޗެހީގައި ހިފައި، އެއްޗެހި ގެންގުޅެން އަވަހަށް ދަސްވާ ކަމަށް ދިރާސާއިން ދެއްކި އެވެ.

ދިރާސާގައި ބުނެފައި ވަނީ ޓަޗްސްކްރީން ބޭނުންކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައި ވިޔަސް އޭގެ ސަބަބުން ކުދިންނަށް ކުރާ އަސަރާ މެދު އޮންނަނީ ވިސްނާނުލެވިފައި ކަމަށެވެ. މި ދިރާސާގެ ނަތީޖާ އަކީ ބެލެނިވެރިން ކަންބޮޑުވާންޖެހޭ ކަމެއް ނޫން ކަމަށާއި އެކަމަށް ސަމާލުކަން ދީގެން މި މައްސަލައަށް ހައްލު ހޯދޭނެ ކަމަށް ދިރާސާ ޓީމުން ބުނެފައިވެ އެވެ.

މި ދިރާސާ ކުރުމަށް، އުމުރުން ތިން އަހަރުން ދަށުގެ ކުދިންގެ 715 ބެލެނިވެރިޔަކާ ސުވާލުކޮށް މައުލޫމާތު ހޯދާފައިވެ އެވެ. އެގޮތުން، ފޯނާއި ޓެބްލެޓާ ކުޅޭ މިންވަރާއި ކުދިންގެ ނިދީގެ އާދަ ހުރި ގޮތް ބެލި އެވެ.

ދިރާސާއިން ދެއްކީ މީގެ ތެރެއިން އެންމެ ގިނައިން ޑިވައިސްތައް ބޭނުންކުރި ކުދިންގެ ނިދި މަދުކަމެވެ. އެގޮތުން، ޑިވައިސްތައް ބޭނުންކުރި ކޮންމެ ގަޑިއިރަކަށް، އެވްރެޖްކޮށް 15 މިނެޓްގެ ނިދި މަދުވެފައިވެ އެވެ.

މީގެ ކުރީގެ ބައެއް ދިރާސާތަކުން ވެސް ވަނީ ފޯނާއި ޓެބްލެޓް އަދި ލެޕްޓޮޕް ފަދަ ސްކްރީންތަކުގެ އަލީގެ ސަބަބުން ނިންޖަށް ނޭދެވޭ އަސަރު ކުރާކަން އެނގިފަ އެވެ. އެހެންވެ، ނިދާ ވަގުތާ ކައިރިކޮށްފައި ނުވަތަ ނިދަން އޮވެގެން ސްކްރީނަށް ބެލުމަކީ އަރާމު ނިންޖަކަށް އެޅޭ ވަރަށް ބޮޑު ހުރަހެއް ކަމަށް ދިރާސާގައި ބުނެ އެވެ.