"ސްޓްރެސް" އޭ ނުކިޔާ! ސްޓްރެސް ވެދާނެ

ކުރަންޖެހޭ މަސައްކަތް ގިނަކަމުން ނުވަތަ ދިމާވާ ކަމަކާ ހެދި ސްޓެރެސް ވެގެން އުޅޭ ކަމަށް އެހެން މީހުން ގާތު ބުނަންހެއްޔެވެ؟ ތިޔައީ އަބަދު ސްޓްރެސްގެ ވާހަކަ ދައްކާ މީހެއް ނަމަ އެ ވާހަކަ ދެއްކުން މަދުކޮށްލުން ރަނގަޅުވާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.


"ވެލް އެންޑް ގުޑް" އަށް ދިން އިންޓަވިއުއެއްގައި ސްވާސްކީ ބުނީ ސްޓްރެސްގެ ވާހަކަ ދެއްކުމުން ސްޓްރެސްއާ ގުޅުން ހުރި ކެމިކަލްތައް އިތުރުވާ ކަމަށެވެ. އަދި ހަމަ އެއާ އެކު، ހިތްހަމަޖެހުމާއި ކަންކަން ރަނގަޅު ކަމުގެ އިހްސާސްކޮށްދޭ، ސިކުނޑީގެ ޓްރާންސްމިޓަރުތައް ވެސް ސްޓްރެސްގެ ވާހަކައިން ސްޓްރެސްކުރުވާ ކަމަށް ސްވާސްކީ ބުންޏެވެ.

"ހިތުގެ ހިނގުން އަވަސްވޭ، ނޭވާ އަވަސްވޭ، ލޭގެ ޕްރެޝަރު އަވަސްވޭ. ކަންކަމާ ރަނގަޅަށް ނުވިސްނި ބިރާއި ހާސްކަމުގެ ތެރެއަށް މީހާ ގެންދޭ،" ސްވާސްކީ ބުނެފައިވެ އެވެ.

އޭނާގެ ލަފަޔަކީ ސްޓްރެސްގެ އަސަރު ކުޑަކުރަން ބޭނުން ނަމަ ސްޓްރެސް އާއި އެކަމާ ގުޅުން ހުރި ވާހަކަތަކާއި އެފަދަ ވިސްނުންތަކާ ވެސް ދުރުވުމެވެ.

އަޔުރެދިކް ޑޮކްޓަރެއް ކަމަށްވާ ޕްރަތީމާ ރައިޗޫރް ވެސް "ވެލް އެންޑް ގުޑް" އަށް ބުނެފައި ވަނީ ސްޓްރެސްއާ ދުރުވާން "ބަސްކޮށާރު ބަދަލުކުރަންޖެހޭ" ކަމަށެވެ. އޭނާ ބުނެފައި ވަނީ ވާހަކަ ދައްކާއިރު ޕޮޒިޓިވް ބަސްތައް ބޭނުންކުރުން، ސްޓްރެސް އިން ސަލާމަތްވުމަށް މުހިންމު ކަމަށެވެ.